ކަޅުވިލާ: މުހައްމަދު ޤާސިމް

(ހޯމަ ދުވަހުގެ ބަޔާއި ގުޅޭ)

އެއަށްފަހު ދެން އަހަރެންގެ ލޮލަށް ފެނިގެން ދިޔައީ މިސްހެލަން ވަދެގެން އަންނަ މަންޒަރެވެ. އޭނާގެ މޫނުމަތިން، ތަފާތު އެތައް ކުލައެއް ފެންނަމުން ދެއެވެ. ހިނިއަންނަހެން ވެސް ހީވެއެވެ. ރޮއިގަތުމަށް އުޅޭހެން ވެސް ހީވެއެވެ. އަހަންނާ ހަމައަށް އާދެވުނުއިރު، އެ ދެލޮލުން ކަރުނަ އޮހެންފަށައިފިއެވެ.

“ރީޝާ ދަރިފުޅާ! ކޮންހާލެއް؟”

ހެލަން އައިސް އަހަރެންގާތަށް ހުއްޓުނުއިރު، އަހަންނަށް އުޅެވުނީ ކެއްސުންވަރު އައިސްގެންނެވެ. އޭނާ އައިސް އަހަރެންގެ މޭގައި ފިރުމައިލިއެވެ. އަހަރެން ހިނިތުންވެލަން ކުރި މަސައްކަތް ކާމިޔާބު ނުވެގެން އުޅެނިކޮށް، އަނގައިން ލޭތަކެއް އޮހިގެންފިއެވެ. މި މަންޒަރު ފެނިފައި، ހެލަންގެ ދެ ލޯ ބޮޑުވެގެން ދިޔަތަން އަހަރެން ދުށީމެވެ.

“ރީޝާ! ކިހިނެއް ތި ވަނީ؟”

ހެލަން ހުރީ ވަރަށް ބޮޑަށް ހާސްވެފައެވެ. އޭނާ އަވަސް އަވަހަށް އެ ތަނުން ޓިޝޫއެއް ނަގައިގެން، ލޭތައް ފޮހެން ފެށިއެވެ. އޭރު ކެއްސުންވަރު ކޮންމެވެސް ވަރަކަށް މައިތިރިވެލައިފިއެވެ.

އަނގައިން ފައިބައިފައިހުރި ލޭތައް ފެނުމާއެކު، އަހަންނަށް ވީގޮތް ވެސް ނޭނގުނެވެ. ރޮވިއްޖެއެވެ. ހަމަރަނގަޅަށް ރޮވިއްޖެއެވެ. އޭރު ހެލަންގެ އެ މުސްކުޅި ދެ ލޮލުން ވެސް ކަރުނަ އޮހެމުން ދެއެވެ. އޭނާ އުޅުނީ ޑޮކްޓަރަކަށް ގޮވާށެވެ. އަހަރެން އެކަން މަނާކުރީ، އެއީ ބޭކާރުކަމެއްހެން ހީވާތީއެވެ. އަހަރެންގެ ހަށިގަނޑުގައި އަޅާ ވޭނާއި ކެޅުން އިހުސާސް ކުރެވޭނީ އަހަންނަށްތާއެވެ.

“ދެން ނުރޮއި ދަރިފުޅާ! އިރާދަކުރެއްވިއްޔާ ދެން ހުރިހައި ކަމެއްވެސް ދާނީ ރަނގަޅަށް….” އެއީ ހިތްވަރުގެ ބަހެވެ. އެކަން އަހަންނަށް އެނގެއެވެ. އެއްވެސް ކަމެއް ރަނގަޅަށް ނުދާނޭކަން ވެސް އެނގެއެވެ. އަހަރެންގެ އެތެރެހަށި މިހާރު ވަނީ ކުދިކުދިވެފައެވެ. ކެއްސާލެވޭ ކޮންމެ ފަހަރަކު ލޭގެ ސިފައިގައި ފައިބަމުން އެ ދަނީ އޭގެ އެތިކޮޅުތަކެވެ.

