ހަނިމާދޫ އެއާޕޯޓު ތަރައްޤީކުރުމުގެ މަސައްކަތާއި ކޮޗިން ފެރީ ފެށުމާބެހޭ މަޝްވަރާކޮށްފި

ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ބިންގާ އެޅުން މިއަހަރުގެ ނޮވެމްބަރު މަހުގައި އަދި މަސައްކަތް ފެށުން އަންނަ އަހަރު ޖެނުއަރީގައި އޮންނާނެ ކަމަށް ޓްރާންސްޕޯޓު އެންޑް ސިިވިލް އޭވިއޭޝަން މިނިސްޓްރީ އިން ބުނެފި އެވެ.

ޓްރާންސްޕޯޓު މިނިސްޓްރީ އިން މިހެން ބުނެފައިވަނީ ޓްރާންސްޕޯޓު މިނިސްޓަރު އާއިޝަތު ނަހުލާ، އިންޑިއާ އިން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރާ އެކު މިއަދު ބޭއްވި ބައްދަލުކުރެއްވުމަށްފަހު އެވެ.

އިންޑިއާ ސަރުކާރުގެ އެހީގައި ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމަށް ކުރިއަށްގެންދާ މަޝްރޫއުގެ އަމަލީ މަސައްކަތް އަންނަ އަހަރުގެ ޖެނުއަރީގައި ފަށާނެ ކަމަށާއި ހަނިމާދޫ އެއާޕޯޓުގެ މަސައްކަތުގެ ގްރައުންޑް ބްރޭކިން ނުވަތަ ބިންގާ އެޅުން މިއަހަރުގެ ނޮވެމްބަރުގައި ބާއްވަން ނިންމާފައިވާ ކަމަށެވެ.

މީގެއިތުރުން މިބައްދަލުވުމުގައި ރާއްޖެއާއި އިންޑިޔާއާއިދެމެދު މިމަހު ފެށުމަށް ހަމަޖެހިފައިވާ ފެރީގެ ޚިދުމަތާއިގުޅޭގޮތުންވެސް މަޝްވަރާކުރެވިފައިވާކަމަށާއި އިންޑިޔާ ސަރުކާރުގެ އެހީއާއިއެކު ކުރިއަށްދާ ޓްރާންސްޕޯޓް އާއި ސިވިލް އޭވިއޭޝަންގެ ކަންކަމުގައި މަޝްވަރާކުރެވިފައިވާކަމަށް ބުނެފައިވެއެވެ.

ފެރީގެ ހިދުމަތުގެ މަޝްވަރާތައް މިދިއަ އަހަރު ފެށިގެން ކުރަމުން އައިސް، އެ ހިދުމަތް ފަށާ ކަމަށް އިއުލާނު ކޮށްފައި ވަނީ، މިދިއަ މަހު ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް ޖައިޝަންކަރާއެކު ފޯނުން ގުޅުއްވައި ކުރެއްވި މަޝްވަރާތަކަށް ފަހު އެވެ.

ކޮޗިނަށް ފަށާ ފެރީއަކީ ރާއްޖެ އާއި އެހެން ގައުމަކާ ދެމެދު ކަނޑު ހުރަސްކޮށް ޝެޑިއުލް ފެރީގެ ހިދުމަތް ފަށާ ފުރަތަމަ ފަހަރެވެ. އެ ހިދުމަތް ކުރިއަށް ގެންދަން ނިންމާފައި ވަނީ ކޮޗިން – ކުޅުދުއްފުށި – މާލެ އާ ދެމެދުގައި ކަމަށް ސަރުކާރުން ވަނީ ހާމަކޮށްފަ އެވެ.

އެގޮތުން، މިމަހުގެ 26 ވަނަ ދުވަހު ފުރަތަމަ ބޯޓު ރާއްޖެ ބަނދަރު ކުރާނެ ކަމަށް ރިޕޯޓުތައް ބުނެފައިވީ ނަމަވެސް، ހިދުމަތް ފަށާ ތާރީހެއް ސަރުކާރުން އަދި މިހާތަނަށް ރަސްމީކޮށް ހާމަކޮށްފައެއް ނުވެ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!