ބަޖެޓް ސަޕޯޓްގެ ގޮތުގައި އިންޑިއާ ސަރުކާރުން ދެއްވި 250 މިލިއަން ޑޮލަރުގެ މާލީ އެހީއަށްޓަކައި އިންޑިއާ ސަރުކާރަށާއި އެ ޤައުމުގެ ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙް ޝުކުރުއަދާކުރައްވައިފިއެވެ.
އިންޑިއާއިން ރާއްޖެއަށް ދިން 250 މިލިޔަން ޑޮލަރު ނުވަތަ 3.85 ބިލިޔަން ދިވެހި ރުފިޔާގެ ލޯނުގެ ލިއުން ރާއްޖެއާ މިއަދު ވަނީ ރަސްމީކޮށް ހަވާލުކޮށްފައިއެވެ.
އެމަނިކުފާނު މިއަދު ކުރެއްވި ޓުއީޓެއްގައި ވިދާޅުވީ، ރާއްޖެއަށް އެހީތެރިކަމެއް ބޭނުންވާ ކޮންމެ ވަގުތަކު ގާތް އެކުވެރިއެއްގެ ގޮތުގައި އިންޑިއާ އަބަދުވެސް އޮންނަ ކަމަށެވެ. އިންޑިއާ އިން މި ފަހުން ދިން އެހީތެރިކަމަށްޓަކައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި ސަރުކާރާއި ރައްޔިތުންނަށް ޝުކުރު ދަންނަވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ވެރިކަމާ ޚަވާލުވެވަޑައިގަތް ފަހުން އިންޑިޔާއިން ރާއްޖެއަށް ދެމުންދާ މާލީ އެހީތެރިކަމަކީ ރާއްޖޭގެ ތާރީޙުގައިވެސް އެއް ޤައުމަކުން ރާއްޖެއަށް ވެދީފައިވާ އެންމެ ބޮޑު މާލީ އެހީތެރިކަންކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރުވަނީ މިއަދު ވިދާޅުވެފައެވެ.