އެކްޓިވް ކޭސްތައް ފެނުނު ރަށުގެ އަދަދު 24ށް

އިތުރު 2 ރަށަކުން އެކްޓިވް ކޭސްތައް ފެނި އަތޮޅުތެރެއިން އެކްޓިވް ކޭސްތައް ފެނުނު ރަށުގެ އަދަދު 24ށް އަރައިއފިއެވެ.

އެޗްޕިއޭ އިން އާދީއްތަ ދުވަހު ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާ އިރު، 24 ރަށެއްގައި 50 އެކްޓިވް ކޭސް އެބަހުއްޓެވެ. އެއީ ހޮނިހިރު ދުވަހަށްވުރެ އިތުރު އަދަދެކެވެ. ހޮނިހިރު ދުވަހު އެޗްޕީއޭ އިން ބުނެފައިވަނީ 22 ރަށެއްގައި 48 އެކްޓިވް ކެސް ފެނިފައިވާ ކަމަށެވެ. އަލަށް ފެނުނު ދެ ރަށަކީ ށ. މަރޮށި އަދި ގދ. ފަރެސްމާތޮޑާއެވެ. މި ދެ ރަށުން ވެސް ޕޮޒިޓިވްވެފައިވަނީ 2 ދިވެހިންނެވެ.

އެޗްޕީއޭގެ ފަހުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން އަތޮޅު ތެރޭގެ އެކްޓިވް ކޭސްތަކުގެ ތެރެއިން ޕޮޒިޓިވްވި ދިވެހިންގެ އަދަދަކީ 36 އެވެ. އަދި ބިދޭސީންގެ އަދަދަކީ 14 އެވެ. މިހާތަނަށް އެންމެ ގިނައިން އެކްޓިވް ކޭސްތައް ފެނިފައިވަނީ ގދ. ހޯނޑެއްދޫންނެވެ. ހޯނޑެއްދޫން މިހާތަނަށް 44 ކޭސްވަނީ ފެނިފައެވެ. އަދި އޭގެ ތެރެއިން 25 މީހަކު މިހާތަނަށް ބަލިން ރަނގަޅުވެފައިވާ އިރު، އަދިވެސް އެކްޓިވް ކޭސްގެ ގޮތުގައި 19 ކޭސް ފާހަގަ ކުރެވެއެވެ.

ދެވަނައަށް އެންމެ ގިނަ އެކްޓިވް ކޭސްތައް ފާހަގަ ކުރެވެނީ ހއ. އިހަވަންދޫންނެވެ. އިހަވަންދޫން މިހާތަނަށް 7 އެކްޓިވް ކޭސް ފެނިފައިވާ އިރު، މީގެ ތެރޭގައި ހިމެނެނީ 6 ބިދޭސީންނާއި 1 ދިވެއްސެކެވެ. މިހާތަނަށް އަތޮޅު ތެރޭގެ 30ށް ވުރެ ގިނަ ރަށުން 150 އާއި ގާތްކުރާ އަދަދަކަށް މީހުން ވަނީ ޕޮޒިޓިވްވެފައެވެ. އަދި މީގެ ތެރޭގައި ގިނައީ ހޯމް ކަރަންޓީންގައި ތިބި މީހުންނެވެ.

އަތޮޅު ތެރެއިން މޮނިޓަރިންގެ ހާލަތުގައި މިވަގުތު އޮތީ 2 ރަށެވެ. އެއީ ގދ. ހޯނޑެއްދޫ އަދި އެރަށާއި ކޯޒްވޭއަކުން ގުޅިފައިވާ މަޑަވެއްޔެވެ. އަތޮޅު ތެރޭގައި 2 ފެސިލިޓީއެއްގައި 4 މީހަކަށް އަންނަނީ ފަރުވާ ދެމުންނެވެ. އެއީ ށ. އަތޮޅު ކޮވިޑް ފެސިލިޓީގައި 2 މީހަކަށާއި، ގއ. ވިލިނގިލި ކޮވިޑް ފެސިލިޓީގައި 2 މީހަކަށެވެ.

ރާއްޖޭގައި މިވަގުތު ކޮވިޑް-19 އަށް ފަރުވާ ހޯދަމުން ދަނީ 1،424 މީހުން ކަމަށް އެޗްޕީއޭ އިން ބުނެއެވެ. އެޗްޕީއޭ އިން އާންމު ކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުން، ސެޕްޓެމްބަރު މަހުގެ 19 ވަނަ ދުވަހުގެ 18:00ން 20 ވަނަ ދުވަހުގެ 18:00ށް 75 މީހުން ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެވެ. އެއީ ގްރޭޓަރ މާލެ ސަރަހައްދުން ޕޮޒިޓިވްވި 72 މީހުންނާއި އަތޮޅުތެރޭގެ ރަށްތަކުން އަދި ރިސޯޓްތަކުން ޕޮޒިޓިވްވި ތިން މީހުންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!