އިސްރާއީލާއެކު ގުޅުންބަދަހިކުރުމުގެ އެއްބަސްވުންތަކުގައި ޔޫއޭއީއާއި ބަހުރައިނުން ސޮއިކޮށްފި

އިސްރާއީލާއެކު ގުޅުންބަދަހިކުރުމުގެ އެއްބަސްވުމުގައި ޔޫއޭއީއާއި ބަހުރައިނުން އެ ޤައުމާއެކު ސޮއިކޮށްފިއެވެ.

ސެޕްޓެމްބަރު މަހުގެ 15ވަނަ ދުވަހު އެމެރިކާއިން މެދުވެރިވެ އެކުލަވާލި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އެމެރިކާގެ ރިޔާސީ އިދާރާ، ވައިޓު ހައުސްގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ. އިސްރާއީލުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ޤައުމުގެ ބޮޑުވަޒީރު ބެންޔަމިން ނަތަންޔާހޫއެވެ. އެއްބަސްވުމުގައި ޔޫއޭއީގެ ފަރާތުން ސޮއިކުރެއްވީ އެމިރޭޓްސްގެ ޚާރިޖީ ވަޒީރު ޝައިޚް އަބްދުﷲ ބިން ޒައިދު އަލްނަހްޔާނެވެ. އަދި ބަހުރައިނުގެ ފަރާތުން ސޮއި ކުރެއްވީ އެ ޤައުމުގެ ޚާރިޖީ ވަޒީރު އަބްދުލް ލަތީފް އަލްޒަޔާނީއެވެ. އެއާއެކު ޔޫއޭއީއާއި ބަހުރައިނު ވެފައިވަނީ އިސްރާއީލާއެކު ގުޅުން ބަދަހިކުރި ތިންވަނަ އަދި ހަތަރުވަނަ ޢަރަބި ޤައުމަށެވެ. މީގެ ކުރިން 1979 ވަނަ އަހަރާއި 1994ވަނަ އަހަރު މިޞްރާއީ އުރުދުންވަނީ އިސްރާއީލާއެކު ގުޅުން ޤާއިމްކޮށްފައެވެ.

ވައިޓު ހައުސްގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމެރިކާގެ ރައީސް، ޑޮނަލްޑު ޓްރަންޕު ވިދާޅުވީ މެދުއިރުމަތީގެ ޤައުމުތަކަށް ނިސްބަތްވާ މީހުން ހައްދު ފަހަނައަޅާ ދިއުމުގެ ބަހަނާއެއްގެ ގޮތުގައި އިސްރާއީލާ ދެކޮޅަށް އޮންނަ ރުޅިވެރިކަމާއި ޢަދާވާތްތެރިކަން ދެން ބޭނުންކުރިޔަ ނުދޭނެކަމަށެވެ. ހަމަ އެގޮތަށް އެމީހުން ނިސްބަތްވާ ސަރަޙައްދަށް ލިބެންޖެހޭ ކުރިއެރުންތައް ލިބުމަށް ހުރަސް އެޅިޔަ ނުދޭނެކަމަށްވެސް ޓްރަންޕު ވިދާޅުވިއެވެ.

ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އިސްރާއީލުގެ ބޮޑުވަޒީރު ބެންޔަމިން ނަތަންޔާހޫ ވިދާޅުވީ ޔޫއޭއީއާއި ބަހުރައިނާއެކު ގުޅުން ޤާއިމްކުރުމުގެ ސަބަބުން ލިބޭ ހަމަޖެހުން އިތުރުވެ، ޢަރަބި އެހެން ޤައުމުތަކުންވެސް އެފަދަ އެއްބަސްވުމަކާއި ހަމައަށް ކުރިއަށް އޮތް ތަނުގައި ވާޞިލްވާނެކަމަށެވެ. އެއާއެކު ޢަބަރިންނާއި އިސްރާއީލާ ދެމެދު އުފެދިފައިވާ ރުޅިވެރިކަމާއި ޢަދާވާތްތެރިކަން ދާއިމީގޮތަކަށް ނެތިގެން ދާނެކަމަށް އޭނާ ވިދާޅުވިއެވެ.

އިސްރާއީލާއެކު ގުޅުން ބަދަހިކުރުމަށް ޔޫއޭއީއާއި ބަހުރައިނުން ނިންމުމުން އެއްބަސްވުންތަކާ ދެކޮޅަށް ފަލަސްޠީނުގައި ދަނީ މުޒާހަރާކުރަމުންނެވެ. ފަލަސްޠީނުގެ ޚާރިޖީ ކަންކަމާބެހޭ ވުޒާރާގެ ނައިބު ވަޒީރު، އައްމާރު ހިޖާޒީ ވިދާޅުވީ އެއްބަސްވުންތަކުގައި ސޮއިކުރި ދުވަހަކީ ހިތާމަވެރި ދުވަހެއްކަމަށެވެ. ފަލަސްޠީނުގައި އަމާންކަމާއި ސުލްޙަ ޤާއިމްކޮށް، ޤައުމަށް އިސްތިޢުމާރުވެފައިވާ އިސްރާއީލުންގެ ކިބައިން ސަލާމަތްވެވޭނެ ހަމައެކަނި ގޮތަކީ ފަލަސްޠީނުގެ ރައްޔިތުންގެ ހައްޤުތައް ހޯދައިދިނުންކަމަށް އޭނާ ވިދާޅުވިއެވެ. އެނޫންގޮތަކަށް ސަރަޙައްދީ އަމާންކަމާއި ހަމަޖެހުން ޤާއިމް ނުކުރެވޭނެކަމަށް އޭނާ ވިދާޅުވިއެވެ. ހިޖާޒީ ވިދާޅުވީ ވައިޓު ހައުސްގައި ބޭއްވި ރަސްމިއްޔާތަކީ މެދުއިރުމަތީގެ ‘ފުލުހުން’ގެ މަޤާމު އިސްރާއީލަށް ދީ، މެދުއިރުމައްޗަށް ގިނަ ހަތިޔާރު ވިއްކުމުގެ ފުރުޞަތު ހޯދައިދިނުމަށް އެމެރިކާއިން އެޅުވި އަނދުނެއްކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!