ނޭމާއާ ނަސްލީ ގޮތުން ދިމާކުރި މައްސަލަ ބަލަން ޕީއެސްޖީން ގޮވާލައިފި

ފްރެންޗް ލީގުގައި އާދިއްތަ ދުވަހުގެރޭ މާސޭއާ ދެކޮޅަށް ޕީއެސްޖީ ކުޅުނު މެޗުގައި ހިނގާދިޔަ ކަންތައްތަކުގެ ތެރޭގައި މާސޭގެ ޑިފެންޑަރު އަލްވާރޯ ގޮންޒާލޭޒް ޕީއެސްޖީގެ ނޭމާއާ ނަސްލީ ގޮތުން ދިމާކުރި މައްސަލަ ބަލަން ޕީއެސްޖީން ގޮވާލައިފި އެވެ.

މާސޭ އަތުން 1-0 އިން ޕީއެސްޖީ ބަލިވި މެޗުގައި ނޭމާ އަށް ރަތް ކާޑު ދެއްކީ މާސޭގެ ޑިފެންޑަރު ގޮންޒާލޭޒް ބޮލުގައި އަތުން ޖެހުމުންނެވެ. ނޭމާ ހިމެނޭ ގޮތަށް ޕީއެސްޖީގެ ތިން ކުޅުންތެރިންނާއި މާސޭގެ ދެ ކުޅުންތެރިންނަށް ރަތް ކާޑު ދެއްކި އެ މެޗުގައި ހިނގާދިޔަ ކަންތައްތަކަށް އިޝާރާތްކޮށް ޕީއެސްޖީން ނެރުނު ބަޔާނުގައިވަނީ ނޭމާއާ ނަސްލީ ގޮތުން ދިމާކޮށްލި މައްސަލަ ފްރާންސް ފުޓްބޯޅަ ލީގުގެ ޑިސިޕްލިނަރީ ކޮމިޓީން ބަަލައި އަދަބު ދޭން ޖެހޭނަމަ އެކަން އެ ގޮތަށް ކުރަން ޖެހޭނެ ކަމަށެވެ.

ނޭމާ ބުނީ ގޮންޒާލޭޒް ގައިގައި ޖެހީ ނަސްލީ ގޮތުން އޭނާއާ ތަކުރާރުކޮށް ދިމާކުރުމުންނެވެ. މެޗަށް ފަހު ނޭމާ އެނާގެ ސޯޝަލް މީޑިއާގައި ބުނެފައިވަނީ ގޮންޒާލޭޒް ނަސްލީ ގޮތުން އޭނާއާ ދިމާކުރުމުން ހަގީގަތުގައި ޖަހަން ބޭނުންވަނީ އޭނަގެ މޫނުގައި ކަމަށެވެ.

ފަހުން ނޭމާ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ގޮންޒާލޭޒް ނަސްލީ ގޮތުން ނޭމާއާ ދިމާކޮށްލުމުން ވަރަށް ބޮޑަށް އަސަރުކުރި ކަމަށާއި އެހެންވެ އެ ވަގުތު އޭނާ އަށް ވެސް ޖަޒުބާތުގައި ޖެހިގެން ގޯހެއް ހެދުނު ކަމަށެވެ. އޭނާ އަށް އެ ގޯސް ހެދުމުގެ އެންމެ ބޮޑު ސަބަބަކީ މެޗުގެ ރެފްރީންގެ ފަރާތުން ވެސް އެކަމަށް މާ ބޮޑު އަޅާލުމެއް ނުލިބުން ކަމަށާއި މި ފަދަ ކަންކަމުން ފުޓްބޯޅަ އެއްކިބާ ކުރަން އެންމެން އެކުގައި މަސައްކަތް ކުރަން ނޭމާ ވަނީ ގޮވާލައިފަ އެވެ.

“އަހަންނަށް ހެދުނު ގޯސް އަހަރެން ގަބޫލުކުރަން. އަހަންނަށް އެ މައްސަލައިގައި އެ އަށް ވުރެ ރަނގަޅަށް ފުޓްބޯޅައިގެ ރީތި އުސޫލުގެ ތެރެއިން ކަންތައްތައް ކުރެވެންވާނެ. އަނެއް ކޮޅުން އަހަރެންގެ ނަޒަރުގައި އެ ރޭސިސްޓް (ނަސްލީ ގޮތުން ދިމާކުރި މީހާ) އަށް ފުރިހަމަ އަދަބު ދޭން ޖެހޭނެ. ނަސްލީ ތަފާތު ކުރުމާ ދެކޮޅަށް އެންމެ ހަރުކަށި އަދަބު ދޭން ޖެހޭ،” ނޭމާ ބުންޏެވެ.

ނޭމާގެ ވާހަކަތަކަށް ޕީއެސްޖީން ތާއީދު ކުރުމާ އެކު މާސޭ އިން ވަނީ ގޮންޒާލޭޒްގެ ދިފާއުގައި ވާހަކަ ދައްކައިފަ އެވެ. ފްރާންސްގެ ނޫހަކަށް މާސޭގެ އޮފިޝަލަކު ދިން އިންޓަވިއުއެއްގައި ބުނީ ގޮންޒާލޭޒަކީ ނަސްލީ ގޮތުން ދިމާކުރާ މީހެއް ނޫން ކަމަށާއި އޭނާގެ ދިފާއުގައި ވާހަކަ ދައްކާނެ ކުޅުންތެރިން ވެސް މާސޭގައި އެބަތިބި ކަމަށެވެ. މާސޭ އިން ބުނީ ޑިސިޕްލިނަރީ ކޮމިޓީން މައްސަލަ ބަލާނަމަ ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށާއި ނޭމާ ހުށަހަޅާ މައްސަލަ ބަލާނަމަ ގޮންޒާލޭޒް ގަޔަށް ޕީއެސްޖީގެ އެންހެލް ޑި މާރިއާ ކުޅު ޖެހި މައްސަލަ ވެސް ބަލަން ޖެހޭނެ ކަމަށް ބުންޏެވެ.

ނަސްލީ ގޮތުން ދިމާކޮށްފިނަމަ ފްރެންޗް ލީގުގެ ގަވާއިދުގައިވާ ގޮތުން 10 މެޗުގެ ސަސްޕެންޝަނެއް ވެސް އައުމުގެ ފުރުސަތު އެބައޮތެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!