ކަޅުވިލާ: މުހައްމަދު ޤާސިމް

(ބުދަ ދުވަހުގެ ބަޔާއިގުޅޭ)

މިދަތުރުގައި ބައިވެރިވި އެންމެ އިސް އޮފިސަރުގެ އަމުރަށް ޖިޕު ހުއްޓުވައިފި އެވެ. އޭނާ އަހަންނާ ދިމާއަށް ރަތް އަނގުރުކޮޅެއް ކަހަލަ ރުޅިވެރި ލޮލަކުން ބަލައިލުމަށްފަހު، ދަތުރުގެ މިސްރާބު ބަދަލުކޮށްލައިފި އެވެ. ނިންމާލީ ޕޮލިސް ސްޓޭޝަނަށެވެ. ނާކާމިޔާބާއެކުގައެވެ.

ލިބެމުން ދިޔަ އަނިޔާ ދެ ގުނައަށް އަރާނޭކަމުގެ ބިރުވެރި ރަނގަބީލު އަހަރެންގެ ހިތުގައި ޖެހެމުން ދިޔައީ މާ ބާރަކަށެވެ. ފުރަތަމަ ވެސް އަހަރެން ގެންދެވުނ، އަހަރެންގެ ރަސްމީ މަގާމުކަމަށްވާ ކުޑަ ގޮޅިއަށެވެ. އިރުކޮޅަކުން އެ ތަނަށް ފުލުހުންގެ ދެ މީހަކު އަތުވެއްޖެއެވެ. އެ މީހުން ތިބީ، ރުޅިއައިސް ފުފިފައިވާ ސިންގާތަކެއް ފަދައިންނެވެ.

“ކަލޭގެ ކުށެއްނެތްކަން ހާމަކޮށްދިނުމަށް ޓަކައި ފުލުހުންގެ އަގުހުރި އެތައް ވަގުތެއް މިއަދު ނަގާލައިފީމު. އަނެއްކޮޅުން މި ތަނުގެ އިސް އޮފިސަރުންނަށް ވަރަށް ގިނަގުނަ އުނދަގޫ ވެސް ޖައިސައިފީމު. އަދިވެސް ކަލޭ ތިޔަ މަސައްކަތް ކުރަނީ އެކަންތައް ސިއްރު ކުރަން. ކަލޭމެންގެ ތިޔަ ނުބައި ޢަމަލުތަކުގެ ސަބަބުން ކުށެއްނެތް ކިތައް ފުރާނަ މިދުނިޔެއާ ވަކިވެގެން ހިނގައްޖެކަން އެނގޭތަ؟ ފުރާނަ ބޭނުން ނަމަ، ކަލޭމެންގެ ވެރިޔާ އުޅޭ ހިސާބެއް ރަނގަޅަށް ކިޔައިދީ! އެހެންނޫނީ ކަލެއަކަށް ސަލާމަތެއް ނުވެވޭނެ!” ފުލުހުންގެ ދެ މީހުން އެ ދިޔައީ، އަހަންނަށް ދެން ސަލާމަތެއް ނެތްކަމުގެ ބިރުވެރި އިންޒާރުދީފައެވެ. އެކަމަކު އަހަންނަކަށް މި ފަހަރަކު ނުރޮވުނެވެ. އިތުރަށް ފައިބާނޭ ކަރުނައެއް ލޮލުގައި ނެތީ ވެސް ކަންނޭނގެއެވެ.

ލިބެމުން ދިޔަ އަނިޔާ ދެ ގުނައަށް އަރައިފިއެވެ. ދެ ފައިގައި ޗޭނުޖަހާފައި، އެކޮޅުކޮޅުން އެލުވާފައި ބޭއްވުމާއި، ހިމަ ދަގަނޑެއްމަތީގައި ބުރަކަށި ޖައްސައި އިދިފުށަށް ލަނބާފައި ބޭއްވުމާއި، ވަށައިގެން އަލިފާން އަންދާ ކަހަލަ ހޫނުގަދަ ތަންތަނުގައި ގަޑި ދެ ގަޑިއިރު ހޭދަކޮށްލަން ވެސް ޖެހިއްޖެއެވެ.

