ފާއިތުވި ދެއަހަރު ދުވަހު ސުޓާރ ޕުލަސްއިން ގެނެސްދެމުން އަންނަ ޑުރާމާ ސީރީސް ކަސައުޓީ ޒިންދަގީ 2 އަކަށް އަންނަ މަހު ނިމުން އަންނާނެ ކަމުގެ ވާހަކަވެގެންދިޔައީ ސީރީސްގެ ފޭނުންނަށް ދެރަ ޙަބަރަކަށެވެ. ޕުރޭނާ އާއި އަނޫރާގުގެ ލޯބި ލޯބި މަންޒަރުތަށް ބަލާލުމަށް ޓީވީ ދަށުގައި މަޑުކޮއްލުމަކީ ހިތްހަމަޖެހުމަކަށް ހަދާފައިވާ ބެލުންތެރިންނަށް ވަކިވުމުގެ ކުރިން މި ދެތަރިންވަނީ ދެމީހުންގެ ކެމިސްޓްރީ ދައްކުވައިދޭފަދަ ނެށުމެއް ޝޯގެ ތެރެއިން ދޫކޮއްލާފައެވެ.
މި މަންޒަރުވެގެން ދިޔައީ ގިނަބައެއްގެ ހިތްތަކުގައި މި ޖޯޑަށް ޖެހިފައިވާ ލޯބި އިތުރުކޮއްދިން ނެށުމަކަށެވެ. ސުކުރީންއިން ފެންނަ މިޖޯޑު، ނަށަމުންދިޔަ އިރު ބަލާބަޔަކަށް އެދެމީހުން އެކަކު އަނެއްކަކުގެ ލޮލުގެ ތެރެއަށް ގެއްލިފައިވާ މަންޒަރު ފެނެއެވެ. އަދި އެދެމީހުންގެ ކެމިސްޓރީ ގުޅޭލެއް ބޮޑުކަމުން އެ އިހްސާސް ބަލާ މީހާގައިން ހީބިހި ނަގައިގެން ދެއެވެ.
އޮކްޓޯބަރު 3 ގައި މި ސީރީސްގެ ފަހު އެޕިސޯޑު ދައްކާގޮތަށް ހަމަޖެހިފައިވާއިރު ބެލުންތެރިން މިހާރު އެންމެ އިންތިޒާރުކުރަމުންދަނީ ވާހަކައިގެ ނިމުން އަންނާނެ ގޮތަކާ ދޭތެރޭގައެވެ. އާއިލީ ތަފާތު އެތަށް މައްސަލަތަކެއް ގޯސްވެފައިވާ ޑުރާމާ ނިމިގެންދާއިރު އެ މައްސަލަތަކަށް ހައްލު އަންނާނެގޮތެއް ބަލާލުމަށް ބެލުންތެރިން ކެތްމަދުވެފައިވާއިރު ސީރީޒްގެ ސުޓާރުން ޑުރާމާގެ ނިމުން ފާހަގަކުރުމަށްޓަކައި ސެޓުގެ ތެރޭގައި ތަފާތު ސެލެބްރޭޝަންތަށްވެސް ކުރިއަށް ގެންދާކަން ތަރިންގެ ސޯޝަލް މީޑިއާ ބަލާލުމުން ފާހަގަވެއެވެ.