އެޗް.ސީ.އެފް.ސީ ގޭސް އެތެެރެކުރާ މިންވަރު މިއަހަރުގެ ނިޔަލަށް ހުއްޓާލަނީ

އޯޒޯން ފަށަލައަށް ގެއްލުންދޭ މާއްދާއެއްކަމަށްވާ ހައިޑްރޮކްލޯރޯފްލޯރޯކާބަންސް (އެޗް.ސީ.އެފް.ސީ) ގޭސް އެތެެރެކުރާ މިންވަރު މިއަހަރުގެ ނިޔަލަށް ހުއްޓާލުމަށް މަސައްކަތް ކުރަމުން އަންނަކަމަށް މިނިސްޓަރ އޮފް އެންވަޔަރަންމަންޓް ޑރ.ހުސައިން ރަޝީދު ހަސަން ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިފަދައިން ވިދާޅުވީ މިއަދު ފާހަގަކުރަމުން އަންނަ ދުނިޔޭގެ އޯޒޯން ދުވަހުގެ މުނާސަބުތަގައި ދެއްވި ޚިތާބުގައެވެ. މިއަހަރުގެ އޯޒޯން ދުވަހުގެ ޝިއާރަކީ “އޯޒޯން ފަށަލަ ހިމާޔަތް ކުރުމުގައި 35 އަހަރު”މިއެވެ.

ދުވަހުގެ މުނާސަބަތުގައި ދެއްވި ޚިތާބުގައި އެންވަޔަރަންމަންޓް މިނިސްޓަރ ޑރ.ހުސައިން ރަޝީދު ހަސަން ވިދާޅުވީ އޯޒޯން ފަށަލައަށް ގެއްލުންދޭ މާއްދާތައް އާޢްމުކޮށް ބޭނުންކުރަމުން އަންނަނީ ފިނިކުރާ ނިޒާމްތަކުގައި ކަމަށާއި ފިނިކުރާ ނިޒާމްގައި ބޭނުންކުރާ ގޭހަކީ އެންމެ ތިމާވެއްޓަށް ރަނގަޅު ގޭސްކަން ކަށަވަރު ކުރަން ޖެހޭކަމަށެވެ. އެހެންކަމުން އޯޒޯން ފަށަލައަށް ގެއްލުންދޭ އެޗް.ސީ.އެފް.ސީ ރާއްޖޭގެ ފިނިކުރާ ނިޒާމްތަކުގައި ބޭނުންކުރާ މިންވަރު މަދުކުރުމަށް މަސައްކަތް ކުރަމުން އަންނަކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ބައިނަލްއަޤްވާމީ ގޮތުން މި ގޭސް އެއްވެސް ޤައުމެއްގައި ބޭނުން ކުރެވޭ އެންމެ ފަހު ތާރީޚަކީ 2030 ވަނަ އަހަރުއެވެ. އެހެންނަމަވެސް މި ގޭސް ބޭނުންކުރުން މިއަހަރުގެ ނިޔަލަށް ހުއްޓާލުމަށް 2010 ވަނަ އަހަރު ތައްޔާރުކުރި އެޗް.ސީ.އެފް.ސީ މަދުކުރުމުގެ މެނޭޖްމަންޓް ޕްލޭންގައި ކަނޑައަޅާފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

“މިއީ ޖައްވަށް ދޫކުރާ ވިހަ ގޭސްތައް މަދު ނޫ އިޤްތިޞާދަށް ވާޞިލްވުމަށާއި މޫސުމީ ބަދަލުތަކާ ގުޅިގެން އަޅާ މުހިއްމު ފިޔަވަޅަކަށް ވާނެކަން ކަށަވަރު. އިރާދަކުރެއްވިއްޔާ ދިވެހިރާއްޖެއަށް އެކަން ހާސިލްވާނެ.” އެންވަޔަރަމަންޓް މިނިސްޓަރ ވިދާޅުވިއެވެ.

މި ޚިތާބުގައި މިނިސްޓަރ ވިދާޅުވީ ޖައްވު ހޫނުވުމަށް މެދުވެރިވާ އެހެން މާއްދާއެއް ކަމުގައިވާ ހައިޑްރޯފްލޯރޯކާބަންސް ފިނިކުރާ ނިޒާމްތަކުގައި ބޭނުންކުރާ މިންވަރު މަދުކުރުމަށް ކުރަންޖެހޭ މަސައްކަތް ކުރަމުން އަންނަކަމަށެވެ. އެގޮތުން މި މާއްދާ އެންމެ ގިނައިން ބޭނުންކުރާ ދާއިރާތަކަކީ ކޮބަިއތޯ ބަލާ ފޯރުކޮށްދޭންޖެހޭ މާލީ އަދި ފަންނީ އެހީތެރިަކން ފޯރުކޮށްދިނުމާ ގުޅޭ މަސައްކަތް ކުރަމުން އަންނަ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ އެޗް.ސީ.އެފް.ސީ ބޭނުން ކުރުން މަދުކުރުމަށްޓަކައި އޯޒޯން ފަށަލަ ހިމާޔަތްކުރުމަށް ފިޔަވަޅު އެޅުމާބެހޭ ޤާނޫނަށް އިސްލާހު ހުށައެޅުމަށް ތައްޔާރުވަމުން އަންނަކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

“އެޗް.ސީ.އެފް.ސީ މަދުކުރުމުގެ ޕްރޮގްރާމްގެ އަމާޒަކީ 2045 ވަނަ އަހަރު އަންނަންވާއިރަށް މި މާއްދާ ބޭނުން ކުރާ މިންވަރު މަދުކުރުން ކަމަށްވާއިރު މިއިސްލާޙްގެ ބޭނުމަކީ އެޗް.ސީއެފް.ސީގެ ބަދަލުގައި ރައްކާތެރި އެހެން މާއްދާތަކާއި އާލާތްތައް ބޭނުންކުރަން ފެށުމާއި ސާރވިސް ސެކްޓަރއަށް ބޭނުންވާނެ މިންގަނޑު ތަކެއް ކަނޑައަޅައި އެއަށް އަމަލުކުރުމާއި، ފިނިކުރުމުގެ ނިޒާމާއި ގުޅޭ މަސައްކަތްތަކުގައި އުޅޭ މީހުންނަނކީ އެކަށީގެންވާ ތަމްރީން ލިބިފައިވާ މީހުންނަށް ހެދުން.” އެންވަޔަރަންމަންޓް މިނިސްޓަރ ވިދާޅުވިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!