ކަން ކޮންމެ ގޮތަކަށް އޮތްނަމަވެސް، ހެލަންގެ ނަސޭހަތަށް އިޖާބަދޭން އަހަރެން ބޭނުމެވެ. ހަމައެކަނި އޭނާގެ ހިތަށް ލުޔެއް ހޯދައިދިނުމަށެވެ. އެހެންކަމުން ވަރަށް ހިތްވަރުކޮށްފައި، ރުއިން ހުއްޓާލެވޭތޯ އަހަރެން ކުރި މަސައްކަތް ކޮންމެވެސް ވަރަކަށް ކާމިޔާބު ކުރެވިއްޖެއެވެ.

އެކި އެކި ވާހަކަ ދައްކަން ވަރަށް ގިނައިރު ހެލަން އަހަރެންގާތު އިނެވެ. ވީނުވީއެއް ނޭނގި، ޖޯން ގެއްލުނު ވާހަކައާއި، އޭގެ ފަހުން އެ ގޭގައި އުޅެނީ އޭނާ އެކަނިކަމުގައި ބުންޏެވެ. އަދި ޖޯން އަހަންނަށް ހުރިހާކަމެއް ވެސް ކުރީ އޮޅުވާލައިގެން ކަމާއި އޭނާގެ މައިން ބަފައިން އޭނާ ވަރަށް ޅައުމުރުގައި ނިޔާވެފައިވާ ކަމަށް ބުންޏެވެ. އޭގެ ފަހުން އޭނާ އުޅެމުން އައީ ވަރަށް ފަގީރު ނިކަމެއްޗެއްގެ ގޮތުގައި ކަމަށާއި އެ ގެއަކީ ކޮންމެވެސް މީހަކު އޭނާއަށް ގަނެދިން ގެއެއްކަމަށް ވެސް ބުންޏެވެ.

ހެލަން ދެއްކި ވާހަކަތަކުން އަހަންނަށް އެނގުނީ، ޖޯންއާ ބެހޭގޮތުން އަހަންނަށް އެނގޭވަރާ ގާތަށް ވެސް އޭނާއަށް އެއްޗެއް ނޭނގޭކަމެވެ. ހެލަން ބުނިގޮތުން، ޖޯންގެ މަސައްކަތަކީ ދުނިޔޭގެ އެތަން މިތަނުން ރީތި އަންހެންކުދިން، އޭނާއަށް ލިބިފައިވާ ރީތިކަމުގެ ދަޅައިގައި ޖައްސައިގެން ގެނެސް، އެގޭގައި އެއް ދުވަހު ނުވަތަ ދެ ދުވަހު ބައިންދާފައި، ގެންދާ ތަނަކަށް ގެންދިއުމެވެ. އެގޮތަށް ގެންދާ ކުއްޖަކު ދެވަނަ ފަހަރަކު ނުފެނެއެވެ. އޭނާގެ މި ނުލަފާ އަމަލުތަކުގެ ވާހަކަ އެއްވެސް މީހެއްގާތު ބުނެފި ނަމަ، ހެލަންގެ ދުވަސް ދުއްވާލާނޭކަމުގެ ބިރުވެރި ޚަބަރުން އޭނާގެ ދޫ ވަނީ ބަންދުކޮށްފައެވެ. އެހެންކަމުން ޖޯންގެ ދޮގު ބަސްތަކުގެ ހަގީގަތާ ހަމައަށް ދިއުމަށް، މިސްހެލަން އިންނަނީ އުޒުރުވެރިވެފައެވެ.

