ބީއެމްއެލް ކާޑުން ޑޮލަރުގެ މުއާމަލާތު ކުރެވޭނެ އަދަދު ލިމިޓު ކޮށްފި

ބީއެމްއެލް ޑެބިޓް އަދި ކްރެޑިޓް ކާޑުން ރާއްޖެއިން ބޭރުގައި މުޢާމަލާތްކުރެވޭނެ އާ އަދަދުތަކެއް ބެންކް އޮފް މޯލްޑިވްސްްއިން ކަނޑައަޅައިފިއެވެ.

ބެންކް އޮފް މޯލްޑިވްސްއިން ބުނީ މިއަދުން ފެށިގެން ބެންކް އޮފް މޯލްޑިވްސްއިން ދޫކޮށްފައިވާ ހުރިހާ ޑެބިޓް އަދި ކްރެޑިޓް ކާޑުގެ ތެރެއިން ކޮންމެ ކާޑަކުން މަހެއްގެ މައްޗަށް ރާއްޖެއިން ބޭރުގެ މުޢާމަލާތްކުރެވޭނެ އަދަދެއްކަމުގައި 250 ޑޮލަރު ކަނޑައަޅާފައިވާކަމަށެވެ. އަދި ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިންނަށް އެހީތެރިވުމުގެ ގޮތުން ބެންކުން ވަނީ މަހެއްގެ މައްޗަށް ކޮންމެ ކާޑަކުން 750 ޑޮލަރު ބޭނުންކުރެވޭނެ ގޮތް ހަމަޖައްސާފައިވާކަމަށްވެސް ބީއެމްއެލްއިން ބުނެއެވެ. ބީއެމްއެލްއިން ބުނީ މިއަދަދުތައް ކަނޑައަޅާފައިވަނީ ދިވެހި ރުފިޔާ އެކައުންޓް މެދުވެރިކޮށް ކާޑުން ކުރާ ބޭރުގެ މުޢާމަލާތްތަކަށްކަމަށެވެ.

ބީއެމްއެލްއިން ބުނީ ކާޑުން ކުރެވޭ މުޢާމަލާތުގެ އަދަދު ދަށް ކުރެވުނު ކަމުގައިވިޔަސް، ބޭސް ފަރުވާއާއި ތައުލީމާ ގުޅުންހުރި ކަންކަމުގައި ފައިސާ ދެއްކުމަށް ވަގުތީ ލިމިޓެއް ކަސްޓަމަރުންނަށް ހަމަޖައްސައިދޭނެކަމަށެވެ. މިގޮތަށް ލިމިޓް ހަމަޖައްސަން ބޭނުންވާ ކަސްޓަމަރުން އިންޓަނެޓް ބޭންކިންގ މެދުވެރިކޮށް އެކަމަކާ ގުޅުންހުރި ލިޔުންތައް ބޭންކަށް ފޮނުވުމަށް ބީއެމްއެލްއިން މައުލޫމާތުދެއެވެ.

ބީއެމްއެލްއިން ބުނީ މި ފިޔަވަޅުތަކަކީ ރާއްޖެއިން ބޭރަށްދާ ޑޮލަރުގެ އަދަދު ހިފެހެއްޓުމަށާއި ޒަރޫރީ ބޭނުންތަކަށް މުދާ އެތެރެކުރުމަށާއި އަދި ހަމަ އެހެންމެ ރާއްޖެއިން ބޭރުގައި ސިއްހީ ހިދުމަތާއި ތައުލީމް ހޯދުމަށް ދައްކަންޖެހޭ ފައިސާއަށް އިސްކަންދިނުމުގެ ގޮތުން ކޮންމެހެންވެސް އަޅަން މަޖުބޫރު ފިޔަވަޅުތަކެއްކަމަށެވެ.

ބީއެމްއެލްއިން ބުނީ މިބަދަލާ ގުޅިގެން ބެންކުގެ 95 އިންސައްތަ ކަސްޓަމަރުންނަށް މިކަމުގެ އެއްވެސް އަސަރެއް ނުކުރާނެކަމަށެވެ، ބީއެމްއެލްއިން ބުނީ ހާލަތު ބަދަލުވުމާއެކު މި ނިންމުން އަނެއްކާވެސް ބަދަލުކުރާނެކަމަށެވެ.

ޑޮލަރ ލިކުއިޑިޓީއަކީ ދިމާވެފައިވާ ބޮޑު ގޮންޖެހުމަކަށްވާއިރު، ބައިނަލްއަޤްވާމީ އިދާރާތަކާ ގުޅިގެން ފަންޑިންގ ހޯދުމަށް ބީއެމްއެލްއިން ކެނޑިނޭޅި މަަސައްކަތްކުރަމުންނެވެ، އަދި މިދަތ ހާލަތުގައިވެސް ގައުމީ ބެންކުގެ ގޮތުގައި ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި ބީއެމްއެލް ދެމި އޮންނާނެކަމުގެ ޔަޤީންކަންވެސް ބީއެމްއެލްއިން އަރުވައެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!