ލިބުނު އަނިޔާތަކުގެ ތެރެއިން އެންމެ އަސަރުކުރި ކަމަކަށް ވީ ދެ އަތުގައި ބިޑުއަޅުވާފައި ކުޑަ ފޮށިގަނޑެއްކަހަލަ އެއްޗަކަށް ލައިގެން ދިން އަދަބެވެ. އެއަށް ލީއިރު އެއީ ކޮންކަހަލަ ފޮށްޓެއްކަމެއް އަހަންނަކަށް ނޭނގެއެވެ. ފޮށްޓަށް ލުމާއެކު، ގަޔަށް އަރަން ފެށީ ކަނޑަޔާއި، ކުރަތްޕާއި، ހޯނާއި މިފަދަ ތަފާތު ސޫފާ ސޫތްޕެވެ. އަތުގައި ބިޑިއަޅުވާފައި އޮތުމާއެކު އަހަންނަކަށް އެއްކަމެއް ވެސް ނުކުރެވުނެވެ. ރޮއިގަންނާކަށް ވެސް ނުކެރުނެވެ. އެއިން އެއްޗެއް އަނގަޔަށް ވަދެދާނެތީއެވެ. އަނދިރިކަމުން ތަނެއްދޮރެއް ނޭނގެއެވެ. އެއިން އެއްޗެއް ނޭފަތަށް ނުވަތަ ކަންފަތަށް ވަދެދާނެތީ، ގަންނާކުރެއްވި ބިރު ވަކިން ބޮޑުވިއެވެ. ކަނޑާތައް ގައިގެ އެތައް މިތަނުގައި ދައިގަންނަމުން ދިޔައިރު، ކުރަތްޕާއި، ހޯނާއި މީދާ ފަދަ އެއްޗެހިތައް ގައިގެ އެތައްމިތަނުގައި ދުވެދުވެ އުޅެއެވެ. އަހަރެންގެ ހޭބުއްދި ސަލާމަތުން ހުރިކަން ވެސް ނަސީބެވެ.

އަހަރެން އެންމެ ހިތާމަކުރަނީ މި ފަދަ ބޮޑެތި އަނިޔާތައް ލިބެމުން ދިޔައިރު ވެސް މަރުނުވީމައެވެ. ކުރާނޭކަމެއް ނެތިގެން ރޮއިރޮއި އޮންނާން ޖެހުނީމައެވެ. މި ފަދަ ކޮންމެ އަދަބެއްގެ ނިވަލުގައި، އޮންނަނީ ހަމަ އެންމެ ސުވާލެކެވެ. ރޮބްސަން އުޅޭތަނެއް އޮޅުން ފިލުވަން ކުރާ ސުވާލެވެ. އަހަރެން މިހާރު އަނގަޔަކުން ނުބުނަމެވެ. ދައްކާނެ އިތުރު ވާހަކައެއް ނެތީއެވެ.

އަނިޔާއަކަށްފަހު އަނިޔާއެއް ލިބެމުން ގޮސް، އަވަސް ފުރުސަތެއްގައި އެކަށީގެންވާ ފަރުވާއެއް ނުލިބިއްޖެ ނަމަ، އަހަރެންގެ ނިކަމެތި ހަށިގަނޑު ދޫކޮށް، ފުރާނަ ހިނގައިދާނޭކަމުގެ އުފާވެރި ހީ އަހަންނަށް ވާން ފަށައިފިއެވެ. މުޅި ހަށިގަނޑުގެ އެތަން މިތަނުގައި ބޮޑެތި ފާރުގަނޑުތައް އުފެދި، އެތަންތަނުގައި ދޮސްލައި ވަނީ ނުބައިވެފައެވެ. އެތެރެހަށީގައި ވެސް ފާރުކަން ޔަގީނެވެ. ކެއްސާލައިފި ނަމަ، ހޯސްލާފައި ކަރުން ލޭފައިބައިގަނެއެވެ. ކާއެއްޗެއް ނުކެވެއޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ.

މިހައި ހިސާބަށް ދިއުމުން އިތުރު ފުރުސަތެއް ފުލުހުންގެ އޮފީހުން އަހަންނަށް ދީފިއެވެ. އަހަރެންގެ ބަހުގެ ތެދުކަން ހާމަވާނެ ހެތްކެއް ދެއްކުމަށެވެ. އެހެންނަމަވެސް އިތުރަށް ދެއްކޭނެ ހެތްކެއް ނެތެވެ. އެ ބިރުވެރި “ނަރަކަ” ހުރިތަން ވެސް އެނގުނީއެއް ނޫނެވެ. އަނެއް ކޮޅުން މިއީ އަހަރެން ދަންނަ މީހަކު ވެސް ހުރި ގައުމެއް ނޫނެވެ. ދެން މަރުވުން ނޫން ގޮތެއް އަހަންނަކަށް ނެތެވެ.