މިހައި ހިސާބަށް ކަންތައް ދިޔުމުން، އަހަރެންގެ ހިތުގައި ވަނީ ވަރަށް ބޮޑު ސުވާލެއް އުފެދިފައެވެ. މި ފަދަ ނުބައި ނުލަފާ މީހަކާ އަހަރެންގެ އެކުވެރި ޝީލާ ގުޅުނީ ކިހިނެއްބާވައެވެ؟ ހަމަ ގައިމު ވެސް އަހަންނަށް ޖޯން ދަސްވީ، ޝީލާގެ ފަރާތުންނެވެ. އަހަންނަށް މިއަދު މި ލިބޭ ކޮންމެ އަނިޔާއަކާއި ކެކުޅުމެއްގެ ނިވަލުން އަހަންނަށް ފެންނަނީ ޖޯންގެ އަނިޔާވެރި އަތެވެ. މަކަރާއި އިޔަހޫދީކަމުގެ ދެ ލޮލެވެ. މި ފަދަ ނުލަފާ މީހަކާ ޝީލާއާ ދެމެދު އުފެދިފައި މި ވާ އެކުވެރިކަމުގެ ގުޅުމަކީ ކޮންކަހަލަ  ގުޅުމެއް ބާވައެވެ؟ މި ކަމުގެ ހަގީގަތް އެނގޭނޭ ނަމަ ހާދަ ރަނގަޅެވެ.

އެ ދުވަހަށްފަހު، މިސް ހެލަންގެ އަގުހުރި ވަގުތުތައް ހޭދަކުރަމުން ގެންދިޔައީ، އަހަރެންގެ ޚިދުމަތުގައެވެ. ފުރިހަމަ 3 ދުވަސް ވެއަތުވެގެން ދިޔައިރު، އަހަރެންގެ ހާލު އެންމެ ތަންކޮޅެއް ވެސް ކުރިއަކަށް ޖެހިއެއް ނުލައެވެ. ދަނީ ދަށަށެވެ. ޑޮކްޓަރުން ފަރުވާކުރެއެވެ. ނަރުހުން އަޅައިލައެވެ. ފުލުހުން ހާލުބަލައެވެ.

އަހަރެންގެ ހާލު މާބޮޑަށް ދަށަށްދާން ފެށުމުން، އަހަރެންގެ ބަދުނަޞީބު ދުނިޔޭގެ އުދަރެހުގައި އުފެދުނު ކަޅުވިލާގަނޑާ ބެހޭގޮތުން، ލިޔުނު ސަފްޙާތައް މިސް ހެލަންއާ ހަވާލުކޮށްފީމެވެ. އަދި އޭގައި ނުލިޔެވި ހުރި ވާހަކަތައް، އުނދަގުލުން ނަމަވެސް، ވަރަށް ހިތްވަރާއެކު، އަކުރުން އަކުރަށް އޭނާއަށް ކިޔައިދެވިއްޖެއެވެ. ހަމަ އެންމެ ބޭނުމަކުއެވެ. އެ ބައި ފޮތަށް އިތުރުކޮށްލަ ދޭތޯއެވެ. އެ ފަދަ ކަމެއް ކުރާހައި ހިތްވަރު ވެސް މިއަދު އަހަރެންގެ ކިބައިގައި ނެތުމުންނެވެ.

އަހަރެންގެ ހަޔާތާ ގުޅިލާމެހިފައިވާ އިބުރަތުން ފުރިގެންވި މި ފިލާވަޅުތަކަކީ އެހެން މީހުންނަށް ވެސް އަގުހުރި ދަރުސުތަކަކަށް ވާނޭ އިބްރަތްތެރި ފިލާވަޅުތަކެކެވެ. އަހަރެންގެ ހަޔާތަށް ފޮތެއްގެ ސިފަ ގެނައުމުގެ އެންމެ ބޮޑު ބޭނުމަކީ ވެސް މިއެވެ. މައިންބަފައިންގެ އަގުހުރި ނަސޭހަތް ބޮލާލައިޖަހާފައި، އެއީ އެއްވެސް ބައެއް ނޫން ކަމަށް ދެކިގެން އުޅެފި ނަމަ، ލިބޭނެ ގެއްލުން ކިތަންމެހައި ވެސް ބޮޑެވެ. އަހަރެން މި ދަނީ އެކަން ތަޖުރިބާ ކުރަމުންނެވެ. އަހަރެންގެ ނަޞޭޙަތަކީ، ކޮންމެ ދަރިއަކު ވެސް މަންމައާއި ބައްޕަގެ ބަސް އަހާށެވެ. އެ މީހުން އެއްވެސް ކުއްޖަކަށް ގޯސް ނަޞޭޙަތެއް ނުދޭނެއެވެ. އެ ނަޞޭޙަތަށް ފުރަގަސް ދީފި ނަމަ ކޮންމެ ފަދަ ނުރައްކަލަކާ ވެސް ކުރިމަތިލާން ޖެހިދާނެއެވެ.

