ކްރިމިނަލް ކޯޓުން ބޭރުކޮށްލި އަދީބުގެ ހަތް ދައުވާ އަލުން ބެލުމަށް ހައި ކޯޓުން އަމުރުކޮށްފި

ކުރީގެ ނައިބް ރައީސް އަހްމަދު އަދީބުގެ މައްޗަށް އުފުލި ހަތް ދައުވާ ކްރިމިނަލް ކޯޓުން ބޭރުކޮށްލުމުން އަލުން އެ މައްސަލަތައް ބެލުމަށް ހައި ކޯޓުން އަމަރު ކޮށްފި އެވެ.

އެމްއެމްޕީއާރްސީގެ މައްސަލަ އަލުން ތަހުގީގުކޮށް އަދީބުގެ މައްޗަށް ހަތް ދައުވާއެއް އުފުލި އެވެ. ނަމަވެސް ތަހުގީގުގެ ތެރެއިން ކުށަށް އިއުތިރާފުވުމާ ބެހޭގޮތުން ދައުލަތާއި އަދީބާ ދެމެދު ހެދި އެއްބަސްވުން ގޯސް ކަމަށް ނިންމައި ކްރިމިނަލް ކޯޓުގެ ގާޒީ އިސްމާއިލް ރަޝީދު ވަނީ އެ ހުރިހާ ދައުވާއެއް ބާތިލްކުރައްވައިފަ އެވެ. ދައުވާތައް އަލުން ބަލަން ހުކުމްކުރީ ކްރިމިނަލް ކޯޓުގެ ނިންމުން ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފުކުރުން ބޭއްވި ޝަރީއަތަށް ފަހުގަ އެވެ.

ހައި ކޯޓުން ވަނީ ދައުވާތަކާ މެދު ގޮތެއް ނިންމަންދެން ރިމާންޑް ޖަލެއްގައި އަދީބު ހައްޔަރުކޮށްފައި ބެހެއްޓުމަށް ވެސް އަމުރުކޮށްފަ އެވެ.

އެ މައްސަލަ ދައުލަތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުން ކުރި ހުކުމުގައިވަނީ އެ ދައުވާތައް ކްރިމިނަލް ކޯޓުން ބޭރުކޮށްލީ ކުށަށް އިއުތިރާފްވުމާ ބެހޭގޮތުން ދައުލަތާއި އަދީބާ އެކު ހަދާފައިވާ އިއުތިރާފްގެ އެއްބަސްވުން ސައްހަ ނޫން ކަމަށް ކަނޑައެޅުމަށް ފަހު ކަމަށް ވިޔަސް، އެއްބަސްވުމުގެ ސައްހަކަން ކަނޑައެޅުމަކީ ކޯޓުގެ ދައުރެއް ނޫން ކަމަށެވެ. އެފަަދަ އެއްބަސްވުމަކާ ބެހޭގޮތުން ކޯޓުގެ ދައުރަކީ އެފަދަ އެއްބަސްވުމެއް އޮތްތޯ ބެލުމާއި އިއުތިރާފުން ރުޖޫއަވުމުގެ ފުރުސަތު އޮތްކަން ދައުވާލިބޭ މީހާ އަށް އެންގުން ކަމަށާއި އަދީބުގެ މައްސަލާގައި އެއްބަސްވުމާ މެދު ގޮތެއް ނިންމީ ކޯޓުގެ އަމިއްލަ އިސް ނެގުމުގައި ކަމަށް އެ ހުކުމުގައިވެ އެވެ.

“އެއްބަސްވުމުގެ ސައްހަކަން ކަނޑައެޅުމުގެ މަސައްކަަތް ކުރިއަށް ގެންގޮސްފައިވޭ. އެއީ ޕްރޮސެކިއުޝަނުން ނުވަތަ އަހުމަދު އަދީބު އަބްދުލްޣަފޫރުގެ ފަރާތުން ހުށަހެޅި ހުށަހެޅުމަކާ ނުލައި. އެހެންކަމުން އެ އިޖްރައާތަކީ ޖިނާއީ އިޖްރައާތުގެ ގާނޫނާ އެއްގޮތަށް ކުރިއަށް ގެންދެވުނު އިޖްރައާތެއް ނޫން،” ހުކުމުގައިވެ އެވެ.