ކުއްލިއަކަށް ދަންނަ މީހެއްގެ ތަސްވީރު ސިކުނޑީގައި ކުރެހިއްޖެއެވެ. އެއީ މީގެ އެތައް އަހަރެއް ކުރިން، އަހަންނާ ބައްދަލުވި މިސް ހެލަންގެ ތަސްވީރެވެ. އެއީ އަހަރެން، އެ މީހެއްގެ އަވައިގައި ޖެހިގެން ފެތި، މިސްޓަރ ޖޯންގެ ގެއިން ބައްދަލުވި އިޚްލާޞްތެރި އަންހެން މީހާއެވެ. އޭނާއާ ސުވާލުކޮށްފި ނަމަ، އަހަރެން މި ދައްކާ ވާހަކަތަކަށް ކޮންމެވެސް ވަރެއްގެ ޔަގީންކަމެއް ލިބޭނެކަމަށް ފުލުހުންގާތު ބުނިއިރު، ހެލަން ދުނިޔޭގައި ހުރިކަމެއް ވެސް ނޭނގެއެވެ.

ކިތަންމެ ނޫނޭ ބުންޏަސް، އެއްވެސް މީހަކު މަރުވާކަށް ބޭނުމެއް ނުވާނެއެވެ. އަހަންނަކީ ވެސް ޒުވާނެކެވެ. އުމުރުގައި ބާކީ އޮތީ ކިތައް ދުވަސްކަން ނޭނގުނަސް، ކުރެވޭ އުއްމީދުތަކެއް އެބަ ހުއްޓެވެ. އިޚްލާޞްތެރި ފިރިއެއްގެ ލޯތްބާއި، މައިވަންތަކަމަށް ކެތްމަދުވެ، ފަޅުވެފައިވާ އުނގު ފަޅުފިލުވާލަދޭނޭ ލޯބިލޯބި ދަރިއަކަށް، ހާދަ އުއްމީދެއް ކުރެވެއެވެ. އަނެއް ކޮޅުން ބޮލުގައި އެޅިފައި މި ވާ ދޮގު އިލްޒާމުން ސަލާމަތްވާން ވެސް ބޭނުމެވެ.

ހިތާމައަކީ އަހަރެންގެ މި ފޮނި ހުވަފެންތަކުގައި ކުލަ ޖެހޭނޭކަމުގެ އެއްވެސް އުއްމީދެއް ނެތްކަމެވެ. މިސްހެލަން ދުނިޔޭގައި އިންކަމެއް ނުވަތަ އަހަރެން ދިން އެޑުރެހުގައި އުޅޭކަމެއް ވެސް ނޭނގެއެވެ. ކޮންމެކަމެއްވެސް ދިމާވާނީ އެންމެ ރަނގަޅަށްކަން އެނގޭތީ، ޝުކުރުކޮށްލައިގެން، އެހެންނަމަވެސް ހަށިގަނޑުގައި އަޅާވޭނަށް ކެތްނުކުރެވޭވަރު ވާތީ ރޮއިރޮއި އޮތީއެވެ.

މިހައި ހިސާބުން މިސްހެލަން ހޯދުމަށް ފުލުހުންގެ އޮފީހުން އިޢުލާންކޮށްފިއެވެ. އަދި އަހަރެން ޖަލުން ހޮސްޕިޓަލަށް ބަދަލުކޮށް ފުލުހުންގެ ބެލުމުގެދަށުން ފަރުވާދޭން ފަށައިފިއެވެ.

