ހޯރަފުށީ އެއާޕޯޓުގެ ޕަސެންޖާ ޓާމިނަލްގެ މަސައްކަތް ފަށައިފި

ހއ. ހޯރަފުށީ އެއާޕޯޓުގެ ޕަސެންޖާ ޓާމިނަލް އަދި ފަޔާ ބިލްޑިންގް އިމާރާތް ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް އެމްޓީސީސީ އިން ފަށައިފި އެވެ.

މިދިޔަ މަހުގެ 27 ގައި ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓްރީން އެ ކުންފުންޏަށް ހަވާލުކުރި އެ މަޝްރޫއުއަކީ 13.8 މިލިއަން ރުފިޔާގެ މަޝްރޫއުއެކެވެ.

އެމްޓީސީސީ އިން ބުނީ ހޯރަފުށީ އެއާޕޯޓުގެ ޕަސެންޖާ ޓާމިނަލް އަދި ފަޔާ ބިލްޑިންގް އިމާރާތް ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ހޮނިހިރު ދުވަހު ފަށާފައިވާއިރު އެއީ 80 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް ހަވާލުކޮށްފައިވާ މަޝްރޫއުއެއް ކަމަށެވެ.

ހޯރަފުށީގައި އެއާޕޯޓް ތަރައްގީކުރުމުގެ މަސައްކަތް ވެސް އެމްޓީސީސީން ކުރަމުން އަންނައިރު އެ އެއާޕޯޓުގެ ބޮޑު މިހާރު އޮތީ ނިމިފަ އެވެ. އެ ކުންފުނިން އަމާޒު ހިފާފައި އޮތީ އަންނަ ސެޕްޓެމްބަރު މަހުގެ ފަހުކޮޅު އެ މަސައްކަތް އެއްކޮށް ނިމޭތޯ އެވެ. 

ހޯރަފުށި އެއާޕޯޓް ޕްރޮޖެކްޓުގެ ދަށުން އެ އެއާޕޯޓުގައި 1،200 މީޓަރުގެ ރަންވޭ އަކާއި 8،635 އަކަ މީޓަރުގެ އޭޕްރަން އަކާއި ޓެކްސީވޭ އެއް ތަރަޢްގީ ކުރާނެ އެވެ. އަދި 9،473 އަކަ މީޓަރުގެ ޕާކިން އޭރިއާ އަކާއި 1،718 އަކަ މީޓަރުގެ ފަޔާ އެކްސެސް ރޯޑް އެއްގެ އިތުރުން 720 މީޓަރުގެ އެއާޕޯޓް ސެކިއުރިޓީ އާއި ބީޗް ފެންސް އޭރިއާ އެއް ތަރައްގީކުރާނެ އެވެ. 

އެއާޕޯޓް ތަރައްގީ ކުރުމަށް ބޭނުންވާ 842،200 އަކަ މީޓަރުގެ ބިން ހިއްކައި ނިންމާލާފައި ވަނީ 2019 ވަަނަ އަހަރުގެ އޮގަސްޓު މަހު އެވެ. އަދި 1،120 މީޓަރުގެ ރިވެޓްމެންޓުގެ މަސައްކަތް ނިންމާލާފައި ވަނީ މިއަހަރުގެ މާޗް މަހު އެވެ. 

އެތެރޭގެ އުދުހުން ތަކަށް ހާއްސަކޮށްގެން ހޯރަފުށީގައި ތަރައްގީ ކުރާ އެއާޕޯޓުގެ ޖުމްލަ އަގަކީ 198 މިލިއަން ރުފިޔާ އެވެ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!