ކުށް ހީ

(ސޯޅަ ވަނަބައި)

ރިހެބުގައި ހޭދަކުރަމުންދިޔަ ދުވަސްތަކަކީ އަމިއްލަ ދިރިއުޅުމާއި ދޭތެރޭގައި ވިސްނާލާ ތައުބާވުމަށް ލިބުނު އިތުރު ފުރުސަތެއްކަމުގައި ދެކިގެން ކުރި މަސައްކަތުން މާގިނަ ދުވަސްތަކެއްގައި އެތަނުގައި ހޭދަކުރާކަށް ނުޖެހުނެވެ. މުޅިން އައު މުސްތަޤުބަލަކައިގެން އަހަރެން ކުރިއަށް އެއްފިޔަވަޅު އެޅުނު ކަހަލައެވެ.

މަސްތުވާތަކެއްޗާއި ދުރުވެވުނީތީ ﷲއަށް ޝުކުރު ކުރަމުން އަހަރެން ފުރަތަމަވެސް ޝުކުރު އަދާކުރަން ބޭނުންވ ދެގޮތެއްނުވެ އަހަރެންނަށް އެންމެ ގާތުން އެހީވި ޒިޔާންއާއި ރީޝާއަށެވެ. ރިހެބުގައި ހުރި އިރުވެސް ޒިޔާން އަހަރެނަށް ބަރާބަރަށް ގުޅައެވެ. އަހަރެންގެ ހާލުބަލައެވެ. އެހެން ނަމަވެސް މާބޮޑަށް އޭނާގެ ދިރިއުޅުމުގެ ވާހަކައެއް ނުދައްކައެވެ. އަހަރެންވެސް އަހާ އޮޅުން ފިލުވާކަށް މަސައްކަތެއް ނުކުރަމެވެ. އަނެއްކާވެސް ބުނެވޭ އެއްޗަކުން ނޫނީ ކުރެވޭ ކަމަކުން ޒިޔާންގެ ރަޙުމަތްތެރިކަން ބީވެދާނެތީ ބިރު ގަންނަނީއެވެ.އެންމެ ޖެހިލުންވަނީ އަހަރެންގެ ފަރާތުން އެއީ ނީނާކަން އެގި އެދެމަފިރިންގެ ގުޅުމަށް ހީނަރުކަން އައިސްދާނެތީއެވެ.

އަހަރެން ހިނގަމުންދިޔައީ ރީޝާގާތަށް ދިއުމަށެވެ. އެގެއިން ރީޝާއާއި ބައްދަލުކޮށް ލިބުނު އުފާ ދެގުނަ ކުރުމަށެވެ. އަހަރެން ބޭނުންވީ ރީޝާއަށް ލޯބި ހުށައަޅާށެވެ. ދިރިއުޅުމުގެ ބާކީބައި އެ އޯގާތެރިކަމުގެ ތެރޭގައި ހޭދަކުރާށެވެ. އަހަރެންނަން ރަގަނޅުގޮތް ބުނެދީ ގޯސްމަގުންދިޔަ ނުދީ ހިފަހައްޓާ އެހީތެރިވާނެ މީހަކު މިއަދު ހަޔާތަށް ވަރަށް މުހިއްމެވެ. އަހަރެން ދެން ކުރިއަށްދާން ބޭނުމީ އެފަދަ މީހެއްގެ ހިމާޔަތުގައެވެ.

ސިޑިން މައްޗަށް އަރަމުންދިޔަ އިރު ހިތް ބާރު ބާރަށް ތެޅެއެވެ. އަހަރެންނަށް ފާއިތުވި މަދު ދުވަސްކޮޅުގެ ތެރޭގައި ކުރެވުނު ވިޔާނުދާ އަމަލުތަށް ހިތަށް އަރަނީއެވެ. އެއީ ސަބަބަކަށްވެ ރީޝާ އަހަރެންގެ ލޯތްބަށް އިންކާރު ކުރާނޭ ހީވަނީއެވެ. ކޮންމެ ގޮތެއްވިޔަސް އަހަރެން ހިތުގެ އުދާސްތަށް މިއަދު ރީޝާއަށް ބުނެދޭނަމެވެ. ހުސްއަތާ މިގެއިން ނިކުންނަށްޖެހުނަސް ފަރުވާލެއްނެތެވެ. އަހަރެންނަށް ހުރިގޮތްކަމަށް ބަލާނަމެވެ.

