ޖިހާދާއި މުނައްވަރުގެ މައްސަލައިގެ އިތުރުކަންތައްތަކެއް ބެލުމަށް އޭސީސީގައި އެދިއްޖެ

މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ތުހުމަތުގައި ކުރީގެ ސަރުކާރުގައި ފިނޭންސް މިނިސްޓަރުކަން ކުރެއްވި ދެ ބޭފުޅެއްގެ މައްޗަށް ޖިނާޢީ ދަޢުވާކުރުމަށް އޭސީސީން ޕީޖީއަށް ފޮނުވި މައްސަލައިގެ ތަހުގީގް އިތުރަށް ފުރިހަމަ ކުރުމަށް އޭސީސީގައި ޕީޖީ އޮފީހުން އެދިއްޖެއެވެ.

އޭސީސީގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިމައްސަލައިގައި އިތުރަށް ފުރިހަމަ ކުރަންޖެހޭ ކަންކަން ފާހަނގަކޮށް ޕީޖ އޮފީހުން ދަންނަވާފައިވާކަމަށެވެ. އަދި މިމައްސަލައިގެ ތަހުގީގުގައި އިތުރަށް ފުރިހަމަ ކުރަންޖެހޭ ކަންތައްތަކެއް ހުރުމުން ޕީޖީ އޮފީހުން ފާހނގަކުރި ކަންކަން ފުރިހަމަ ކުރުމުގެ މަސައްކަތް އޭސީސީން ކުރާނެކަމަށެވެ.

ކުރީގެ ފިނޭންސް މިނިސްޓަރ އަދި ފަހުން ކުރީގެ ނައިބުރައީސްގެ މަޤާމުވެސް ފުރުއްވި ޢަބްދުﷲ ޖިހާދާއި ކުރީގެ ފިނޭންސް މިނިސްޓަރ އަޙްމަދު މުނައްވަރުގެ މައްޗަށް ދަޢުވާކުރަނީ ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނުގެ ދަށުން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ތުހުމަތުގައެވެ. އަދި ދައުލަތަށް ފައިދާވާން އޮތް ކަމެއްގައި އެނޫން ގޮތަކަށް ޢަމަލުކުރައްވާފައިވަކަމުގެ ތުހުމަތާއި ދައުލަތުގެ މުވައްޒަފެއްގެގޮތުގައި ހުރެ ރަސްމީ ހައިސިއްޔަތުން ވާޖިބު އަދާކުރުމުގައި އެނގި ހުރެ، ގާނޫނުގައި ހުއްދަ ކޮށްފައި ނުވާކަމެއް ކޮށްފައިވާކަމުގެ ދައުވާވެސް ހިމެނެއެވެ. މީގެ އިތުރުން ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާވެސް މިބޭފުޅުންގެ މައްޗަށް ކުރަން ފޮނުއްވާފައިވާކަމަށް އޭސީސީން ވަނީ ވިދާޅުވެފައެވެ.

މި ދެ ބޭފުޅުންގެ މައްޗަށް މި ދަޢުވާތައް ކުރައްވަން އޭސީސީން ނިންމެވީ ޓުއަރިސްޓު ރިސޯޓު ތަރައްގީ ކުރުމަށްޓަކައި ކުރީގެ ސަރުކާރުން ވެފައިވާ ޖޮއިންޓް ވެންޗާ އެއްބަސްވުންތަކެއްގެ ދަށުން ސަރުކާރުގެ ހިއްސާ އެކުލެވޭ ގޮތަށް ސޮއިކޮށްފައިވާ ހަތް އެއްބަސްވުމަކާ ގުޅޭ މައްސަލަތަކެއްގައެވެ. އަދި މިއީ މި އެއްބަސްވުމުގެ ދަށުން ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ރަށުގެ ޑިވެލޮޕްމަންޓް ފޭސް ފުރިހަމަވުމުން، އެއްބަސްވުމުގައި ހިމެނޭ އަމިއްލަ ޙިއްސާދާރަށް، ނުވަތަ އެފަރާތުން ކަނޑައަޅާ ފަރާތަކަށް، ސަރުކާރުގެ ހިއްސާ އެއްވެސް އަގަކާއިނުލާ ދޫކޮށްލަން ލާޒިމްވާގޮތަށް “ޕުޓް-އޮޕްޝަން ރައިޓް” ހިމަނާފައިވާކަމަށް ބުނެ ކޮމިޝަނަށް ހުށަހެޅި މައްސަލައެއްކަމަށްވެސް އެސީސީން ވިދާޅުވެއެވެ.