އިއުތިރާފްގެ އެއްބަސްވުން ސައްހަ ވިޔަސް އަދި ނުވިޔަސް، އެއްބަސްވުން ދޫކޮށްލުމުގެ ހައްގު ދައުވާލިބޭ މީހާ އަށް އޮންނަކަން ފާހަގަކޮށް، އެ ހުކުމުގައިވަނީ އެފަދަ އެއްބަސްވުމެއް ހެދި ސަބަބާ ބެހޭގޮތުން ސުވާލުކޮށް ކޯޓުގެ ވަގުތުތަކެއް ހޭދަކުރުމަކީ ގާނޫނީ ގޮތުން ހަމަޖެހޭ ކަމެއް ނޫން ކަމަށެވެ. އެއީ އިތުރު ތަހުގީގުތަކެއް ކޯޓުތަކުން ކުރަންޖެހޭ ކަމެއް ނޫން ކަމަށް ވެސް ހުކުމުގައިވެ އެވެ.

“އެއްބަސްވުން ބިނާކުރި އަސާސް ދެނެގަތުމަށް ހެއްކާއި ދަލީލް ހުށަހަޅައި، ދެ ފަރާތަށް ބަހުސްކުރަން ފުރުސަތު ދީ، އިބްތިދާއީ އަޑުއެހުން ކުރިއަށް ގެންދިޔަ ގާޒީ އެކަމަށް ވަގުުތުތަކެއް ހޭދަ ކުރުމަކީ ފޫނެއް ފަޔަކަށް ފެން ފުރުން ކަހަލަ ގާނޫނީ ގޮތުން ބަހުސް ކުރުމެއް، ބޭނުމެއް ނެތް ކަމެއްގައި ކުރެވޭ ބޭކާރު ބަހުސެއް.” ހުކުމުގައިވެ އެވެ.

ހައި ކޯޓުގެ ހުކުމުގައިވަނީ އެ ހަތް ދައުވާގެ މައްސަލަ ކްރިމިނަލް ކޯޓުގައި އިބްތިދާއީ މަރުހަލާއިން ފެށިގެން އަލުން ކުރިއަށް ގެންދަންޖެހޭނެ ކަމަށް ކަނޑައަޅައި، އެ މައްސަލަ އެ ކޯޓަށް ތަހުވީލުކުރީ ކަމަށް އެ ހުކުމުގައިވެ އެވެ.

ހައި ކޯޓުގެ ހުކުމުގައިވަނީ އެ މައްސަލަ އަލުން ކްރިމިނަލް ކޯޓަށް ފޮނުވުމާ އެކު، މިއަދުން ފެށިގެން 15 ދުވަހުުގެ ތެރޭގައި އަދީބުގެ ބަންދާ މެދު އަލުން ކްރިމިނަލް ކޯޓުން ގޮތެއް ނިންމަން ޖެހޭނެ އެވެ. އަދި އެ ކޯޓުން ގޮތެއް ނިންމަންދެން އަދީބު ހުންނަވަން ޖެހިވަޑައިގަންނަވާނީ ހައި ކޯޓުން ކުރިން ނެރެފައިވާ އަމުރުގެ ދަށުން ރިމާންޑް ޖަލެއްގައި ބަންދުގައި ކަމަށް ހައި ކޯޓުގެ ހުކުމުގައިވެ އެވެ.

އެ މައްސަލަ ބެއްލެވީ ފަނޑިޔާރު މުހައްމަދު ނިޔާޒާއި ފަނޑިޔާރު ހުސައިން މަޒީދާއި ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ އެވެ. މިއަދުގެ އަޑުއެހުމުގެ ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު ނިޔާޒެވެ.

ކްރިމިނަލް ކޯޓުން މައްސަލަ ބޭރުކޮށްލުމާ އެކު ބަންދުގައި ހުންނެވި އަދީބު މިނިވަން ވެފައި ވަނިކޮށް އިސްތިއުނާފް ކުރުމުން އިސްތިއުނާފް ނިމެންދެން އޭނާ ބަންދުގައި ބަހައްޓަން ހައި ކޯޓުން ކުރިން އޮތީ އަމުރުކޮށްފަ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!