ގޭދޮރުގެ ބެލްޖަހާލީމެވެ. ދެފަހަރަކު ބެލްޖަހާލުމުން ދޮރު ހުޅުވިއެވެ. ކުރިމަތީގައި ހުރީ ދެބައި އުމުރުގެ ފިރިހެނެކެވެ.

“ކީއްކުރާ ކުއްޖެއް؟” އޯގާތެރިކަމަމާއެކު އެމީހާ ސުވާލުކުރިއެވެ.

“މި މި ބޮޑުދައިތަ އެބައުޅޭތަ؟” އަހަރެންނަށް އާގަންނަމުން އަހާލެވުނީ ރިޔާޝާ ދައްތަގެ ވާހަކައެވެ. އެ ފިރިހެން މީހާއަކީ ރީޝާގެ ބައްޕައަށް ވެދާނެތީ ރީޝާ ކޮބައިތޯ އަހަން ނުކެރުނީއެވެ.

“ބޮޑުދައިތަ؟ރިޔާޝާ ދައްތަތަ؟” އެމީހަކު ހައިރާންވެފައި ކުރީ އިތުރު ސުވާލެކެވެ.

އާއެކޭ ބުނުމުގެ ގޮތުން އަހަރެން ބޯޖަހާލީމެވެ.

“މިވަގުތު ގެއަކު ނެތް…އާދޭ އެތެރެއަށް.ބާޒާރަށް ދިޔައީ ..މިހާރު އަންނަން އުޅޭނެ..” އެތެރެއަށް ވަނުމަށް އެފިރިހެން މީހާ ދައުވަތު ދިން ނަމަވެސް ސިޓިންގު ރޫމުންވެސް އިތުރު މީހަކު ފެންނަށް ނެތުމުން ފަހުން އަންނާނަށްކަމަށްބުނެ އަހަރެން ހިނިތުންވެލާފައި ފޭބީމެވެ.

“ނިޔާ……” އަހަރެންނަށް އިސްއުފުލާލަން މަޖުބޫރުވީ އަހަރެންގެ ނަމުން މީހަކު ގޮވާލުމުންނެވެ. އަހަރެން ނަށް ސިޓިން ފޭބުނީ ރީޝާގެ ކުރިމައްޗަށެވެ. ރީޝާ ފެނުމުން އަހަރެންގެ ހިތް އުފަލުން ނަށާލިކަހަލައެވެ. ބަލަހައްޓައިގެން ހުރެވުނީ ބަނޑުހައިވެފައިހުރި މީހަކު މީރު ކާއެއްޗަކަށް ބަލާހެނެވެ. އުފަލުންފޮޅި ލަދުރަކި ގޮތަކަށް ހިނިތުންވެފައިހުރި ރީޝަގެ މޫނަށް ބަލަން ހުރެވުނީ ބޭއިޙުތިޔާރުގައެވެ.

ރީޝާ އަހަރެން އަތުގައި ހިފައގެން ހިގަނގަތީ ގެއިން ބޭރަށެވެ. އަވަސް އަރުވާލާފައި ހުރިވަރުން ހީވަނީ މިހަކަށް ފިލަން މަސަތްކަތްކުރާހެނެވެ.

“އޭ…މަޑުކޮއްބަލަ..ކިހިނެތްތަވީ؟ ކޮންތާކަށްތަ ތިދަނީ؟” އަހަރެން ސުވާލުތަށް އަމުނާލީމެވެ.