އަހަރެންގެ ހާލަތު ވަރަށް ހަލުވިކަމާއެކު ދަށަށްދާން ފަށައިފިއެވެ. ޑޮކްޓަރުންނާއި ނަރުހުންގެ އަގުހުރި މިންނެތް މަސައްކަތްތަކަށް މާޔޫސްކަން ފިޔަވައި އިތުރުއެއްޗެއް ނުލިބެއެވެ. ފުލުހުންގެ އެހީތެރިކަން ވެސް ވަރަށް ބޮޑެވެ. އެހެންނަމަވެސް އޯގާވެރިކަމަކުން ހަމްދަރުދީއަކުން ފުރާނައެއް ދިފާޢު ނުކުރެވޭނޭކަން އެންމެން ވެސް ދަނެއެވެ.

އަހަރެންގެ އަޖަލު ގާތްވަމުން އަންނަކަން ޚުދު އަހަންނަށް އެނގޭން ފަށައިފިއެވެ. ބޯދަށުން ކަންނެޔޮ ދެމިފައިވާ ހާލު، މިސް ހެލަންގެ ކިބައިން އެންމެފަހުގެ ކަމަކަށް އަހަރެން އެދުނީ، އަހަރެން ގެނައި އަހަރެންގެ މަންމައާއި، ބައްޕަގެ ފޮޓޯ، އަހަންނަށް ހަމައަށް ގެނެސްދިނުމަށެވެ. ހެލަންގެ ރަނގަޅުކަމުން މިހައި ދުވަސް ވީއިރު ވެސް، އަހަރެންގެ ހުރިހައި އެއްޗެއް ވަރަށް ރައްކާތެރިކަމާއެކު ފޮރުވާފައި ހުއްޓެވެ.

މަންމައާއި، ބައްޕަގެ ފޮޓޯ އަހަރެންގެ އަތަށް އެރުމުން، ކަރުނައިން ފޫދި، ފާރުވެފައިވާ ދެ ލޮލުން އެ ފޮޓޯއަށް ބަލައިލީމެވެ. އެ ވަގުތު އަހަންނަށް ވީ ކީއް ބާވައެވެ؟ ކަރުގައި އެއްޗެއް ތާށިވީ ކަހަލައެވެ. ހިތްފަޅައިގެންދާން އުޅޭހެންް ހީވިއެވެ. ނޭވާ ހާސްވެއްޖެއެވެ. ދެ ލޯ ފުސް ވެއްޖެއެވެ. އެއްވެސްތަނެއް ނުފެނެއެވެ. ދުލެއް ނުހެލުނެވެ. ދެ ލޯ މެރެންފަށައިފިއެވެ.

ރީޝާގެ އަތުގައި އޮތް އޭނާގެ މަންމައާއި ބައްޕަގެ ފޮޓޯ އަތުން ދޫވެގެން ވެއްޓިއްޖެއެވެ. ދެ ލޯ މެރިއްޖެއެވެ. ހަށިގަނޑު ހަމަހިމޭން ވެއްޖެއެވެ. އާއެކެވެ. ކޮންމެ އިންސާނަކީ ވެސް މި ފަނާވަނިވި ދުނިޔެ ދޫކޮށްފައި ދާނެ މަޚުލޫޤެކެވެ. އެގޮތުން ރީޝާ ވެސް މި އަގެއް ނެތް ދުނިޔެ ދޫކުރީއެވެ. އަބަދުގެ އަބަދަށެވެ. ކެތްތެރިކަމުގެ ނަމޫނާއެއް ފަދަ ރީޝާގެ ފުރާނައަށް ހެޔޮރަހްމަތް ލައްވާށިއެވެ.