ހޮސްޕިޓަލަށް އަހަރެން ގެންދިޔަ ދުވަހުން ފެށިގެން، ވަރަށް އާޖެންޓުކޮށް އަހަންނަށް ފަރުވާދެމުން ގެންދިޔައެވެ. ނަމަވެސް ޑޮކްޓަރުންގެ އެ އަވަދި ނެތް ބުރަ މަސައްކަތުގެ ނަތީޖާ ހަމަސުމެކެވެ. އަހަރެންގެ ހަށިގަނޑަށް ކުޑަ ވެސް ޝިފާއެއް ނުލިބެއެވެ. އެހެންކަމުން ޑޮކްޓަރުންގެ މޫނުމަތިން ވެސް ފެންނަމުން ދަނީ މާޔޫސްކަމެވެ. ނާއުއްމީދުގެ ބަނަކަމެވެ.

އަހަރެންގެ ހަށިގަނޑުގެ ބޮޑުބައި ވަނީ، ބޭސްއަޅައި ބެންޑޭޖުކޮށްފައެވެ. ފާރުވެފައި ވާތީއެވެ. ހަށިގަނޑުގެ ހަކަތަ ވަނީ ހުސްވެފައެވެ. އަނގައިން ބުނެލެވެނީ ވެސް ވަރަށް އުނދަގުލުންނެވެ. އަތެއް ފަޔެއް ގުޑުވާލުން ވެސް ވަނީ އެތައް ވޭނެއް ތަހައްމަލުކުރަން ޖެހޭކަމަކަށެވެ. ކެއްސަނީ އިންތިހާއަށެވެ.  ޓީބީގެ ނުރައްކާތެރި ފަނި އަހަރެންގެ ހަށިގަނޑަށް ވަދެ، މުޅި އެތެރެހަށި ވަނީ ކައި ހުސްކޮށްފައިކަން، ޑޮކްޓަރުންގެ ވާހަކައިން އެނގުނެވެ. އަހަންނަކީ މިހާރު ވަރަށް ކުޑަ ދުވަސްކޮޅެއްގެ މެހެމާނެކެވެ. އަސަރުކުރެއެވެ. ރޮވެއެވެ.

އަހަރެންގެ މަރު މިހާރު އަހަންނަށް ހަނާއަޅަމުންދާ ކަހަލައެވެ. އެންމެ ކުޑަ މިނުން މަންމައާއި، ބައްޕަގެ މޫނު ވެސް ފެނިލުމުގެ ފުރުސަތު ލިބޭނޭހެނެއް ހިއެއްނުވެއެވެ. އެހެންނަމަވެސް އަހަރެން މަރުވެގެން ދާނީ، އުފަލުން އޮވެއެވެ. އަހަރެންގެ ހަށިގަނޑުގައި، ފުރާނަ ލެއްވީ ގަދަކީރިވަންތަ ﷲއެވެ. އެކަލާނގެ އެ ފުރާނަ ގެންދަވާއިރު، އެ ކަމާ ހިތާމަކޮށް ކަރުނަ އޮހޮރުމުގެ އެއްވެސް މާނައެއް ނޯންނާނެއެވެ.

އިރުކޮޅަކުން ފެނުނީ އަހަރެން އޮތް ވޯޑަށް ފުލުސް އިނިސްޕެކްޓަރ މިސްޓަރ ރާތޯޑު އައިސް ވަންތަނެވެ. އެ ވަގުތު އަހަރެންގެ އުއްމީދު ގެއްލިފައިވާ ނިކަމެތި ހަށިގަނޑަށް ލިބުނީ ބިރުވެރި ސިހުމެކެވެ. އޭނާގެ ކިބައިން އަހަންނަށް ލިބިފައިވާ އަނިޔާތަކުގެ ހަނދާންތައް ހިތަށް ވެރިވުމުންނެވެ. މި ހާލުގައި އޮއްވާ އިތުރު އަނިޔާއެއް ދީފާނެތީއެވެ.

އެހެންނަމަވެސް މިއަދު އޭނާގެ މޫނުމަތިން ފެންނަނީ މުޅިން ތަފާތު ކުލައެކެވެ. އެއީ މީގެ ކުރިން އަހަންނާ ބައްދަލުވި ރާތޯޑޭ ބުނާވަރު ވެސް ނުވެއެވެ. އޭނާގެ ކިބައިގައި މިއަދު ހުރީ، އޯގާވެރިކަމާއި، މަޑުމައިތިރި ކަމެވެ. އަލިފާންކަނި ބުރަބުރާ ހުންނަ ދެ ލޮލުގައި ހުރީ ކަރުނައިގެ ފިނިކަމެވެ. އިނިސްޕެކްޓަރ އެ އައިގޮތަށް އައިސް އެނދުކައިރީގައި ހުރި ގޮނޑީގައި އިށީނދެ، ވަރަށް ހިތްހެޔޮކަމާއި އޯގާވެރިކަމާއެކު، އަހަރެންގެ އަތުގައި  ހިފަހައްޓާލިއެވެ. އަހަންނަށް ލިބުނީ ވަރަށް ވެސް ބޮޑު ހައިރާން ކަމެކެވެ. އަނެއްކާ މި ހާލުގައި އޮއްވާ ވެސް އަހަންނަށް ރަން ހުވަފެނެއް ފެންނަނީ ބާވައެވެ؟

