ގުޅީފަޅުގައި ޕޯޓު އެޅުމާއި ގުޅޭގޮތުން އާންމުން ދެކޭ ގޮތެއް ބެލުމަށް އިކޮނޮމިކް މިނިސްޓްރީން ސާވޭއެއް ފަށައިފި އެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ އެ ސާވޭ އަކީ އެ މަޝްރޫއުގެ ސަބަބުން ތިމާވެއްޓަށާއި މުޖުތަމައުއަށް އަސަރު ފޯރާނޭ މިންވަރު ބެލުމުގެ ގޮތުން، ލޭންޑް އެންޑް މެރިން އެންވަޔަރަމަންޓަލް ރިސޯސް ގްރޫޕް (ލަމަޔާ) އިން ތައްޔާރުކުރާ ރިޕޯޓުގެ ބައެއް ކަމަށެވެ.
އެގޮތުން އެފަދަ ސާވޭއެއް ކުރިއަށް ގެންދިއުމުގެ މައިގަނޑު މަގްސަދަކީ މާލޭގެ ޕޯޓުތަކުގައި ދެވޭ ހިދުމަތްތައް ގުޅީފަޅަށް ބަދަލުކުރުމުގެ މަޝްރޫއު ރާވާލެވިފައިވާ ގޮތާއި މެދު އާންމުން ދެކޭ ގޮތެއް ބެލުމަށް ކުރިއަށް ގެންދާ މަޝްރޫއުއެއް ކަމަށް ބުނެ އެވެ.
މާލޭގެ ޕޯޓުތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމުގެ ސަބަބުން އެކަމަށް ހައްލެއް ހޯދުމަަށް ގުޅީފަޅަށް ޕޯޓު ބަދަލުކުރުމަށް މަޝްރޫއުއެއް ހިންގަމުން އަންނައިރު އިކޮނޮމިކް މިނިސްޓްރީން ބުނީ މާލޭ ކޮމާޝަލް ހާބަރާއި ނޯތު ހާބަރު އަދި ޓީ ޖެޓީގެ ސަރަހައްދުގެ ބައެއް ހިިދުމަތްތަކާއި މަސައްކަތްތައް 2023 ގައި ގުޅީފަޅު ޕޯޓަށް ބަދަލުކުރެވޭނެ ކަމަށާއި އެ މަޝްރޫއުގެ ސަބަބުން ޖާގަ ބޮޑުވެ ހިދުމަތްތައް ވެސް އަވަސްވާނެ ކަމަށެވެ.
އަދި 2023 އަށް މާލެ އާއި ގުޅީފަޅު ގުޅުވާލާއި ބްރިޖުގެ މަޝްރޫއު ވެސް ނިމޭނެ ކަމަށް ލަފާކުރެ އެވެ.
އެހެންކަމުން، ގުޅީފަޅުގައި މަޝްރޫއުކުރިއަށް ގެންދަން ފެނޭތޯ ބަލަން ސާވޭއެއް ފެށިއިރު އެރަށަށް ޕޯޓު ބަދަލުކުރުމާއި ދެކޮޅަށް އިދިކޮޅުން އަންނަނީ ވާހަކަ ދައްކަމުންނެވެ.