އަހަންނަށް އާދެ، ހެލަންއަށް ރީޝާގެ އެދުން ފުރިހަމަ ކޮށްދެވިއްޖެކަމަށް ހީކުރަމެވެ. ރީޝާގެ އަމިއްލަ އަތުން ބޮޑުބައެއް ލިޔެ ނިންމާފައިވާ މި ވާހަކަ ނިންމާލަދެވުނީތީ އުފާކުރަމެވެ. އެހެންނަމަވެސް މި ކަން އަހަންނަށް މި ކުރެވުނީ ހަމަ ހިތްވަރަށެވެ. ދެ ލޮލަކުން ކަރުނައެއް ނުހިކެއެވެ. އަޑުން އަޑުނަގައި ނުރުއިކަމުގައި ވިޔަސް، ރޮމުން ގިސްލަމުންނޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ. އެހެންނަމަވެސް މިކަން ފުރިހަމަކޮށް ދެވުނީތީ، ކޮޅުނެތް ކޮޅަށް އުފާވެސް ކުރަމެވެ. ދެން އޮތީ މި ފޮތް ރީޝާގެ މައިންބަފައިންނަށް ފޮނުވާލުމެވެ. އޭރުން ރީޝާ އެދުނު އެދުން އަހަންނަށް ފުރިހަމަކޮށް ދެވުނީއެވެ.

މަންމައާއި، ބައްޕަގެ ކިބައިން ރީޝާ ވަރަށް ބޮޑަށް މާފުއެދެއެވެ. އޭނާއަށް ކަންތައް ކުރެވުނު ގޮތާމެދު އިންތިހާއަށް ދެރަވެއެވެ. ރީޝާގެ މަންމައާއި ބައްޕަގެ ކިބައިން ރީޝާއަށް ޓަކައި އަހަރެން ވެސް ކަމަކު ކިޔަން އެބަޖެހެއެވެ. އެއީ ޝީލާއާއި ޖޯންގެ މެދުގައި އެކުވެރިކަމުގެ ގުޅުން އުފެދިފައިވާ ގޮތް ސާފުކޮށްލައި ދިނުމަށެވެ. އެއީ މި ކަމުގެ ސަބަބުން ރީޝާގެ ފުރާނައަށް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ލިބޭނެހެން ހީވާތީއެވެ.

އެންމެފަހުގެ ކަމަކީ މި ފޮތް ޕޯސްޓްފޮށްޓާ ހަވާލުކުރުމެވެ. މިހާރު މި ނިކުންނަނީ އެ ކަމަށެވެ.

އެންމެފަހުން……….

މިފަނާވަނިވި ދުނިޔެއަށް ﷲފޮނުއްވި ކޮންމެ މަޚުލޫޤަކީ ވެސް ވަކި މުއްދަތަކު އޭގެ ހަޔާތް އުފަލުގައި، ނުވަތަ ހިތާމާގައި ނަމަވެސް ވެއަތުކުރުމަށްފަހު، އަބަދުގެ އަބަދަށް މި އަގެއް ނެތް ހުވަފެނީ ޢާލަމާ ވަކިވެ، ﷲގެ ޙަޟުރަތަށް އުފަލުން ނުވަތަ ހިތާމައިން ނަމަވެސް ދަތުރުކުރާނޭ، އާރެއް ބާރެއްނެތް މަޚުލޫޤެކެވެ. މި މަތިވެރި އުސޫލުގެ ދަށުން ރީޝާ، އޭނާގެ ހަޔާތް ހިތާމައާއި ހިތްދަތިކަމުގެ ފުން ކަނޑެއްގައި ވެއަތުކުރުމަށްފަހު، މި ދުނިޔެއާ އަލްވަދާޢު ކިޔައިފިއެވެ. އަބަދުގެ އަބަދަށް އަހަރެމެންނާ ވަކިވެގެން ހިނގައްޖެއެވެ. އަންނަން އޮތް ޖީލުތަކަށް އިބްރަތުން ފުރިފައިވާ ދަރުސްތަކެއް އެކުލެވިގެންވާ ފޮތެއް އޭނާގެ އަމިއްލަ ހަޔާތާގުޅޭ ގޮތުން ދުނިޔެއަށް އުފަންކޮށްދީފައެވެ. “ކަޅުވިލާ”ގެ ނަމުގައެވެ.

