އެންޑީއެމްއޭގެ އޮޑިޓް: ކާބޯތަކެތި ގަނެފައިވަނީ އަގުބޮޑުުކޮށް

ސަރުކާރުން ތަކެތީގެ އަގު ކޮންޓްރޯލް ކޮށްފައިވަނިކޮށްވެސް، އެންޑީއެމްއޭއިން މުދާ ބާޒާރުގައި ލިބެން ހުންނަ އަގުތަކަށްވުރެ ބޮޑުކޮށް ތަކެތި ގަނެފައިވާކަން، ކޮވިޑް-19 އާއި ގުޅިގެން ނޭޝަނަލް ޑިޒާސްޓަރު މެނޭޖްމަންޓް އޮތޯރިޓީއިން ކުރި ޚަރަދުތަކުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުން ހާމަކޮށްފިއެވެ.

ކޮވިޑް-19 އާ ގުޅިގެން ނޭޝަނަލް ޑިޒާސްޓަ މެނޭޖްމަންޓް އޮތޯރިޓީ އިން ކުރި ހަރަދުތަކުގެ ކޮމްޕްލަޔަންސް އޮޑިޓް މިހާރު ވަނީ އާންމުކޮށްފައެވެ. އޮޑިޓު ރިޕޯޓުގައި ޑިޒާސްޓާއިން ކުރި ހަރަދުތަކާ ގުޅޭ ގިނަ މައްސަލަތަކެއް ވަނީ ފާހަގަކޮށްފައެވެ.

ކޮވިޑާ ގުޅިގެން ރާއްޖޭގައި ބާޒާރުގައި ތަކެތީގެ އަޑު އުފުލެން ފެށުމާއެކު، އޭޕްރީލް ހަ ވަނަ ދުވަހުން ފެށިގެން ބާޒާރުގައި ވިއްކާ ފިޔާ، އަލުވި، ރީނދޫ މުގު އަދި ބިހުގެ އަގު އިކޮނޮމިކް މިނިސްޓްރީން ކޮންޓްރޯލް ކުރިއެވެ.

އެގޮތުން މީހުން ދިރިއުޅޭ ރަށެއްގައި ފިޔާ އަދި އަލުވި ކިލޯއެއް ވިއްކޭނެ އެންމެ ބޮޑު އަގަކީ 20 ރުފިޔާ ކަމަށާއި، ރީނދޫ މުގު ކިލޯއެއް އެންމެ ބޮޑުކޮށް ވިއްކޭނީ 45 ރުފިޔާ އަށް ކަމަށާއި އަދި ބިހެއް ވިއްކޭނެ އެންމެ ބޮޑު އަގަކީ 1.80 ކަމަށް މިނިސްޓްރީން ވަނީ ކަނޑައަޅައިފައެވެ.

އެހެން ނަމަވެސް އެންޑީއެމްއޭގެ އޮޑިޓުން ހާމަވެފައިވާ ގޮތުގައި، ކަރަންޓީނު ފެސިލިޓީތަކާއި ހާލުގައި ޖެހުނު މީހުންނަށް ކާބޯތަކެތި ފޯރުކޮށްދިނުމުގައި އެ ތަކެތި ގަނެފައި ވަނީ ކޮންޓްރޯލް ކުރި އަގަށްވުރެ ބޮޑުކޮށް ކަން ވަނީ ހާމަވެފައެވެ.

އޮޑިޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، އެންޑީއެމްއޭ އިން ހަނޑޫ، ހަކުރު، ފުށް، ފިޔާ އަދި މުގު ގަނެފައިވަނީ، އަސްލު ޖެހޭ ޖުމްލަ އަގަށްވުރެ 23،457 ރުފިޔާ އަގުބޮޑުކޮށެވެ. އަދި އާންމުކޮށް ބޭނުންކުރާ ކާބޯތަކެތީގެ ތެރެއިން ވަޅޯމަސް، މަސްދަޅު ކޭސް، ރިހާކުރު، މިލްކް ޕައުޑަރު، އަސޭމިރުސް، ހިކިމިރުސް، މޭވާ، ލުއި ބުއިން، ތާޒާ ކަނޑު މަސް އަދި ޗިކަން ބޭކަން ފަދަ ތަކެތި ގަނެފައިވަނީ އަސްލު ޖެހޭ ޖުމްލަ އަގަށްވުރެ 224،546 ރުފިޔާ އަގުބޮޑުކޮށް ކަން ވަނީ ހާމަވެފައެވެ.

މީގެ އިތުރުން ފެސިލިޓީ ތަކަށް ކެއުން ފޯރުކޮށް ދިނުމަށް ކުރި ޚަރަދުތަކުގައި އެކި ފެސިލިޓީތަކަށް ކެއުން ފޯރުކޮށްދިނުމަށް 17,125,268 ރުފިޔާ ހަރަދުކޮށްފައިވެއެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!