މިދިޔަ ސަރުކާރުގައި ފުރަތަމަ ފިނޭންސް މިނިސްޓަރކަން ކުރެއްވުމަށްފަހު ފަހުން ނާއިބް ރައީސްކަން ކުރައްވާފައިވާ ޖިހާދާއި މިދިޔަ ސަރުކާރުގެ އެންމެ ފަހުން ހުންނެވި ފިނޭންސް މިނިސްޓަރ މުނައްވަރާއި ޙުސައިން ޟިރާރު މައްޗަށް އޭސީސީން ދައުވާކުރާ މައްސަލައިގައި ހިމެނޭ ހަތް ރަށަކީ ބ.ތިލަދޫ، ށ.ހުރަސްފަރު، ށ.ނާއިންފަރު، ރ.ފަސްމެންދޫ، ކ.އެނބޫދޫ ފިނޮޅު، ކ.ކޮއްދިއްޕަރުފަޅު (ދިއްދޫފިނޮޅު) އަދި ކ.ކޮއްދިއްޕަރުފަޅު (އަމީންގިރި) އެވެ.

މި ރަށްތަކުގެ ތެރެއިން ބ.ތިލަދޫ ފިޔަވައި އެހެން ރަށްތަކަކީ ދިވެހިރާއްޖޭގެ ޓޫރިޒަމްއާބެހޭ ޤާނޫނުގެ 05 ވަނަ މާއްދާގައި ބަޔާންކުރާ އިސްތިސްނާ ޙާލަތުގެ ދަށުން އާންމު އިޢުލާނުކޮށްގެން ރަށްތައް ކުށްޔަށްދިނުމުގެ ބަދަލުގައި ސަރުކާރު ހިއްސާވާގޮތަށް އުފައްދާ ޖޮއިންޓު ވެންޗަރ އެގްރީމެންޓުތަކެއްގެ ދަށުން ޖޮއިންޓު ވެންޗަރ ކުންފުނިތަކެއް ހަދާ ލީސްއެގްރީމެންޓް ހަދައިގެން ކުއްޔަށްދޫކޮށްފައިވާ ރަށްތަކެއްކަމަށް އެސީސީގެ ބަޔާނުގައިވެއެވެ.

ޖޮއިންޓް ވެންޗަރ އެގްރީމެންޓުތަކުގައި ކުއްޔަށްދޫކުރާ ރަށުގެ ކޮންސްޓްރަކްޝަން އެންޑް ޑިވޮލޮޕްމަންޓް ފޭސް ފުރިހަމަ ވުމުން ޖޮއިންޓް ވެންޗަރ ކުންފުނިތަކުގައި ހިމެނޭ ސަރުކާރު %5 ހިއްސާ ޖޮއިންޓް ވެންޗަރ ކުންފުނީގައި ހިމެނޭ އަމިއްލަ ހިއްސާދާރަށް އެއްވެސް އަގަކާއިނުލާ ބަދަލުކުރޭވޭނެ ގޮތަށް “ޕުޓް-އޮޕްޝަން ރައިޓް”ވަނީ ހިމަނާފައެވެ. އަދި މި ބައި ހިމަނާފައިވަނީ ބައެއް އިންވެސްޓަރުންނާ އެއްކޮށް މިނިސްޓްރީ އޮފް ޓޫރިޒަމުން މަޝްވަރާކޮށްގެން އެ މާއްދާ ހިމެނުމަށް އެއްބަސްވެގެންކަން ބައެއް ރަށްތަކަށް އިންވެސްޓަރުން ހުށަހަޅާފައިވާ ސިޓީތަކުން އެނގެން އޮތްކަމަށްވެސް އޭސީސީން ވިދާޅުވެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!