ކޮވިޑް-19 ގެ ސަބަބުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ގިނަ ބަޔަކު ގޭގައި ކަރަންޓީނުވެގެން ތިބެ އަންނަނީ އެކިއެކި އާ ކަންކަން ތަޖުރިބާ ކުރަމުންނެވެ. އެގޮތުން އެންމެ ގަދަޔަށް ވައިގައި ހިފައިގެން އުޅޭ ކަމަކީ، ގޭތެރޭގައި ގަސް އިންދުމެވެ. އަދި މި “ޓްރެންޑް” އާއެކު ކުރިއަށްދިޔުމުގައި މަޝްހޫރު މީހުންވެސް ދަނީ ބައިވެރިވަމުންނެވެ.
އޭގެތެރެއިން އިންޓަނޭޝަނަލް އެކްޓްރެސް ޕްރިޔަންކާ ޗޯޕްރާ ވެސް އަންނަނީ ފިރިމީހާ ނިކް ޖޯނަސްއާއެކު އެމެރިކާގެ ގޭގައި ކަރަންޓީނުވެގެން އިނދެ، އެކި ހުނަރުތައް ފޭނުންނާ ހިއްސާކުރަމުންނެވެ. އެގޮތުން ދާދިފަހުން ޕްރިޔަންކާ ވަނީ އޭނާގެ ގޭގައި ހައްދާފައިވާ ހުރި މާ ގަހެއްގައި މާ އަޅާފައިވާތަން ފޮޓޯ ނަގައި، އިންސްޓަގްރާމް ސްޓޯރީގައި ހިއްސާކޮށްފައެވެ.

38 އަހަރުގެ އެކްޓްރެސް ހިއްސާކުރި ފޮޓޯއަކީ، ހުވަނދުމާ ގަހެއްގެ ފޮޓޯއެވެ. އަދި އޭނާގެ ހުވަނދުމާތައް ފޮޅެމުން އަންނަ ކަމަށް ލިޔެ، އެކަމުގެ އުފާ ފާޅުކޮށްފައިވެއެވެ. ބެލެވޭ ގޮތުގައި އެއީ ޕްރިޔަންކާ އަމިއްލައަށް އޭނާގެ ގޭގައި ހައްދާފައިވާ ގަހެކެވެ.
މީގެ އިތުރުން ޕްރިޔަންކާ ވަނީ ކަރަންޓީނު އިނދެގެން އޭނާގެ އަމިއްލަ ބަޔޮގްރަފީ ފޮތެއް ވެސް ލިޔެ ނިންމައިފައެވެ. އަދި މިއުޒިކް އިންސްޓްރުމެންޓެއް އަލަށް ކުޅެން ދަސްކޮށްފައިވެއެވެ. މި ހުރިހާ ކަމަކަށްވެސް އޭނާގެ ފޭނުންގެ ފަރާތުން އަންނަނީ ތައުރީފު ލިބެމުންނެވެ.