ވަގު ބާޒާރުގައި ޑޮލަރުގެ އަގު 19ރ. އަށް އޮއްވާ، ކުއްލިއަކަށް 17ރ.އަށް ވެއްޓިއްޖެ އެވެ. މިކަމުގެ ސަބަބުން ވަގު ބާޒާރު ހިންގާ ފަރާތްތަކުން ވަނީ ޑޮލަރުގެ އަގު ކުޑަ ނުކުރުމަށް ބުނެ ހިތްހަމަ ނުޖެހުން ފާޅު ކުރަމުންނެވެ.
މާލޭގައި ޑޮލަރު ގަނެ ވިއްކާ ތަންތަނުން މިދިޔަ ހޮނިހިރު ދުވަހާ ހަމައަށް ޑޮލަރު ގަންނަމުން ދިޔައީ 19.80ރ. އަށެވެ. އެކަމަކު މިހާރު ޑޮލަރެއްގެ އަގު ވަނީ 17ރ. އަށް ވެއްޓިފަ އެވެ.
ކޮވިޑް-19އާ ގުޅިގެން ރާއްޖޭގެ ޓޫރިޒަމް ހުއްޓިފައި އޮތުމުން ޑޮލަރު ލިބުން ތާށިވެ، އޭގެ އަގު، ކަޅު ބާޒާރުގައި ދިޔައީ މަތިވަމުންނެވެ. އެކަމަކު މިހާރު މި އައި ކުއްލި ބަދަލު ގުޅެނީ، ޑޮލަރު ގަނެ ވިއްކާ ބައެއް މީހުން ބުނާ ގޮތުގައި، ޑޮލަރަށް މި ވަގުތު އޮތް ޑިމާންޑް ދަށްވުމުންނެވެ.
ރާއްޖޭގައި ޑޮލަރުގެ ރަސްމީ ރޭޓަކީ 15.42ރ. އެވެ. ނަމަވެސް ޑޮލަރު ލިބުން ތާށިވުމުން މިދިއަ ދުވަސްތަކުގައި، ބައެއް ހަފްތާތަކުގައި، އެވްރެޖްކޮށް 30-50 ލާރިއަށް ޑޮލަރުގެ އަގު އުފުލެމުން ދިޔަ އެވެ.
ރާއްޖޭގެ ބޯޑަރުތައް ބަންދުކޮށްފައި އޮތުމުން ހަތަރު މަހެއްހާ ދުވަހު ރާއްޖެއަށް އެއްވެސް ޓޫރިސްޓަކު ނާދެ އެވެ. އެކަމަކު ޖުލައި 15 ގައި އަލުން ބޯޑަރު ހުޅުވުމާ އެކު، ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު މިހާރު ވަނީ އިތުރުވާން ފަށައިފަ އެވެ. ބައެއް ރިސޯޓްތަކުން ބުނާ ގޮތުގައި އަންނަ މަހާއި ނޮވެމްބަރު މަހުގެ ރިޒަވޭޝަން ދައްކަނީ ވަރަށް އުއްމީދީ ގޮތަކަށެވެ.