އަލިފުށީ ފުޓްބޯޅަ ދަނޑުގެ މަސައްކަތް ނިންމާލައިފި

ރ. އަލިފުށީގައި މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ ފަރާތުން ގާއިމްކުރި ފުޓްބޯޅަ ދަނޑުގެ މަސައްކަތް ނިންމާލައިފިއެވެ.

މި ދަނޑުގެ މަސައްކަތް ނިމުނުކަން ހާމަކުރައްވަމުން ޔޫތު މިނިސްޓަރު އަޙްމަދު މަޙްލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިއީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ނިންމާލި ފަސް ވަނަ ބޮޑު ޓާފް ދަނޑު ކަމަށެވެ.

“މި ދަނޑުގައި ފެންސް ޖެހުމާއި ލައިޓް ހަރުކުރުމުގެ އިތުރުން ރޮސްޓްރޮމް ގާއިމްކުރުމުގެ މަސައްކަތް މިހާރު އެބަ ކުރިއަށްދޭ. އުންމީދަކީ އަދި މި ދަނޑާއެކު އަލިފުށިން މޮޅެތި ކުޅުންތެރިންތަކެއް އުފެދިގެން ދިއުން.” މަޙްލޫފް ވިދާޅުވިއެވެ. މަޙްލޫފް ވަނީ މި ދަނޑުގެ މަސައްކަތް ކުރުމުގައި އެރަށުގެ ޒުވާނުންނާއި ކައުންސިލް އަދި އަލިފުށި ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިން ވެދެއްވި އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފައެވެ.

ޖުމްލަ ފަސްމިލިއަން ހަތަރުލައްކަ އަށާރަހާސް އައްސަތޭކަ އަށާވީސް ރުފިޔާ ޚަރަދުކޮށްގެން ގާއިމްކުރި މި ދަނޑުގެ ސަބްބޭސް މަސައްކަތް ކޮށްފައިވާނީ އާރްކޭއެލް ކުންފުންޏާއި ހަވާލުކޮށްގެންނެވެ. ސަބްބޭސްގެ ބައެއް މަސައްކަތް ހެވީ ފޯސް ޕްރައިވެޓް ލިމިޓެޑުންވެސް ކޮށްފައިވެއެވެ. ދަނޑުގައި ޓާފް އެޅުމުގެ މަސައްކަތް ކޮށްފައިވަނީ އަމީން ކޮންސްޓްރަކްޝަންއާ ހަވާލުކޮށްގެންނެވެ.

މިއީ ރަޢީސް އިބްރާޙިމް މުޙައްމަދު ޞާލިހުގެ ސަރުކާރުން ނިންމާލި ފަސްވަނަ ޓާފް ފުޓުބޯޅަ ދަނޑެވެ. މިދަނޑުގައި މިހާރު ކުރިއަށްދަނީ ފެންސް ޖެހުމާއި ލައިޓް ހަރުކުރުމުގެ އިތުރުން ރޮސްޓްރޮމް ގާއިމްކުރުމުގެ މަސައްކަތެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!