ރީޝާގެ ބައްޕަ އާއި މަންމަގެ ދެ ލޮލުން އޮހެމުން ދިޔައީ އާދަޔާޚިލާފު ގިނަ ކަރުނަތަކެކެވެ. އެ މީހުންގެ ދެ ލޮލުގެ  ކޮއި ފަދައިން ހިތުގެ އެތިކޮޅެއް ކަމުގައި ދެކިގެން، ނުހަނު ލޯބިން ގެންގުޅުނު ދަރިފުޅު ނުފެނި އެތައް ދުވަހެއް ވެފައިވަނިކޮށް، އެ މީހުންގެ އުއްމީދުތައް އޮޔަށް ވަޔަށް ބުރުވައިލީ، މިއަދު ޕޯސްޓުގެ ޒަރީއާއިން އެ މީހުންގެ އަތްމައްޗަށް އެރި “ކަޅުވިލާ” މި ފޮތެވެ. ފޮތް ކިޔައި ނިންމާލިއިރު އެ ދެމަފިރިން ތިބީ، ރޮއިރޮއި ގިސްލެވިފައެވެ. ދެ ލޯ ވަނީ ރަތްވެފައެވެ. ދުނިޔޭގެ ހުރިހައި އުފަލަކުން މަހުރޫމް ވެއްޖެ ކަމުގައި ހީވެފައެވެ.

ރީޝާގެ ރަހުމަތްތެރި ޝީލާއަކީ މިހާރު ފަސް އަހަރުގެ ދަރިފުޅެއްގެ މަންމައެކެވެ. ރީޝާ ގެއްލުނު ޚަބަރު ފުރަތަމަ ލިބުނު ދުވަހުން ފެށިގެން، ޝީލާގެ ހިތަށް ލިބުނު ނުތަނަވަސްކަން މިއަދާ ހަމައަށް ވެސް އެ ގޮތުގައި އޮތެެވެ. އޭނާ އެންމެ ދެރަވަނީ މިހައި ދުވަސް ވީއިރު ވެސް، ރީޝާގެ އެއްވެސް ޚަބަރެއް ނުލިބުނީތީއެވެ. ދުނިޔޭގައި އިން ކަމެއް ނުވަތަ ނެތްކަމެއް ވެސް ނޭނގޭތީއެވެ.

ޝީލާގެ ހިތުގެ މި ނުތަނަވަސްކަމާއި، އުފެދިފައިވާ ސުވާލުތަކަށް ޖަވާބެއް ލިބުނީ މިއަދުއެވެ. ނަމަވެސް އެއިރު ރީޝާގެ ވަސް ވެސް މި ދުނިޔެއިން ފިލައި ހިނގައްޖެއެވެ. ރީޝާގެ ހަޔާތުގައި ނެގި “ކަޅުވިލާ” ކިޔަމުން ދިޔައިރު ޝީލާގެ ލޮލަކުން ކަރުނައެއް ނުހިކެއެވެ. އޭނާ އެންމެ ހިތާމަކުރީ، އޭނާގެ ފަރާތުން ރީޝާއަށް ތަޢާރަފުވި މީހެއްގެ ސަބަބުން މި ބޮޑު އަނިޔާ ރީޝާއަށް ލިބުނީތީއެވެ. ކުރާނޭކަމެއް ނެތެވެ. އެ ކަމެއް ވާންއޮތް ގޮތަކަށް އެ ކަމެއް ވެ ނިމިގެންދާނެއެވެ.

