ކޮރަޕްޝަނަށް މަގު ފަހިވާ އަމަލެއް ހިންގާފައެއް ނޯންނާނެ: ސައީދު

ކޮރަޕްޝަނަށް މަގުފަހިވާ އަމަލެއް ހިންގާފައިވާ ނުވާނެ ކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ސައީދު މުހައްމަދު ވިދާޅުވެއްޖެއެވެ.

ސައީދު މިހެން ވިދާޅުވެފައި މިވަނީ އޭނާގެ މައްޗަށް ކުރެވޭ ކޮރަޕްޝަންގެ ތުހުމަތުތަކާއެކު އަމިއްލަ ފަރާތަކުން އެންޓި ކޮރަޕްޝަން ކޮމިޝަނަށް މައްސަލަތަކެއް ހުށަހަޅާފައިވާ ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވަނިކޮށެވެ.

އޭސީސީގެ އޮފިޝަލަކު މިއަދު ވިދާޅުވީ ފެނަކައިގެ އެމްޑީގެ މައްޗަށް ތުހުމަތުކޮށް ހުށަހެޅި މައްސަލަތައް ވަޒަން ކުރަމުން އަންނަ ކަމަށެވެ. ތަހުގީގު ކުރުމާ މެދު ކޮމިޝަނުން ގޮތެއް ނިންމާނީ މައްސަލައިގައި ކޮށްފައިވާ ތުހުމަތުތައް ވަޒަން ކުރުމަށް ފަހު އެވެ.

އެކަމަށް ރައްދު ދެއްވާ ސައީދު ވިދާޅުވީ ފެނަކައިގެ އަދުގެ މެނޭޖްމަންޓުން ކުރާ މަސައްކަތްތައް އެކަށީގެންވާ ބާރުމިނުގައި، އަދި ހަލުވިކަމާއިއެކު ކުރިއަށް ދިއުމަކީ އެކުންފުނީގެ ވަސީލަތްތައް ކުރިން ބޭނުން ކުރި ބޭފުޅުންނަށް ޤަބޫލު ކުރެވޭ ކަމެއް ނޫން ކަމަށެވެ. ތަކުރާރުކޮށް ސައީދު ވިދާޅުވީ ގޯހެއް ހައްދަވާފައިނުވާނެ ކަމަށާއި، މައްސަލަތައް ބެލުމަށް އަބަދުވެސް މަރުހަބާ ކިޔައި، ފުރިހަމަ އެއްބާރުލުންތައް ދެއްވަމުން ގެންދަވާނެ ކަމަށެވެ.

“އެމައްސަލަތައް ބަލަންވީ. އަޅުގަނޑަށް ވަރަށް އުއްމީދު އެބައޮތް. އަޅުގަނޑުމެން ނޯންނާނެ ގޯހެއް ހަދާފައެއް، ކޮރަޕްޝަނަށް މަގުފަހުވާ އަމަލެއް ހިންގާފައެއް ނޯންނާނެ. މައްސަލަތައް ކަމާބެހޭ އިދާރާތަކުން ބަލަންވީ” ސައީދު ވިދާޅުވިއެވެ.

އިތުރަށް ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ ކޮރަޕްޝަނަށް މަގުފަހިވާ މައްސަލަތަށް މިނިވަންކަމާއިއެކު ބެލޭނެ ނިޒާމެއް މިއަދުގެ ސަރުކާރުން ޤާއިމްކޮށްފައިވާތީ ފެނަކައިގެ މެނޭޖްމަންޓާއި ހަވާލުވެ ހުންނެވި ބޭފުޅެއްގެ ހައިސިއްޔަތުން އެކަމާ އުފާ ކުރައްވާ ކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!