ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ތެރެއިން އެމްޑީޕީގެ އިތުރު ކެންޑިޑޭޓުންތަކެއް ނަން އަނބުރާ ގެންގޮސްފިއެވެ.
ކައުންސިލް މެމްބަރުކަމަށް ކުރިމަތިލާފައިވާ ކެނޑިޑޭޓުންގެ ތެރެއިން ނަން އަނބުރާ ގެންދިޔަ އެމްޑީޕީގެ ދެ ކެނޑިޑޭޓުންނަކީ، ޅ. ނައިފަރު ކައުންސިލްގެ މެންބަރުކަމަށް ކުރިމަތިލާފައިވާ އަބްދުލްވާހިދު ހުސައިން، ކެނޑިޑޭޓް ނަންބަރު 15ގެ އިތުރުން ނ. މަނަދޫ ކައުންސިލަށް ކުރިމަތިލާފައިވާ ކެނޑިޑޭޓް، ހަސަން ނާއިފް، ކެނޑިޑޭޓް ނަންބަރު 10 އެކެވެ.
އަންހެންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބުގައި ވާދަކުރާ ކެނޑިޑޭޓުންގެ ތެރެއިން ހދ. ކުރިނބި ކައުންސިލަށް އެމްޑީޕީން ވާދަކުރައްވާ ފާތިމަތު އިނާޔާއެވެ. ދެން ނަން އަނބުރާ ގެންގޮސްފައިވަނީ ބ. ފުޅަދޫ އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީ އަށް އަމިއްލަ ގޮތުން ވާދަކުރާ ކެނޑިޑޭޓް އިހުސާނާ އަލީއެވެ.
މި ހަތަރު ކެނޑިޑޭޓުން ނަން އަނބުރާ ގެންދިޔުމާއި އެކު ނަން އަނބުރާ ގެންދިޔަ ކެނޑިޑޭޓުންގެ އަދަދުވަނީ 63 އަށް އަރާފައެވެ. އެންމެ ގިނައިން ނަން އަނބުރާ ގެންގޮސްފައިވަނީ އަމިއްލަ ގޮތުން ވާދަކުރާ ފަރާތްތަކެވެ.
ކައުންސިލް އިންތިހާބު: ނަން ނެގި ކެންޑިޑޭޓުންގެ އަދަދު
- އެމްޑީޕީ 13 ކެންޑިޑޭޓުން
- ޕީޕީއެމް 5 ކެންޑިޑޭޓުން
- ޖުމްހޫރީ ޕާޓީ 4 ކެންޑިޑޭޓުން
- އަމިއްލަ 20 ކެންޑިޑޭޓުން
އަންހެނުންގެ ކޮމެޓީގެ އިންތިހާބު: ނަން ނެގި ކެންޑިޑޭޓުންގެ އަދަދު
- އެމްޑީޕީ 15 ކެންޑިޑޭޓުން
- ޕީޕީއެމް 2 ކެންޑިޑޭޓުން
- އަމިއްލަ 4 ކެންޑިޑޭޓުން