“އާދެބަލަ..ހުރިހާ އެއްޗެއްވެސް ބުނެދޭނަމޭ..” ރީޝާ ދިން ޖަވާބުން އިތުރަށް އެއްޗެއް ނުބުނެ އަހަރެން އޭނާ އާއި އެކު ކުރިއަށް ދިޔައީމެވެ. އޭނާ ގޮސް ފޭބީ ރަސްފަންނަށެވެ. މެންދުރު ވަމުންއައި ވަގުތުކަމުން ލޯ ހުޅުވާލަން އުދަނގޫވާވަރަށް އިރުގެ އަލިގަދައެވެ. މީހުންމަދު ނަމަވެސް އެކި ކަންކަމުގައި މަދު މަދުން މީހުން އުޅެއެވެ. ފަނުން ހަދާފައިހުރި ކުޑައެއްގެ ހިޔަލަށްވަދެ ރީޝާ އިށީދެލިއެވެ. އަހަރެންވެސް ކައިރީގައި އިން ގޮޑީގައި އިށީދެލީމެވެ.

“ހޫމް..ދެބުނެބަލަ ކީއްކުރަން ގެއަށްއައީ؟ ރީޝާ ހިނިތުންވެލާފައި ސުވާލުކުރިއެވެ.

” ކިހިނެތްވީ؟ ތިގެއަށް ވަނުން އަހަރެންނަށް މަނައީތަ؟” އަހަރެން އިތުރަށް ސަމާސާކޮއްލީމެވެ.

“ހޫމް…މިހާރު ގެއަށް އައުން އެހާ ރަގަނޅެއް ނުވާނެ..” ރީޝާގެ މޫނުމަތީގެ ކުލަވަރު މުޅިން ބަދަލުވެ މާޔޫސްކަން ވެރިވިއެވެ.

އަހަރެންނަށްވެސް އިދެވުނީ ހައިރާން ކަމެއްގެ ތެރޭގައެވެ. ރީޝާ ބުނަން އެއުޅޭ އެއްޗެއް ވިސްނައިގަންނަށް ނޭނގިފައެވެ.

” ބައްޕަ އެއްގޮތަކަށްވެސް ހިތްހަމައެއް ނުޖެހޭނެ ނިޔާ ގެއަށް އަންނާކަށް. އަހަރެންނަށް މައާފުކުރޭ ނިޔާ. އަހަރެންނަށް އެނގޭ ނިޔާގެ ހިތުގައި އަހަރެންނަކަށް ޖާގައެއް ނެތަކަން.. އެކަމަކުވެސް އަހަރެންގެ ހިތް ނިޔާއަށް އެދޭވަރު އަހަރެންގެ އާއިލާއަށް ބުނެދޭން މަޖުބޫރުވީ…” ވާހަކަ ދައްކަމުންދިޔައިރު ރީޝާގެ ލޮލުން ފާއްދާލި ކަރުނައިން އޭނާގެ ހިތުގެ ވޭން އަހަރެންނަށް އިހުސާސްކުރެވުނު ކަހަލައެވެ.

“ތިދެން މާފަށް އެދޭވަރު ކަމެއްތަ؟ ކާކު ބުނީ އަހަރެން ހިތުގަ ރީޝާއަށް ޖާގައެއް ނެތޭ؟ އަސްލު އަހަރެން މިއަދު މިއައީވެސް އަހަރެންގެ މީހަކަށް ރީޝާ ހަދަން ހިތް އެދޭތީ އެކަމަށް އެދިގެން .އަހަރެންގެ ލޯބި ޤަބުލުކުރޭތޯ އަހާލަން ވެގެން..” އަހަރެންގެ އެވާހަތަށް ޤަބުލުނުކުރެވިފައި އިންހެން ރީޝާ އަހަރެންނަށް ބަލަހައްޓައިގެން އިނެވެ.

“ހަމަ ތެދެން..އަހަރެންނަށް ރީޝާ ދެކެ ލޯބި ވެވިއްޖެ.. ވަރަށް ވަރަށް ލޯބި ވެވިއްޖެ… ދިރިއުޅުމުގެ ބާކީބައި އަހަރެން ހޭދަކުރަން ބޭނުމީ ތި އުނގުގައި…އެ ފުރުސަތު ލިބޭނެތަ؟ ” ހައިރާންވެފައި އަހަރެންގެ މޫނަށް ބަލަން އިން ރީޝާގެ އަތުގައި އަހަރެން ހިފާލީމެވެ.

