ބައްޕަގެ އުފަންދުވަސް ފާހަގަކުރަން އާލިއާ ހިއްސާކުރި ފޮޓޯ ލޯބި ދޯ!

ބޮލީވުޑްގެ ޒުވާން ބަތަލާ އާލިއާ ބަޓް، އޭނާގެ ބައްޕަ ޕްރޮޑިއުސަރު މަހޭޝް ބަޓްގެ 72 ވަނަ އުފަންދުވަސް ފާހަގަކުރުމުގެ ގޮތުން ކުރީގެ ފޮޓޯއެއް އިންސްޓަގްރާމްގައި ހިއްސާކޮށްފިއެވެ.

އާލިއާ މިއަދު ހިއްސާކުރި ފޮޓޯއިން ފެންނަނީ އޭނާ ތުއްތުއިރު، މަހޭޝްގެ ދެއަތުން އޭނާ ހިފަހައްޓާލައިގެން ހުންނަ މަންޒަރެވެ. މި ފޮޓޯއިން ގިނަ ބަޔަކަށް ފާހަގަވީ އާލިއާ ކުޑައިރު ހުރިލެއް “ލޯބި” ކަމެވެ. އެގޮތުން ކުޑަކުޑަ އާލިއާގެ ދެކޮލުގައި މަސްޖަހާލާފައި ހުރިވަރުން ހީވަނީ “ވަށް ބޯޅައެއް” ހެން ކަމަށްބުނެ މަންމަ ސޯނީ ރަޒްދާން ވެސް ކޮމެންޓު ކޮށްފައިވެއެވެ.

މި ފޮޓޯއާއެކު އާލިއާ ދެން ހިއްސާކުރި ފޮޓޯއަކީ ސިންގާއަކާއި ކުޑަ އަންހެން ކުއްޖެއްގެ ކުރެހުމެކެވެ. އަދި ކެޕްޝަންގައި ލިޔެފައިވާ ލިޔުންކޮޅުގައި އާލިއާ ވަނީ އޭނާގެ ބައްޕައަކީ “މުފާސާ” ކަމަށް ބުނެފައެވެ. މުފާސާއަކީ “ލަޔަން ކިންގް” ފިލްމުގައި ސިމްބާގެ ބައްޕަ ސިންގާއެވެ.

މީގެ އިތުރުން އާލިއާ ލިޔެފައިވާ ގޮތުގައި، ކިތަންމެ މީހަކު ކިތަންމެ އެއްޗެއް ކިޔަސް، ބައްޕައަކީ ވަރަށް ރަނގަޅު މީހެއް ކަމަށެވެ.

ފާހަގަކޮށްލަން ޖެހޭ ކަމަކީ، އެކްޓަރު ސުޝާންތު ސިންގް ރާޖްޕުތުގެ މަރަށްފަހު، ބަޓް އާއިލާއަށް ވަނީ ގިނަ ބައެއްގެ ނަފްރަތު ކުރިމަތިވެފައި ކަމެވެ. އެގޮތުން މަހޭޝް ބަޓް އެތައް އަހަރުތަކަކަށް ފަހު ޑައިރެކްޓު ކޮށްގެން މިދިޔަ މަހު ނެރުނު “ސަޅަކް 2” ފިލްމަށް ވެސް ވަނީ ވަރަށް ބޮޑު ނާކާމިޔާބެއް ކުރިމަތިވެފައެވެ. އަދި އާލިއާ ބަޓް މެންފަދަ “ސްޓާ ކިޑުން” ގެ ފިލްމުތައް ބޮއިކޮޓު ކުރާނެ ކަމަށް ގިނަ ބަޔަކު އަންނަނީ ގޮވައިލަމުންނެވެ. މިއީ ބޮލީވުޑްގައި އޮންނަ ނެޕޮޓިޒަމާ ދެކޮޅަށް އެމީހުން ކުރާ އިހުތިޖާޖެކެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!