ޝިޕިން އެޖެންޓުން ރަޖިސްޓްރީ ކުރަން ޖެހޭ ގަވާއިދު އުވާލައިފި

ރާއްޖޭގައި ހަރަކާތްތެރިވާ ޝިޕިން އެޖެންސީތައް ރަޖިސްޓްރީ ކުރަންޖެހޭ ގޮތަށް ޓްރާންސްޕޯޓް އޮތޯރިޓީން އެކުލަވާލި ގަވާއިދު އުވާލައިފިއެވެ.

ޝިޕިން އެޖެންސީގެ ހިދުމަތް ދިނުމާބެހޭ ގަވާއިދު އުވާލަން ނިންމި ސަބަބެއް ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ، އެ ގަވާއިދާ ގުޅިގެން ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުން ގަވާއިދުގައި މައްސަލަތަކެއް ހުރިކަން ފާހަގަކޮށް ކަންބޮޑުވުން ފާޅުކޮށްފައިވުމާއި އެ ގަވާއިދުގައި ބައިނަލްއަގްވާމީ މިންގަޑުތަކާއި ތައާރަޒުވާ ޓެކްނިކަލް މައްސަލަތަކެއް ހުރުމުން ގަވާއިދު މުރާޖާކުރުމަށް ޓަކައި ކަމަށެވެ.

މި ގަވާއިދު ފުރަތަމަ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފައިވަނީ މިދިޔަ ޖުލައި މަހުގެ 16 ގައެވެ. އެ ގަވާއިދުގައި ބުނާ ގޮތުން، ދިވެހިރާއްޖޭގައި ޝިޕިންގ އެޖެންސީގެ ޚިދުމަތްދޭ ކުންފުނިތަކުން 16 އޮގަސްޓް 2020 ވަނަ ދުވަހުގެ ކުރިން މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީގައި ޝިޕިންގ އެޖެންސީއެއްގެ ގޮތުގައި ރަޖިސްޓަރީ ކުރަން ޖެހެއެވެ.

އެ ތާރީހުގެ ފަހުން އެ އޮތޯރިޓީގައި ރަޖިސްޓަރީ ނުކޮށް ޝިޕިންގ އެޖެންސީގެ ޚިދުމަތް ދިނުމަކީ މަނާ ކަމެއް ކަމަށް ބުނިނަމަވެސް، ޓްރާންސްޕޯޓް އޮތޯރިޓީން ވަނީ އެ މުއްދަތު ސެޕްޓެމްބަރު މަހުގެ 15 ވަނަ ދުވަހާ ހަމައަށް އިތުރުކޮށްފައެވެ.

އެ ގަވާއިދާއެކު ތަފާތު އެކި ނަންނަމުގައި ބޭރުގެ އެޖެންސީތަކުން ފީ ނެގުން ހުއްޓޭނެ އެވެ. އެގޮތުން ޝިޕިން އޭޖެންޓް ނުވަތަ ފުރައިޓު ފޯވާޑަރާއި ކޮންސައިނީ މުދަލެއް ހަވާލުކޮށް އެ މުދާ އެންމެ ފަހު ބަނދަރަށް ބޭލުމާ ހަމަޔަށް ދައްކަންޖެހޭ އެންމެހައި ފައިސާ ދައްކަންވާނީ ޝިޕިން އ3ޖެންޓް ނުވަތަ ފުރައިޓް ފޯވަޑަރެވެ.

އޭގެ އިތުރުން ކޮންސައިނީ އަށް ޑެލިވަރީ އޯޑަރު ދޫކުރުމަށް ޝިޕިން އޭޖެންޓް ނުވަތަ ފުރައިޓް ފޯވާޑާ ސީދާގޮތުންނާއި ނުސީދާ ގޮތުން ވިޔަސް ކުރިން އެއްބަސްވެފައިވާ ފުރައިޓުގެ އިތުރަށް އެއްވެސް ކަމަކަށް ކޮންސައިނީގެ އަތުން ފީއެއް ނުނެގޭނެ ކަމަށް ބުނެފައިވެ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!