ބިގް ބޮސް 14 ގެ ޕްރޮމޯގައި ހިނާ، ސިދާތު އަދި ގޯހަރް!

އޮކްޓޯބަރު 3 ގައި ފަށަން ހަމަޖެހިފައި އޮތް މަޝްހޫރު ރިއަލިޓީ ޝޯ “ބިގް ބޮސް 14” ގެ އާ ޕްރޮމޯތަކެއް ބެލުންތެރިންނަށް ދައްކާލައިފިއެވެ.

ކަލާޒް ޓީވީ އިން ކޮންމެ އަހަރަކު ގެނެސްދޭ މި މަޤުބޫލު ޝޯގެ އާ ޕްރޮމޯތަކުން ފެންނަނީ ހިނާ ޚާނާއި، ސިދާތު ޝުކްލާ އަދި ގޯހަރް ޚާނެވެ. ތިން ވީޑިއޯއަކަށް ބަހާލައިގެން ކަލާޒް ގެ އޮފިޝަލް މީސްމީޑިއާ އެކައުންޓުތަކުން އިއްޔެ ހިއްސާކުރި މި ޕްރޮމޯތަކަށް ވަނީ ބެލުންތެރިންގެ ތަރުހީބު ލިބިގެން ގޮސްފައެވެ.

މޮޑެލް/އެކްޓްރެސް ގޯހަރް ޚާނަކީ ބިގް ބޮސް ގެ 7 ވަނަ ސީޒަންގެ އެއްވަނައެވެ. އަދި ބަތަލާ ހިނާ ޚާނަކީ ބިގް ބޮސް 11 އިން ދެވަނައަށް ދިޔަ ބައިވެރިޔާއެވެ. މީގެ އިތުރުން ޓީވީ އެކްޓަރު ސިދާތު ޝުކުލާއަކީ ނިމިދިޔަ 13 ވަނަ ސީޒަންގެ އެއްވަނައެވެ. ފާހަގަކޮށްލަންޖެހޭ ކަމަކީ، މިދިޔަ ސީޒަނަކީ ބިގް ބޮސްގެ ތާރީޚުގައި ވެސް އެންމެ ބޮޑު ތަރުހީބެއް ލިބުނު ސީޒަން ކަމެވެ.

“ބިގް ބޮސް 14” ގެ އާ ޕްރޮމޯތައް ފެނިފައި، ފޭނުން ތިބީ މި ސީޒަން ފަށާ ތާރީޚުގެ އިންތިޒާރުގައި ކަމަށް ބެލެވެއެވެ. އެއީ މި ސީޒަނަކީ 2020 ވަނަ އަހަރުގެ ހުރިހާ މައްސަލަތަކަކަށް ހައްލު ލިބޭނެ ސީޒަނެއްގެ ގޮތުގައި ސިފަކޮށްފައި ވާތީ، މިއީ ވަރަށް ވަރުގަދަ ސީޒަނަކަށް ވާނެކަމަށް ލަފާކުރެވޭތީއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!