ގާތުންދޭ އުމުރު ފަހަނައަޅައި، ދަރިފުޅަށް ހަރު އެއްޗެހި ކެވެން ފެށުމުން ދޭންވީ އެންމެ ފައިދާހުރި އެއްޗިއްސަކާ ކޮބައިތޯ ބެލެނިވެރިންގެ ހިތުގައި ސުވާލު އުފެދޭނެއެވެ. އަދި މިކަމާ ގުޅޭގޮތުން ދިރާސާކޮށް، ޑޮކްޓަރުންގެ ލަފާ ވެސް ހޯދާނެއެވެ.
ތިރީގައި މި ހިމަނައިލަނީ، ކުޑަދަރިފުޅުގެ ކެއުމުގައި ހިމަނަންޖެހޭ، ފައިދާހުރި ކާނާގެ ލިސްޓެކެވެ.
1. ކެރެޓު
ކެރެޓަކީ ބީޓާ-ކެރޮޓީން ކިޔާ މާއްދާއަކުން މުއްސަނދިވެފައިވާ ތަރުކާރީއެކެވެ. މި މާއްދާގެ ސަބަބުން ކުއްޖާގެ ހެދިބޮޑުވުމަށާއި ލޮލުގެ ފެނުމަށް ރަނގަޅު ބަދަލެއް ގެނެސްދެއެވެ. ކެރެޓުގެ ކުލައިގެ ސަބަބުންނާއި އޭގެ ރަހައިން، މިއީ ކުޑަކުދިން ވަރަށް ގަޔާވާ ތަރުކާރީއެކެވެ.
2. އެވޯކާޑޯ
އެވޯކާޑޯއަކީ މަތީ މިންވަރަކަށް ޕްރޮޓީނާއި މޮނޮސެޗުރޭޓެޑް ފެޓް އެކުލެވޭ އެއްޗެކެވެ. ނަތީޖާއެއްގެ ގޮތުން، ހިތުގެ ދުޅަހެޔޮކަން ޔަގީންކޮށްދީ، ހިތާ ގުޅުންހުރި ބަލިތަކާ ދުރުކޮށްދެއެވެ. ދަރިފުޅަށް އެވޮކާޑޯ ދޭއިރު ތޮށި މަށާފައި ޗަސްކޮށް ޕޭސްޓެއްގެ ގޮތުގައި ދެވިދާނެއެވެ. ނުވަތަ ގޮޅިގޮޅިއަށް ކޮށާފައިވެސް ދެވިދާނެއެވެ.
3. ކައްޓަލަ
އާދައިގެ ކައްޓަލަ ނުވަތަ ރަންގު ކައްޓަލައަކީ ވިޓަމިން އޭ، ވިޓަމިން ސީ، ޕޮޓޭސިއަމް އަދި ފައިބާއިން މުއްސަނދިވެފައިވާ އެއްޗެކެވެ. މިއީ ދަރިފުޅުގެ ކެއުމުގައި ހިމަނަން ވަރަށް ރަނގަޅު އެއްޗެކެވެ.
4. ޔޯގަޓް
ޔޯގަޓްގައި ކެލްސިއަމް، ޕޮޓޭސިއަމް އަދި ޕްރޮޓީން ފަދަ މާއްދާތައް އެކުލެވެމުގެ ނަތީޖާއަކީ، ދަރިފުޅުގެ ކަށިތަކާއި ދަތްތައް ވަރުގަދަ ކޮށްދިނުމެވެ. ހަމައެހެންމެ، ކާއެއްޗެހި ހަޖަމު ކުރުމަށް ވެސް ޔޯގަޓް އެހީވެދެއެވެ. ނަމަވެސް ދަރިފުޅަށް ޔޯގަޓް ދޭއިރު ބަލަން ވާނީ ފްލޭވާޑް، ލޯ-ފެޓް ނުވަތަ ފެޓް-ފްރީ ވައްތަރުތަކުގެ ބަދަލުގައި ހޯލް-މިލްކް ޔޯގަޓަށެވެ.
5. ޓޮމާޓޯ
ޓޮމާޓޯއަކީ ހަށިގަނޑަށް ލައިކޮޕީން ފޯރުކޮށްދިނުމަށް އެންމެ ރަނގަޅު އެއް ކާނާއެވެ. ލައިކޮޕީން އަކީ ކެންސަރާއި ހިތުގެ ބަލިތަކުން ދުރުކޮށްދިނުމަށް އެހީވެދޭ އެންޓިއޮކްސިޑެންޓެކެވެ. ކުޑައިރުން ފެށިގެން މި މޭވާ ކެއުމަށް ދަރިފުޅަށް އާދަކޮށްދޭށެވެ.