ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ޗައިނާ އިން ނަގާފައިވާ ލޯނުތައް އަނބުރާ ދެއްކުން ފަސް ކުރުމަށް މަޝްވަރާ ކުރަމުން އަންނަ ކަމަށް ރާއްޖެއަށް ޗައިނާ އިން ކަނޑައަޅާފައި ހުންނަވާ ސަފީރު ޖަންގް ލިޖޮންގް ވިދާޅުވެއްޖެއެވެ.
ޓްވީޓާ މެދުވެރިކޮށް ދެއްވި ވީޑިއޯ މެސެޖެއްގައި ސަފީރު ވިދާޅުވީ ޗައިނާއިން ނަގާފައިވާ ކޮމާޝަލް ލޯނުތައް ދެއްކުން ފަސްކުރުމާއި ގުޅިގެން މަޝްވަރާތައް ފެށިފައިވާ ކަމަށާއި އެގޮތުން ގިނަ ލޯނުތައް ނަގާފައި ވަނީ ސަރުކާރުގެ ކުންފުނިތަކުން ކަމަށެވެ.
ސަފީރު އިތުރަށް ވިދާޅުވީ ލޯނުތަކާއި ގުޅިގެން ގިނަ ރައްޔިތުންގެ ކަންބޮޑުވުންތަކެއް ހުރިކަން އެނގޭ ކަމަށާއި ވަކިން ހާއްސަކޮށް މިދަނޑިވަޅުގައި ލޯނު އަނބުރާ ދެއްކުމުގައި ވެސް ދަތިތަކެއް ހުރިކަން ޗައިނާއަށް އެނގޭ ކަމަށެވެ.
“މި މަޝްވަރާތަކުން ރަނގަޅު ނަތީޖާތަކެއް ނިކުންނާނެ ކަމަށް އުންމީދު ކުރަނީ،” ސަފީރު ވިދާޅުވެފައިވެއެވެ.
ސަފީރު ވިދާޅުވި ގޮތުގައި ސަރުކާރުން ސޮވެރިން ގެރެންޓީ ދީފައިވާ ކޮމާޝަލް ލޯނުތައް ފަސްކުރުމާއި ގުޅޭ ގޮތުންވެސް މަޝްވަރާ ކުރެވެމުން އަންނަ ކަމަށެވެ.