އެއޮތްދޭ ބާރުއަވީގައިވެސް އެ އަތްހީވަނީ ފިނި ފިނި ގަނޑުފެން ކޮޅެއްހެނެވެ. އަތުގައި ހިފާލުމާއެކު އެލޮލަށް ޖަމާވެފައިހުރި ކަރުނަ ތިކިތަށް ދޮން ކޯތާފަތުގެ މައްޗަށް ފައިބައިގަތެވެ. އަހަރެން ރީޝާގެ މަގަތަށް ޖެހިލާ އޭނާގެނެސް ގަޔާ ކައިރިކޮއްލީމެވެ.

އަހަރެންގެ އަތުތެރެއިން ދުރަށް ޖެހެމުން ތެދުވިއެވެ. ” މިހާރު މާލަސްވެއްޖެ..” އަހަރެންނަށް ފުރަގަސްދީގެންހުރެ ރީޝާ އެބުނި ދެލަފްޒުން ހިތް ކުދިކުދިވެގެންދިޔައެވެ. އަހަރެން ޤަބޫލުކުރީ ރީޝަ އަހަރެންގެ ލޯބި މިހާރު ބޭނުން ނުވަނީ ކަމަށެވެ.

” އިޓްސް އޯކެ… ރަހުމަތްތެރިއެއްގެ ގޮތުގައި ހުރެދޭނެ ކަމަށް ހީކުރަން..” ރީޝާކުރިމަތީގައި އަހރެންގެ ހިތުގެ ހާލު ހާމަކުރަން ބޭނުންނުވާތީ އެތަނުންދިއުމަށް ހިގައިގަތީމެވެ. ހުއްޓެން މަޖުބޫރުވީ ފަހަތުން އަހަރެންގެ އަތުގައި ހިފާލީމައެވެ.

“މަޑުކޮއްބަލަ..ކީއްވެ ތިދަނީ..” ރީޝާ ތުރުތުރުލާ އަޑަކުން ބުނެލިއެވެ.

” ލަސްވީމަ…” އަހަރެން އެބުރިލާފައި ހިނިތުންވަމުން ބުނެލީމެވެ. މޫނުމަތިން ހިނިތުންވެ ރީޝާއަށް ކިތަންމެ ރީތި މޫނެއް ދެއްކިޔަސް ހިތްވަނީ މިލާފައެވެ.

އަހަރެންގެ އަތުގައި ހިފައިގެންހުރެ ރީޝާ ރޯމަންޒަރު ބަލާކަށް އަހަރެންނަކަށް ކެތެއްނުވިއެވެ. ހޯސްލާފައި އެލޮލުން ފައިބަމުންދިޔަ ކަރުނަތަށް ފޮހެމުން ހުއްޓާލާފައި ހަމަޖެހުމަށް އާދޭސްކުރިމެވެ. ގޮނޑީގައި ބޭންދުމަށްފަހު  އާދޭހާއެކު ހިނިތުންވުމަށް ބުނީމެވެ. ވަރަށް އުދަގުލުން ނަމަވެސް އަހަރެންނަށްޓަކައި އެވަގުތު ހިނިތުންވެލީތި އަހަރެން ހިތަށް ހަމަޖެހުމެއްލިބުނެވެ.

“ނިޔާ … އަހަރެން ނިޔާ ބޭނުން..” ރީޝާގެ އެ ޖުމްލަ ކިތަންމެ ކުރުނަމަވެސް އެތަށް ވާހަކައެއް ބުނެދީފިއެވެ.

” އަހަރެންމީ ރީޝާގެ މީހެއް.. ކޮންމެ ދުވަހަކުން އަހަރެންގެ އެހީތެރިކަމަށް ބެނުންވިޔަސް އަހަރެން ހުންނާނަށް.” ރީޝައަށް ހިތްވަރު ދިނުމުގެ ގޮތުން ބުނެލީމެވެ. އެކަމަކު ރީޝާގެއެ ލަސްވީއޭ ބުނި  ލަފްޒުގެ މާނަ އޮޅުން ފިލުވަން އެބަޖެހެއެވެ. އަނެއްކާ އޭނާ މީހަކާ އިނީބާއެވެ.

