އޯތޮޕީޑިކް ދާއިރާ ތަރައްގީކުރުމާ ގުޅޭގޮތުން ނައިބު ރައީސް މަޝްވަރާކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، މޯލްޑިވިއަން އޯތޮޕީޑިކް އެސޯސިއޭޝަންގެ މެންބަރުންނާ ބައްދަލުކުރައްވައި، އެ ދާއިރާއިން މީހުން ބިނާކުރުމާއި ތަމްރީނުކުރުމާއި ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން ބޭއްވެވީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ބައްދަލުކުރެއްވުމުގައި މޯލްޑިވިއަން އޯތޮޕީޑިކް އެސޯސިއޭޝަންގެ ފަރާތުން ބައިވެރިވެވަޑައިގެންނެވި ބޭފުޅުން ވަނީ، ރާއްޖޭގެ ކަށީގެ ބަލިތަކާ ގުޅޭ ތަފާސް ހިސާބު ހިމެނޭ ޕްރެސެންޓޭޝަނެއް ހުށަހަޅުއްވާފައެވެ. އެ ޕްރެސެންޓޭޝަންގައި އެބޭފުޅުން ފާހަގަކުރެއްވެވި ކަންތައްތަކުގެ ތެރޭގައި ކަށީގެ ބަލިތަކަށް ފަރުވާ ހޯދާ މީހުން ރާއްޖޭގައި ނިސްބަތުން ގިނަކަން ފާހަގަކުރައްވައި، އެކަށީގެންވާ ފަރުވާ ދިނުމަށް ބޭނުންވާ މިންވަރަށް ކަށީގެ ޚާއްޞަ ޑޮކްޓަރުން ލިބެންނެތްކަން ފާހަގަކުރައްވާފައިވެއެވެ. އަދި، އެ ބޭފުޅުން ވަނީ މި ދާއިރާއިން ދިވެހި ޑޮކްޓަރުން ތަމްރީނުކުރުމުގެ މުހިންމު ކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި އެކަމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ވާހަކަފުޅު ދައްކަވާފައެވެ.

މީގެ އިތުރުން މޯލްޑިވިއަން އޯތޮޕީޑިކް އެސޯސިއޭޝަންގެ މެންބަރުން ވަނީ ތަމްރީނުވެފައިވާ މީހުން ނުލިބުމުގެ ސަބަބުން ކުރިމަތިވާ މައްސަލަތައް ޙައްލުކުރުމަށާއި، ރާއްޖޭގައި ކަށީގެ ބަލިތަކަށް ޚާއްޞަ ޑޮކްޓަރުން ތަމްރީނުކޮށް އެ ދާއިރާގެ ޚިދުމަތްތައް އިތުރަށް ފުޅާކުރުމުގެ ގޮތުން ޤައުމީ ޔުނިވަރސިޓީއާ ގުޅިގެން މީހުން ތަމްރީނުކުރުމުގެ ޕްރޮގްރާމެއް ފެށުމަށް ތައްޔާރުވަމުންދާކަން ފާހަގަކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި، މޯލްޑިވިއަން އޯތޮޕީޑިކް އެސޯސިއޭޝަންގެ މެންބަރުން އިސްނަންގަވައިގެން އެ ދާއިރާ އިތުރަށް ފުޅާކުރެއްވުމަށް ޤައުމީ ރޫހެއްގައި މަސައްކަތް ކުރައްވާތީ އެކަމާ އުފާކުރައްވާކަމަށާ އަދި ސަރުކާރުގެ އެންމެ އިސް އެއް އަމާޒަކީ ވެސް ރާއްޖެއަށް މީހުން ބޭނުންވާ ދާއިރާތަކަށް އިސްކަންދީގެން މީހުން ބިނާކުރުމަށް އިސްކަންދީ ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު މަތިކުރުން ކަމުގައި ވަނީ ފާހަގަކުރައްވާފައެވެ. މީގެ އިތުރުން އެމަނިކުފާނު ވަނީ މޯލްޑިވިއަން އޯތޮޕީޑިކް އެސޯސިއޭޝަންގެ މެންބަރުން އެ ދާއިރާ ތަރައްޤީކުރުމުގައި ބޭނުންވާ ފުރިހަމަ އެއްބާރުލެއްވުމާއި އެހީތެރިކަން ދެއްވާނެކަމުގެ ޔަޤީންކަންދެއްވާފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!