ސަރުކާރުގެ ތަރައްގީގެ އެެޖެންޑާ ކުރިއަށް ގެންދިއުމަށް މިހާރު ބަރޯސާ ކުރަން ޖެހިފައި އޮތީ ބޭރުން ނަގާ ދަރަންޏަށް: އަމީރު

ސަރުކާރުގެ ތަރައްގީގެ އެެޖެންޑާ ކުރިއަށް ގެންދިއުމަށް މިހާރު ބަރޯސާ ކުރަން ޖެހިފައި އޮތީ ބޭރުން ނަގާ ދަރަންޏަށް ކަމަށާއި މި އިންވެސްޓްމެންޓުތަކުގެ ނަތީޖާ ފެންނަން އަހަރުތަކެއް ހޭދަވާނެ ކަމަށްް ފިނޭންސް މިނިސްޓަރު އިބްރާހީމްް އަމީރު މިއަދު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ ބަޖެޓް ސަޕޯޓަށް އިންޑިއާ އިން ދޭން ނިންމި 250 މިލިއަން ޑޮލަރު ހަވާލު ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އަމީރު ވިދާޅުވީ ކޮވިޑް19ގެ ސަބަބުން މުޅި ދުނިޔެއަށް އިގްތިސޯދ ީގޮތުން އަސަރުކޮށްފައިވާ ކަމަށާއި، ޓޫރިޒަމަށް ބަރޯސާވާ ރާއްޖޭގެ އިގްތިސޯދަށް ބޮޑު ގޮންޖެހުމެެއް މި ދަނޑިވަޅުގައި ކުރިމަތިވެފައިވާ ކަމަށެވެ.

“ރާއްޖެ އަށް ކުރިމަތިވެފައި ވަނީ މުޅިން ތަފާތު ގޮންޖެހުންތަކެއް ސާފު ބޯފެނާއި ނަރުދަމާގެ ހިދުމަތް ދިނުން، ބަނދަރު ހެދުން، ތައުލީމު އަދި މީހުންއުޅޭ ހުރިހާ ރަށަކުން ސިއްހީ ހިދުމަތް ލިބޭގޮތް ހެދުން ފަދަ އިންފްރާސްޓްރަކްޗާ މަޝްރޫއުތައް ހިމެނޭ ގޮތުން އަޅުގަނޑުމެންގެ ތަރައްގީގެ އުއްމީދީ އެޖެންޑާ ބަރޯސާކުރަން ޖެހިފައި މި އޮތީ ބޭރުގެ ދަރަންޏަށް. މި އިންވެސްޓްމެންޓްތަކުގެ ނަތީޖާ ފެންނާނީ އަދި އަހަރުތަކެއް ފަހުން،” އަމީރު ވިދާޅުވި އެވެ.

މިނިސްޓަރު އަމީރު ވިދާޅުވީ ކޮވިޑް19ގެ މިހާލަތުގައިވެސް އިންޑިއާ އިން ރާއްޖެއަށް ބޮޑު އެހީތެރިކަމެއް ދެމުންދާ ކަމަށާއި، ރާއްޖޭގެ އިގްތިސޯދަށް އަދި ރައްޔިތުންނަށް އިންޑިއާ ސަރުކާރާއި ރައްޔިތުންގެ ފަރާތުން ދޭ އެހީތެރިކަން ފާހަގަކުރައްވާ ކަމަށެވެ.

ފާއިތުވި ކުރު މާޒީގައި އެކަނިވެސް އިންޑިއާ އިން ރާއްޖެއަށް މާލީގޮތިން ބޮޑެތި އެހީތަކެއް ދީފައިވާކަން މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!