“ރީޝާ! ކިހިނެއް؟” އިނިސްޕެކްޓަރުގެ އޯގާވެރިކަމުން ފުރިފައިވާ އަޑު އަހަރެންގެ ކަންފަތާ ހަމައަށް ފޯރައިފިއެވެ. އެވަގުތު އަހަރެންގެ ދެ ލޯ ފުރައި ކަރުނަ އަތުވެއްޖެއެވެ. އިނިސްޕެކްޓަރުގެ ދެ ލޮލުން ވެސް ކަރުނަ އޮހިގަތްތަން ފެނުނެވެ. އޭނާ އަވަސް އަވަހަށް ދެ ލޯ ފޮހެލައިފިއެވެ.

“މިހާރު އަހަރެމެންނަށް ހުރިހައި ކަމެއް އޮޅުންފިލައިފި. ރީޝާ ދެއްކީ ތެދު ވާހަކަތަކެއްކަން ޔަގީންވެއްޖެ.” އޭނާގެ އަޑު ހުރީ ކުރެހިފައެވެ. ހިންދިރުވައިލި ގޮތުން ހީވަނީ، ކަރުގައި އެއްޗެއް ތާށިވެގެން އުޅުނުހެންނެވެ. “އަހަރެމެންގެ ފަރާތުން ނުހައްގު އަނިޔާތަކެއް ރީޝާއަށް ދެވިފައިވާކަމަށް ގަބޫލުކުރަން. އެކަމުގެ ސަބަބުން މިއަދު މުޅި ފުލުސް އޮފީސް ވަނީ ލަދުވެތިކަމާއި ހިތާމައިގެ ފުން ކަނޑަކަށް ގެނބިފައި. ކުށެއް ނެތް މައުސޫމު އަންހެންކުއްޖަކަށް މި ފަދަ ބޮޑެތި އަނިޔާތަކެއް ދެވުނީތީ މިއަދު އަހަރެމެން……”

އިނިސްޕެކްޓަރުގެ އަޑު ކެނޑުނެވެ. އަރުބެދި އަޑު ނުނިކުތީއެވެ. އަހަރެންގެ ދެ ލޮލުން އަނެއްކާ ވެސް ކަރުނަ އޮހިގެންފިއެވެ.

“ރީޝާ!” އިނިސްޕެކްޓަރު ހިންދިރުވައިލިއެވެ.  “އަހަރެމެންނަށް  މާފުކުރޭ!”

އަހަންނަށް ހަމަރަނގަޅަށް ވެސް ރޮވިއްޖެއެވެ. ހީވަނީ ލިބުނު އުފަލެއްގެ ބޮޑުކަމުން ވީގޮތެއް ހެންނެވެ. އަހަރެން ދެ ލޯ މަރައި ފިއްތައިލީމެވެ.

“ރީޝާ!” އަނެއްކާ ވެސް އިވުނީ އިނިސްޕެކްޓަރުގެ އަޑެވެ. “މިހާރުން ފެށިގެން ރީޝާ ތިޔަ އޮތީ މިނިވަންވެފައި. ހޮސްޕިޓަލުން ދޫކޮށްލިހައި އަވަހަކަށް ރީޝާގެ އަމިއްލަ ގައުމަށް ރީޝާ ފޮނުވާނަން.”

އަހަރެން ދެ ލޯ މަރާ ތަގުޅިކޮށްގެން އޮއްވާ ވެސް ދެ ލޯ ފުރި ބާރުވެގެން ކަރުނަތައް ބޭރަށް ފައިބާން ފަށައިފިއެވެ.