” ކީއްވެ ލަސްވިއްޔޭ ބުނީ..” އަހަރެން ސީދާ އެނުކުތާއަށް ސުވާލުކުޜިމެވެ.

” އަހަރެންގެ އާއިލާ ޤަބޫލެއް ނޫން މިހާރު ނިޔާ އާއި ގުޅޭކަން … ކުރިން މަންމައަށްވެސް ނިޔާ ވަރަށް ކަމުދޭ.. އެކަމަކު މިހާރު މަންމަވެސް ބޭނުމެއް ނޫން..” އިސްޖަހާލައިގެން އިދެ ރީޝާއަށް އެހެން ބުނެވުނީ ކިރިޔާއެވެ. އަނެއްކާވެސް އޭނާއަށް ރޮވޭގޮތް ވިއެވެ. އެހެން ނަމަވެސް މީހަކާ ނީންނަކަން އެގުމުން އަހަރެންގެ ހިތަން ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ލިބުނެވެ.

އަހަރެން އޭނާގެ ދަތްދޮޅިގައި ހިފާ އުފުލާލީމެވެ. އަހަރެން ބޭނުންވަނީ އަހަރެން ދައްކަން އުޅޭ ވާހަކަ އެއީ ތެދުކަން އަހަރެންގެ ލޮލުގެ ތެރެއިން ރީޝާ އަމިއްލައަށް ދެނެގަންނާށެވެ.

” މަންމަމެން ނުޤަބޫލުވަނީ އަހަރެންނަށް ނުބައި މަގަކުން ދެވުނީމަދޯ..” އަހަރެންގެ ކިތަންމެ ދެރަވިޔަސް ރީޝާގެ ލޮލުން ކަރުނަ ފެންނަށް ބޭނުން ނުވާތީ ވާހަކަ ދެއްކީ ހިނިތުންވުމާއެކުގައެވެ.

“ހޫމް…” ރީޝާވެސް ގަދަކަމުންކަހަލަ ގޮތަކަށް ހިނިތުންވާން މަސައްކްތްކުރިއެވެ.

” އަސްލު މައިންބަފައިންނަށް އެހެން އެވަނީ ރީޝާއާއި ދޭތެރޭ ވިސްނާތީ… އެއްގޮތަކަށްވެސް އެމީހުން ގޯސްނުކުރާތި…އެކަމަކު އަހަރެން މުޅިން ރަގނޅު ވެއްޖައިން… އެކަމުގެ ހިތި އަހަރެންނަށް ފެނިއްޖެ .. ދެން ދުވަހަކުވެސް އެފަދަ ކަމެއް ނުކުރާނަށް ކަމަށް ރީޝައަށް ވައުދުވަން..” އަހަރެންނަށް މިވަގުތު އެންމެ މުހިއްމީ ރީޝާގެ އިތުބާރެވެ. އޭނަ އަހަރެންނާއެކު ކުރިއަށްދާން ހުރިއްޔާ ކިތަންމެ ބޮޑު ޤުރުބާނީއެއްވެގެންވިޔަސް އެތަށް ހުރަހަކާ ކުރިމަތިލާން ޖެހުނަސް އަހަރެން ފަހަކަށް ނުޖެހޭނަމެވެ.

” އެކަކު މަންމަ މެން..” ރީޝާ ބުނަން އެއުޅެނީ ކީކޭކަން އެގުމުން އަހަރެން އޭނާގެ އަނގަ މަތީގައި އަތް އަޅާލީމެވެ.

” ރީޝާ އަހަރެންނަށް އިތުބާރުކުރަންތަ؟ ” އަހަރެން ބޭނުންވީ ކޮންމެ ކަމަކާއި ކުރިމަތިލާން ޖެހުނަސް ރީޝާ އަހަރެންނާއެކު ވާނެކަން ޔަޤީން ކުރާށެވެ.

ރީޝާގެ އަނގަމަތީގައި އަޅާފައި އޮތް އަހަރެންގެ އަތުގައި ހިފާ އޭނާ ތިރިކޮށްލިއެވެ.