ރީޝާގެ ހިތުގައި އުފެދި ޖަވާބު ލިބިފައިނުވާ ސުވާލުގެ ޖަވާބު މިއަދު ރީޝާގެ މައިންބަފައިންނަށް ޝީލާ ފޯރުކޮށްދީފިއެވެ. މި ކަމުން ވެސް ރީޝާގެ ފުރާނައަށް އަރާމެއް ހޯދައިދެވޭތޯއެވެ.

ޖޯނާއި ޝީލާއަކީ ދެ އެކުވެރިން ކަމުގައި ވިޔަސް، އެ ދެ މީހުން ބައްދަލުވެފައި ވަނީ ހަމަ އެންމެ ފަހަރަކުއެވެ. އެ ދެ މީހުންގެ ރަހްމަތްތެރިކަން ހުފެދިފައި ވަނީ  ފޭސްބުކުންނެވެ. ޖޯނަކީ އެހައި ނުބައި ނުލަފާ އަނިޔާވެރިއެއްކަމެއް، ޝީލާއަށް ކުޑަކޮށް ވެސް އެނގިފައެއް ނުވެއެވެ. އެހެންކަމުން އެ ދެމެދުގައި އުފެދުނު ރަހްމަތްތެރިކަން ބަދަހިވަމުން ދިޔައީއެވެ. އެދުވަސްވަރު ޝީލާއަށް ވެސް އޮސްޓްރޭލިޔާއަށް ދިއުމުގެ ދައުވަތު ޖޯން ދިންކަމަށްވެއެވެ. އެހެންނަމަވެސް އެ ކަމަށް ޝީލާ އިންކާރުކޮށް، ޖޯންގެ ކިބައިން އިންޑިޔާއަށް އައުމަށް އެދުމުން، ޖޯން އިންޑިޔާއަށް އައީއެވެ. އެ އައިސް އުޅުނު އުޅުމުގައި ރީޝާއާ ލޯބީގެ ގުޅުމެއް އުފެދުނުކަމެއް ވެސް ޝީލާ ނުދެނެހުއްޓެވެ. އާއެކެވެ. އެއީ ވެސް ހަމަ ޖޯންގެ ނުބައިރޭވުމުގެ ދަށުން ހިނގިކަމެކެވެ.

ޝީލާގެ ގެއިން ނިކުމެގެން، ރީޝާގެ މަންމައާއި ބައްޕަ އެރީ ވޭނަކަށެވެ. މިސްރާބުހުރީ އެއަރޕޯޓަށެވެ. ރީޝާގެއްލުނު ހިސާބުން، އެ މީހުން ދިވެހިރާއްޖެއަށް ބަދަލުވީއެވެ. އޭގެ ފަހުން އިންޑިޔާއަކަށް ނާރައެވެ. މި ފަހަރު ވެސް އެ އައީ، ހަމައެކަނި ޝީލާއާ ބައްދަލުކުރާށެވެ. އެ ކަން ނިމުމުން އެނބުރި ރާއްޖެއަށް ދިޔުމަށް ޓަކައި އެ ދަނީ، ހިތާމައާއި ހިތްދަތިކަމުގެ ކަރުނަ އޮހޮރަމުން، ލިބުނު އެންމެ ދަރިއެއްގެ ނިމުމާމެދު ހިތާމަކުރާ ހާލުގައެވެ. ދަރިންނަށް ޓަކައި މައިންބަފައިންގެ ހިތުގައި އުފެދިފައިވާ ކުލުނާއި، ލޯބީގެ މަތިވެރިކަން ހާދަ ބޮޑެވެ. ދަރިންނަށް މި ކަން ވިސްނޭ ނަމައެވެ.

= ނިމުނީ =

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!