ޝަޝާންކްގެ ފިލްމެއް ޝާހިދަށް

“ދަޅަކް” އާއި “ހަމްޓީ ޝަރުމާ ކީ ދުލްހަނިޔާ” ފަދަ ފިލްމުތައް ގެނެސްދިން ޑައިރެކްޓަރު ޝަޝަންކް ކައިތާންގެ ފިލްމެއް ޝާހިދު ކަޕޫރަށް ހުށަހަޅާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އިންޑިއާގެ މުނިފޫހިފިލުވުމުގެ ޙަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނާ ގޮތުގައި އެ ފިލްމަކީ “ޔޯދާ” ނަމަކަށް ކިޔާ އެކްޝަން ފިލްމެކެވެ. އަދި ފިލްމު ގެނެސްދޭނީ ކަރަން ޖޯހަރްގެ ދަރްމާ ޕްރޮޑަކްޝަން ގެ ދަށުން ކަމަށްވެސް ބުނެއެވެ.

ވުމާއެކު، މިހާރު ޝާހިދު މަސައްކަތް ކުރަމުންދާ ފިލްމު “ޖާޒީ” ގެ ޝޫޓިންގ ތައް ނިމުނުހާ އަވަހަކަށް “ޔޯދާ” ގެ ޝޫޓިންގ ފަށާނެ ކަމަށް ބެލެވެއެވެ. ‘ޕިންކްވިލާ’ އިން ބުނީ ޝަޝާންކް ޑައިރެކްޓްކުރާ ހަތަރު ވަނަ ފިލްމު ދަރުމާ އިން ވަރަށް އަވަހަށް އިއުލާން ވެސް ކުރާނެ ކަމަށެވެ.

ޝާހިދާ އެކު ޝަޝާންކް ފިލްމެއް ހަދަން އުޅޭ ވާހަކަ ތިލަވެފައި ވަނީ ވަރުން ދަވަނާ އެކު ހަދަން ނިންމި ކޮމެޑީ ފިލްމު “މިސްޓަ ލޭލޭ” މި އަހަރުގެ ކުރީކޮޅު އިއުލާންކުރުމަށް ފަހު، ފަހުން މުއްދަތެއް ނެތް ގޮތަށް އެ ފަސްކޮށްފައި ވަނިކޮށެވެ.

ފާހަގަކޮށްލަންޖެހޭ ކަމަކީ، ރާއްޖެ އަށް ނޮވެމްބަރު 3، 1988 ގައި ދިން އުދުވާނީ ހަމަލައާ ގުޅިގެން އިންޑިއާ އިން އެހީވާން ކުރިއަށް ގެންދިޔަ “އޮޕަރޭޝަން ކެކްޓަސް” އަށް ބިނާކޮށް ހަދާ ނެޓްފްލިކްސް ފިލްމެއްގެ ބަތަލުގެ ރޯލުވެސް ޝާހިދަށް ލިބިފައިވާ ކަމެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!