ސުޝާންތަކީ ޓީވީ އެކްޓަރެއް ކަމަށްބުނެ އެކުގައި ފިލްމު ކުޅެން ދެކޮޅުހެދި ބަތަލާއެއްގެ ނަން އަނުރާގް ހާމަކޮށްފި

ޖޫން މަހު ދަންޖެހިގެން މަރުވި އެކްޓަރު ސުޝާންތު ސިންގް ރާޖްޕުތާ ބެހޭގޮތުން އާ ވާހަކަތަކެއް ހިއްސާ ކުރަމުންދާ ޑައިރެކްޓަރު އަނުރާގް ކަޝްޔަޕް އަނެއްކާވެސް އާންމުންނަށް ނޭނގޭ ބައެއް ކަންތައްތަކެއް ހިއްސާކޮށްފިއެވެ.

ނޫސްވެރިޔާ ފަޔީ ޑީ’ސޫޒާ އަށް ދިން އިންޓަވިއުއެއްގައި އަނުރާގް ވަނީ ސުޝާންތާމެދު ކުރިން އޮތް ހިތްހަމަނުޖެހުން އޮތުމުގެ ސަބަބު ކިޔައިދީފައެވެ. އެގޮތުން އަނުރާގް ބުނިގޮތުގައި، ތިން ފަހަރެއްގެ މަތިން ސުޝާންތު ވަނީ އަނުރާގާއެކު ފިލްމުތަކެއްގައި މަސައްކަތްކުރަން ކިޔައި ކުއްލިއަކަށް “ގެއްލިފައެވެ”. އޭގެފަހުން ސުޝާންތާ ގުޅުން ބޭއްވުން ހުއްޓައިލީ ކަމަށް އަނުރާގް ބުންޏެވެ.

އޭގެތެރެއިން ފުރަތަމަ ފަހަރަކީ “ހަސީ ތޯ ޕަސީ” ފިލްމުގެ ބަތަލުގެ ރޯލު ސުޝާންތައް ހުށަހެޅި ފަހަރު ކަމަށް އަނުރާގް ބުންޏެވެ. އަދި އެ ފިލްމަށް ބަތަލާއަކު ހޯދަންވެގެން އެކްޓްރެސް ޕަރިނީތީ ޗޯޕްރާއަށް ގުޅުމުން، ޓީވީ އެކްޓަރަކާއެކު މަސައްކަތްކުރަން ބޭނުންނުވާ ކަމަށް ފުރަތަމަ ބުނިކަމަށް އަނުރާގް ކިޔައިދިނެވެ.

“ހަސީ ތޯ ޕަސީ” ގެ ޕޯސްޓަރެއް

“ނަމަވެސް އަހަރެން ވަރަށް ރަނގަޅަށް ކިޔައިދިނިން ސުޝާންތަކީ ކާކުކަން. އަހަރެން ބުނިން އޭނަ އެބަ ކުޅެޔޭ ކައި ޕޯ ޗޭ ކިޔާ ފިލްމެއް، އަދި އާމިރް ޚާންގެ ޕީކޭގެ ރޯލެއް ވެސް އޭނައަށް ލިބިފަ އެބައޮތޭ. ހަސީ ތޯ ޕަސީ ނުކުންނައިރު ސުޝާންތަކީ ހަމައެކަނި ޓީވީ އެކްޓަރަކަށް ނުވާނެޔޭ އަހަރެން ބުނިން”، އަނުރާގް ކިޔައިދިނެވެ. އޭރު ޕަރިނީތީ ދިޔައީ “ޝުދް ދޭސީ ރޮމޭންސް” ކިޔާ ފިލްމެއްގެ ޝޫޓިންގ ފަށަން ތައްޔާރުވަމުން ކަމަށާއި، އަނުރާގްގެ ވާހަކަ އަޑު އަހާފައި ޔާޝް ރާޖް ފިލްމްސް (ވައިއާރްއެފް) އާ ވާހަކަ ދައްކައިގެން އެ ފިލްމުގެ ރޯލެއް ސުޝާންތަށް ހޯދައިދިން ކަމަށް ބުންޏެވެ.

“އެމީހުން ސުޝާންތަށް ގުޅާފަ ބުނީ ތި ކުޅެން އުޅޭ ފިލްމު (ހަސީ ތޯ ޕަސީ) ދޫކޮށްލާފަ އަންނަންވީ ނޫންހޭ ޝުދް ދޭސީ ކުޅެން. އެއަށްފަހު ސުޝާންތު ކުއްލިއަކަށް ގެއްލިއްޖެ”، އަނުރާގްގެ ފިލްމެއްގައި މަސައްކަތްކުރަން ކިޔާފައި “ލަނޑުދިން” ހާދިސާ އޭނާ ކިޔައިދިނެވެ. އަދި އޭގެފަހުން 2016 ގައި ވެސް އެކަހަލަ ލަނޑެއް ދިން ކަމަށް ބުންޏެވެ.

އެއާއެކު އަނުރާގް ބުނީ، ސުޝާންތަކީ އެގޮތަށް ކަންތައް ކުރާ މީހެއްކަން ބޮލީވުޑްގެ ގިނަ ބަޔަކަށް އެނގޭ ކަމަށާއި، ބޮލީވުޑުން އޭނާއާ ދެކޮޅަށް އޮތް ހަމައެކަނި މައްސަލައަކީ އެއީ ކަމަށެވެ. “ކޮންމެހެން ސުޝާންތުގެ އަހުލާގު ގޯސް ވެގެންނެއް ނޫން އޭނައާ މީހުން ވާހަކަ ނުދެއްކީ. އެންމެންވެސް ބުނާނެ ސުޝާންތަކީ މަޑުމައިތިރި، ރަނގަޅު މީހެކޭ. އެކަމަކު އެގޮތަށް ފިލްމު ކުޅެން ކިޔާފަ ޙަބަރުނުވެ ހުންނާތީ އޭރު އޭނައާ މީހުން ދުރުވީ. އަދި ތާ އަހަރެމެންނަށް މި އެނގުނީ އެކަމުގެ ފަހަތުގަ އޮތް ސަބަބަކީ ޑިޕްރެޝަންކަން”، އަނުރާގް ކިޔައިދިނެވެ.

2014 ވަނަ އަހަރު ނުކުތް “ހަސީ ތޯ ޕަސީ” ގައި ޕަރިނީތީއާއެކު ބަތަލުގެ ރޯލު އެންމެފަހުން ކުޅުނީ ސިދާތު މަލޯތުރާއެވެ. ނަމަވެސް “ޝުދް ދޭސީ ރޮމޭންސް” ގައި ސުޝާންތާއެކު ޕަރިނީތީ ފެނިގެން ގޮސްފައިވެއެވެ.

“ޝުދް ދޭސީ ރޮމޭންސް” ގެ ޕޯސްޓަރެއް

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!