އިނިސްޕެކްޓަރުގެ ވާހަކަތައް އިވިފައި، ޚާލިޤުވަންތަ ﷲއަށް ފަށްފަށުން ހަމްދާއި ޝުކުރު އަދާކުރެވުނެވެ. އަހަރެންގެ ފުރާނަ މިކާއިނާތާ ވަކިވުމުގެކުރިން، އަހަންނަކީ ކުށެއް ނެތް މީހެއްކަން އެ މީހުންނަށް ޔަޤީން ކުރެވޭނެ ގޮތެއް މެދުވެރި ކުރެއްވީތީއެވެ.

އިނިސްޕެކްޓަރ ތަކުރާރުކޮށް އަހަރެންގެ ކިބައިން މާފަށް އެދެން ފެށުމުން އަހަރެންގެ ވަޅުވަދެފައިވާ ބަދުނަސީބު ދެ ލޯ ހުޅުވާލައިފީމެވެ. ފުރަތަމަވެސް އަހަންނަށް ފެނުނީ އިނިސްޕެކްޓަރުގެ ކަރުނައިން ތެމިފޯވެފައިވާ ދެ ލޮލެވެ. އަހަރެން ވިސްނައިލީމެވެ. ފުލުހުންނަށް މައާފު ނުދިނުމުގެ އެއްވެސް މާނައެއްނެތެވެ. އެ މީހުން އަދާކުރީ އެ މީހުންގެ ވާޖިބެވެ. ގައުމީ ވާޖިބެކެވެ. އިންސާނިއްޔަތުގެ މަންޒިލުން ނިކުމެ، ޝައިތާނީ އަމަލުތަކެއް ހިންގަމުން ގެންދިޔަ އަނިޔާވެރިން ތަކެއްގެ ބައިވެރިއެއްކަމަށް ކުރެވުނު ޝައްކު، އެއީ ތާކުންތާކު ނުޖެހޭ ކަމެއްކަން އެނގުމާއެކު، އަހަރެން މި ވަނީ މިނިވަންވެފައެވެ. ވީއިރު ފުލުހުންގެ އޮތީ ކޮންކުށެއް ހެއްޔެވެ؟

އަހަރެން އެއްވެސް ޝަކުވާއެއް ނެތި، އެ މީހުންނަށް މާފުދިނުމަށް ނިންމީމެވެ. ވަރަށް އުނދަގުލުން ކަހަލަ ގޮތަކަށް ބޯ ޖަހާލައިފީމެވެ. މިސްޓަރ ރާތޯޑުގެ މޫނުމަތިން ހަމަޖެހުމުގެ ކުލަވަރު ފެނިގެން ދިޔައެވެ. އޭނާ އަހަންނަށް ހެޔޮދުޢާ ކުރުމަށްފަހު، މިސް ހެލަން އަހަންނާ ބައްދަލުކުރުމަށް އައިސް ހުރި ވާހަކަ ބުނެފައި، އަހަންނާ ސަލާމްކޮށްލުމަށްފަހު، ނިކުމެއްޖެއެވެ.

އެއަށްފަހު ދެން އަހަރެންގެ ލޮލަށް ފެނިގެން ދިޔައީ މިސްހެލަން ވަދެގެން އަންނަ މަންޒަރެވެ. އޭނާގެ މޫނުމަތިން، ތަފާތު އެތައް ކުލައެއް ފެންނަމުން ދެއެވެ. ހިނިއަންނަހެން ވެސް ހީވެއެވެ. ރޮއިގަތުމަށް އުޅޭހެން ވެސް ހީވެއެވެ. އަހަންނާ ހަމައަށް އާދެވުނުއިރު، އެ ދެލޮލުން ކަރުނަ އޮހެންފަށައިފިއެވެ.

“ރީޝާ ދަރިފުޅާ! ކޮންހާލެއް؟” ހެލަން އައިސް އަހަރެންގާތަށް ހުއްޓުނުއިރު، އަހަންނަށް އުޅެވުނީ ކެއްސުންވަރު އައިސްގެންނެވެ. އޭނާ އައިސް އަހަރެންގެ މޭގައި ފިރުމައިލިއެވެ. އަހަރެން ހިނިތުންވެލަން ކުރި މަސައްކަތް ކާމިޔާބު ނުވެގެން އުޅެނިކޮށް، އަނގައިން ލޭތަކެއް އޮހިގެންފިއެވެ.

(ނުނިމޭ)

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!