ބޮޑުވަޒީރަކަށް ވާން އެދޭނަމަ އެވާހަކަ ބުނާނަން: ރައީސް ނަޝީދު

ބޮޑުވަޒީރަކަށް ވާން އެދޭނަމަ އެވާހަކަ ބުނާނެ ކަމަށް މަޖިލިސް ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ “ޚަބަރުސިޓީ”ގެ ހަވަނަ އަދަދަށް ލިޔުއްވާފައިވާ ލިޔުމުގައި ރައީސް ނަޝީދު ވަނީ ވެރިކަމުގެ ނިޒާމާއި ގުޅޭގޮތުން ކޮންމެވެސް މިންވަރަކަށް ލިޔުއްވާފައެވެ. 

އެގޮތުން ރައީސް ނަޝީދު ވިދާޅުވީ، އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލާއި ގުޅޭގޮތުން އެމަނިކުފާނު ކުރައްވާ މަސައްކަތަކީ ސަރުކާރު ނިކަމެތި ކުރުމަށް ކުރާ ކަމެއްގެ ގޮތުގައި ބައެއް ފަރާތްތައް ދެކޭކަމަށާއި، އެހެން ނަމަވެސް އެއީ ވަރަށް ބޮޑު އޮޅުމެއްކަމަށެވެ.

މީގެ އިތުރުން ރައީސް ނަޝީދު ވިދާޅުވީ ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް އެމަނިކުފާނު އެދޭކަމަށާއި، ރާއްޖޭގެ ރައްޔިތުންނަށް އެންމެ ރަނގަޅު ނިޒާމަކީ ބަރުލަމާނީ ނިޒާމް ކަމަށެވެ. އަދި އެމްޑީޕީއަށް ކުރިއަށް އޮތް 10 އަހަރު ރައްޔިތުންނަށް ހިދުމަތް ކޮށްދެވެންވެސް އޮތް ނިޒާމަކީ ބަރުލަމާނީ ނިޒާމް ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. އަދި ރައީސް ސޯލިހަށް ދެވަނަ ދައުރެއް ކަށަވަރު ކުރެވެން ވެސް އޮތް މަގަކީވެސް ބަރުލަމާނީ ނިޒާމު ކަމަށް ލިޔުއްވާފައިވެ އެވެ. 

“އަޅުގަނޑު ބޮޑުވަޒީރަކަށް ވާން އެދޭނަމަ އެވާހަކަ އަޅުގަނޑު ދަންނަވާނަމެވެ.” ރައީސް ނަޝީދު ލިޔުއްވާފައިވެ އެވެ.

އެހެން ނަމަވެސް ބަރުލަމާނީ ނިޒާމުގެ ވާހަކައަކީ ފަހުގެ ވާހަކައެއް ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. 

މީގެ ކުރިންވެސް އެތައް ފަހަރެއް މަތިން ރައީސް ނަޝީދު ވަނީ ރާއްޖެއަށް އެންމެ ކަމުދާ ނިޒާމަކީ ބަރުލަމާނީ ނިޒާމުކަމަށް ވިދާޅުވެފައެވެ. 

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!