ކްލައިމެޓް އެމްބެސެޑަރުކަމުގެ މަސައްކަތް ނަޝީދު ފައްޓަވައިފި

ކްލައިމެޓް ވަލްނަރަބްލް ފޯރަމް (ސީ.ވީ.އެފް)ގެ ތީމެޓިކް އެމްބެސެޑަރ ފޯރ އެމްބިޝަންގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ފައްޓަވައިފިއެވެ.

މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުގެ ޝިކާރައަކަށްވުން ގާތް 48 ޤައުމު ހިމެނޭގޮތަށް އުފައްދާފައިވާ، ކްލައިމެޓް ވަލްނަރަބްލް ފޯރަމް (ސީވީއެފް)ގެ “ތީމެޓިކް އެމްބެސެޑަރ”ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ޢައްޔަންކުރައްވާފައި ވަނީ މިދިޔަ ޖުލައިމަހުގައެވެ.

ސީވީއެފްގެ އެމްބެސެޑަރ ފޯރ އެމްބިޝަންގެ މަސައްކަތާއި ހަވާލުވެވަޑައިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުވަނީ ބަންގްލަދޭޝް ސީ.ވީ.އެފް.ގެ ޕްރެޒިޑެންސީ ސްޕެޝަލް އެންވޯއި، ޢަބްދުލް ކަލާމް އާޒާދު އާ، ބަންގްލަދޭޝްގެ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ފޮރެސްޓް އެންޑް ކްލައިމެޓް ޗޭންޖްގެ ބޭފުޅުންނާއި، ސީ.ވީ.އެފް. ޕްރެޒިޑެންސީ އާއި އެ އިދާރާގެ ބޭފުޅުންގެ އިތުރުން ދަ ގްލޯބަލް ސެންޓަރ އޮން އެޑަޕްޓޭޝަންގެ ބޭފުޅުންނާއި ބައްދަލުކުރައްވައި މަޝްވަރާކުރައްވާފައެވެ.

މި ބައްދަލުވުމުގައި، 2009 ވަނަ އަހަރު މި ފޯރަމް އުފައްދައި މަސައްކަތްތައް ކުރިއަށް ގެންދެވުމުގައި ރައީސް މުޙައްމަދު ނަޝީދު ކުރެއްވި ބުރަ މަސައްކަތްޕުޅު ބަންގްލަދޭޝް ސީ.ވީ.އެފް.ގެ ޕްރެޒިޑެންސީ ސްޕެޝަލް އެންވޯއި، އަބްދުލް ކަލާމް އާޒާދު ވަނީ ފާހަގަކުރައްވާފައެވެ.

ކްލައިމެޓް ވަލްނަރަބުލް ފޯރަމްގެ ތީމެޓިކް އެމްބެސެޑަރުގެ ހައިސިއްޔަތުން ނަޝީދު މަސައްކަތްޕުޅު ކުރައްވާނީ ޕެރިސް އެގްރިމެންޓުގައި ހިމެނޭ ކަންތައްތައް މި އަހަރު ނިމުމުގެ ކުރިން ތަަންފީޒު ކުރަން ގައުމުތަކަށް ބާރު އެޅުއްވުމަށެވެ. އެ އެގްރިމަންޓުގައި ބައިވެރިވެފައިވާ ގައުމުތަކުން ބޭނުންކުރާ ހަކަތައިގެ 100 ޕަސެންޓަކީ އިއާދަކުރަނިވި ހަކަތަ އަށް ހަދަން މަސައްކަތް ކުރުމަށް ވެސް އެ މަނިކުފާނު ބާރު އަޅުއްވާނެ އެވެ.

ކްލައިމެޓް ވަލްނަރަބުލް ފޯރަމްގެ ތީމެޓިކް އެމްބެސެޑަރުކަމުގެ މަގާމުގައި ނަޝީދު މަސައްކަތްޕުޅު ކުރައްވާނީ އެ މަނިކުފާނުގެ އަމިއްލަފުޅު ހައިސިއްޔަތުން ހިލޭ ސާބަހަށް ކަމަށް މަޖިލިހުގެ އިދާރާ އިން ބުނެ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!