ކަޅުބިލަމަހާއި ކަންނެލި ގަނެވޭނެ އަގަށް ބަދަލު ގެނެސްފި

ކަޅުބިލަމަހުގެ ދޮށީގެ މަސްވެރިކަމުގައި ބާނާ މަސް ގަނެވޭނެ އެންމެ ދަށް އަގު މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އިން މުރާޖައާކޮށް ކަނޑައަޅައިފިއެވެ.

ފިޝަރީޒް މިނިސްޓްރީ އިން ކޮށްފައިވާ އިއުލާނެއްގައި 7 ރުފިޔާއަށް ގަންނަމުން ދިޔަ ކަޅުބިލަމަސް އަދި ރީނދޫ އުރަހަ ކަންނެލީގެ 1.5 ކިލޯ އަދި އެއަށްވުރެ ބަރު މަހުގެ ކިލޯއެއްގެ އެންމެ ދަށް އަގަކީ 13 ރުފިޔާ ކަމަށެވެ. އަދި 1.5 ކިލޯއަށްވުރެ ދަށް ކަޅުބިލަ މަސް އަދި ރީނދޫ އުރަހަ ކަންނެލި ކިލޯއެއްގެ އެންމެ ދަށް އަގުގެ ގޮތުގައި ހަމަޖައްސާފައިވާ 3 ރުފިޔާ 60 ލާރި ވަނީ 5 ރުފިޔާ 15 ލާރިއަށް ބޮޑުކޮށްފައެވެ.

މިނިސްޓްރީގެ އިއުލާނުގައި ބުނީ ކަޅުބިލަމަހުގެ ސިނާއަތް ތަރައްގީކޮށް ކުރިއެރުވުމުގެ ގޮތުން މަސްވެރިންގެ އަތުން މަސްގަނެ، ޕްރޮސެސްކޮށް އެކްސްޕޯޓު ކުރުމަށް އެ މިނިސްޓްރީއާއެކު ސޮއިކޮށްފައިވާ ކުންފުނިތަކާއި އެ މަސްވެރިކަމުގައި ބާނާ މަސްގަތުމުގެ ހުއްދަ ދީފައިވާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުން މި މަހުގެ 24 ވަނަ ދުވަހުންް ފެށިގެން މި ފްލޯ ޕްރައިޒިން ސިޔާސަތާ އެއްގޮތަށް މަސް ގަތުމަށް އެދޭކަމަށެވެ.

އެ އިއުލާނުގައި ބުނީ މި ސިޔާސަތަކީ ފުޅާދާއިރާއެއްގައި އެކްސްޕޯޓުކުރުމަށް މަސް ގަންނަ ފަރާތްތަކަށް ހިންގާ ސިޔާސަތެއް ކަމަށާއި މަސްކައްކާ ހިއްކާ ފަރާތްތަކުން އަދި މި ނޫންވެެސް ކަޅުބިލަމަހުގެ ދޮށީގެ މަސްވެރިކަމުގައި ބާނާ މަސް ގަންނަ އެހެން ފަރާތްތަކުން މި ފްލޯޕްރައިޒިން އަށް އަމަލު ކުރަން ނުޖެހޭނެ ކަމަށެވެ.

މަސްވެރިން އަދި މަސްގަންނަ ފަރާތްތަކުގެ އާމްދަނީ އާއި ހަރަދުގެ މައްޗަށް ރިއާޔަތްކޮށް އެންމެ ފަހުން ފްލޯ ޕްރައިޒިން މުރާޖައާ ކޮށްފައިވަނީ 2010 ވަނަ އަހަރުގެ މެއި މަހުއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!