” ހޫމް …އަހަރެން އަބަދުވެސް ބޭނުމީ ނިޔާގެ މީހަކަށްވާން.. ކުރިންވެސް މިހާރުވެސް..އެކަމަކު..” ރީޝާ އެބުނި ލަފްޒުތަކުން އަހަރެންގެ ހިތް އުފަލުން ފޮޅުނު ނަމަވެސް ރީޝާ އަދިވެސް އެ ވިސްނަނީ މަންމަމެން  ނުޤަބޫލުވެދާނެތީއެވެ.

” ދެން އެކަމަކު ނުކިޔާ..އިންޝާ ﷲ އަހަރެން ހުރިހާ ކަމެއް ހަމަ އަކަށް އަޅުވާނަން…މިވަގުތު އަހަރެންނަށް ރީޝާ އަހަރެންނާއި އެކުވުން ފުދޭ..” އަހަރެންގެ ހިތުގައި އޮތްއެތި ސާފުބަހުން އަހަރެން ރީޝާއަށް ހާމަކޮއްދިނީމެވެ.

“ދެން ހިގާ ގެއަށްދާން..މާ ލަސްވެއްޖެ..” އަހަރެން ތެދުވީމެވެ.

” އަހަރެން ނުދާނަން…އަދި މަޑުކޮއްބަލަ..” އަތުގައި ހިފާ ދަމާލަމުން ރީޝާ ބޮޑާ ހާކާލިއެވެ.

” ނޫނޭ.. އަހަރެން ހަވީރު ފުރަން ޖެހޭ ..އަދި ބައެއް ކަންތަށްތަށް ހަމައަކަށް އަޅުވަންޖެހޭއެބަ…” ރީޝާއަށް ބަލާލާފައި އަހަރެން ބުނެލީމެވެ.

“ފުރަނީއޭ.. ރަށަށް ދަނީ..ދެން ނާންނާނަން.. އަހަރެންވެސް ގެންދޭ.. އަހަރެން ބޭނުމެއްނޫން ދެން އެންމެ ދުވަހަކުވެސް ނިޔާ ނުފެންނަ ތާކު ހުންނާކަށް ..” ރީޝާއަށް އަނެއްކާވެސް ރޮވިއްޖެއެވެ.

” ސާބަހޭ … ހުއްޓާލަބަލަ..އަހަރެން އަންނާނަމޭ.. ރީޝާ ބަލާ..” ކޮލުގައި ކޮއްޓާލަމުން އަހަރެން ބުނެލީމެވެ.

ދެމީހުން ގެއާދިމާއަށް ދިއުމަށް ހިގައިގަތީމެވެ. ރީޝާ އަދިވެސް ބޮޑާ ދައްކަމުންދަނީ އަހަރެންނާއި އެކު ރަށަށް ދިއުމަށެވެ. އަހަރެން އެކަމުދެން ރީޝާ ރަށަށް ގެންދާނީ އަނެއްކާވެސް އަމިއްލަ ފައިމައްޗަށް ތެދުވެ އޭނަގެ މައިންބަފައިންގެ ހުއްދަ ލިބުނު ދުވަހަކުންނެވެ.

ވާހަކައިގެ ތެރެއިން ޒިޔާންގެ ވާހަކަ ފެށުނުގޮތެއްވެސް ނޭނގުނެވެ. ގެއާ ހަމައަށް ދެވުނުއިރު ޒިޔާންގެ ހަޔަތުގައި ދިމާވަމުންދާ، ސުވާލުމާކު ޖެހޭނެ އެތަށް ވާހަކައެއް ރީޝާ އަހަރެންނަށް ބުނެދިނެވެ. އެހެން ނަމަވެސް އެކަންކަމުގެ ހަޤިޤަތް ރީޝާއަށްވެސް ނޭނގޭތީ ހައިރާންވިއެވެ.

އެންމެ ހައިރާންވީ ދަރިފުޅު ގޮވައިގެން ސިދާދާ އެބުރި އޭނާގެ ރަށަށް ދާން ޖެހޭ ހިސާބަށް ކަންތަށްތަށް ދިޔައިރު އެއިން އެއްވެސް ކަމެއްގެ ސުރުހީވެސް ޒިޔާން އަޅާފައި ނެތީމައެވެ.

(ނުނިމޭ)

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!