ކާމިޔާބު ދަރިޔަކު ބޮޑުކުރުމަށް މިކަންކަމަށް ސަމާލުވޭ!

ކޮންމެ މަޔަކާއި ބަފައަކު ވެސް ބޭނުންވާނީ އެމީހުންގެ ދަރިއަކީ މުސްތަޤުބަލުގައި ކާމިޔާބު މީހަކަށް ވުމަށެވެ. އެގޮތުން ކިޔެވުމުގެ ރޮނގުންނާއި، ވަޒީފާގެ ރޮނގުން އަދި ހަމައެހެންމެ ދިރިއުޅުމުގެ ތަފާތު ދާއިރާތަކުގައި ވެސް ފާހަގަކޮށްލެވޭ ވަރުގެ މީހަކަށް ވުމަށް އެންމެ ކުޑައިރުން ފެށިގެން އެދެވޭނެއެވެ.

ތިރީގައި މި ފާހަގަކޮށްލަނީ، 70 އަހަރުވީ ދިގު މުއްދަތެއްގެ ދިރާސާއަކުން ދެއްކި ނަތީޖާގައިވާ ނުކުތާ ތަކަށެވެ. މި ދިރާސާއަކީ، 70،000 އަށްވުރެ ގިނަ ކުޑަކުދިން ބޭނުންކޮށްގެން އިނގިރޭސިވިލާތުގެ ސައިންސްވެރިން ތައްޔާރުކޮށްފައިވާ ދިރާސާއެކެވެ. މީގެ ނަމަކީ “ބްރިޓިޝް ބާރތު ކޯހޯޓްސް” އެވެ. ދިރާސާގައި އަލިއަޅުވާލައިފައިވަނީ ކާމިޔާބު ދަރިންތަކެއް ތަރުބިއްޔަތު ކުރުމަށް ބެލެނިވެރިން ސަމާލުކަން ދޭންޖެހޭ ކަންކަމަށެވެ.

– ވާހަކަދެއްކުން

ދަރިފުޅާ ވާހަކަ ދައްކައި، އޭނާގެ ވާހަކަ އަޑުއެހުމަކީ އެކުދިންގެ ވިސްނުން ތަރައްގީ ކޮށްދޭ ކަމެކެވެ. ވީމާ، އެންމެ ކުޑައިރުން ފެށިގެން ގިނަގިނައިން ދަރިފުޅާ ވާހަކަ ދެއްކޭތޯ ބަލާށެވެ.

– ދަރިފުޅުގެ މުސްތަޤުބަލަށް ކަންކަން ރާވާފައި ހުރިކަން އަންގައިދިނުން

ދަރިފުޅުގެ މުސްތަޤުބަލު އުފާވެރި ކޮށްދިނުމަށް މަންމައާއި ބައްޕަ ރާވާފައި ހުރި ކަންކަން އެކުއްޖާއަށް ކިޔައިދޭށެވެ. ނަމަވެސް މިވެނި ދާއިރާއަކުން ނޫނީ ކުރިއަށް ނުދެވޭނެއޭ ކިޔައި ދަރިފުޅުގެ އަމިއްލަ ހުވަފެންތަކަށް ހުރަސް އަޅައިގެން ނުވާނެއެވެ.

– ނަފްސާނީގޮތުން ހިތްވަރުދިނުން

ދަރިފުޅުގެ ހުރިހާ ޖަޒުބާތުތަކެއް ދެނެގަނެ، ކޮންމެ ވަގުތެއްގައި ހިތްވަރު ދޭށެވެ. އަދި މަންމަ/ބައްޕައާ ހިއްސާނުކުރެވޭ ވަރުގެ ވާހަކައެއް ނޯންނަކަމުގެ އިހުސާސް އެކުދިންނަށް ކޮށްދޭން ވާނެއެވެ.

– އާއިލީ ވަގުތު

އާއިލާ އެކުގައި ދަތުރު ގޮސް، އުފާވެރި ވަގުތުތައް ހޭދަކުރުމަކީ ދަރިންނަށް ލިބޭ ވަރަށް ބޮޑު އުފަލަކަށް ވާނެއެވެ. އަދި އާއިލާގެ މުހިންމުކަން ދެނެގަނެ، ސިކުނޑި ތަރައްގީ ވުމަށް ވެސް ބާރަކަށް ވާނެއެވެ.

– ފޮތްކިޔުމުގެ އާދަ އަށަގެންނެވުން

ކުޑައިރުން ފެށިގެން ފޮތްކިޔުމުގެ އާދަ ދަރިފުޅުގެ ގައިގައި އަށަގަންނުވާށެވެ. އެގޮތުން އެންމެ ފުރަތަމަ ކުޑަކުދިންނާ ގުޅޭ ފޮތްތަކުން ފަށައިގެން ބޮޑުވާ ވަރަކަށް އެއުމުރަކާ ގުޅޭ ފޮތްތައް ތައާރަފް ކޮށްދެވިދާނެއެވެ. އޭރުން ވަރަށް ފަސޭހައިން ފޮތް ކިޔުމާއި މައުލޫމާތު މުއްސަނދިކުރުމުގެ ޝައުގު އެކުދިންގެ ކިބައިގައި އުފެދޭނެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!