ދިވެހިރާއްޖޭގެ މަލްޓި ހަޒާޑް އެޓްލާސް އިފްތިތާހު ކޮށްފި

ދިވެހިރާއްޖޭގެ “މަލްޓި ހަޒާޑް އެޓްލާސް” އެންވަޔަރަމަންޓް މިނިސްޓްރީން އިފްތިތާހު ކޮށްފި އެވެ.

މި އެޓްލަސް އިފްތިތާހް ކޮށްފައި ވަނީ ވާޗުއަލް ކޮށް ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

މި ރަސްމިއްޔާތުގައި އެންވަޔަރަންމަންޓް މިނިސްޓަރު ޑރ. ހުސެން ރަޝީދު ހަސަން ވިދާޅުވީ މި އެޓްލަސްގެ ސަބަބުން ތަރައްގީގެ މަޝްރޫއުތަކާބެހޭ ނިންމުންތައް ނިންމުމުގައި، ދިރާސާތަކަށް ބަލައި ޑިސިޝަން ނަގަން އެހީތެރި ވެދޭނެ ކަމަށެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުންނާއި، ގުދުރަތީ އެކިއެކި ކާރިސާތަކުގެ ސަބަބުން ލިބޭ ގެއްލުންތައް ކުޑަކުރަން ލީ އެހީ ދޭ ފަރާތްތަކުން ފޯރުކޮށްދޭ އެހީ އެދެވޭ ގޮތުގައި ބޭނުން ކުރެވިގެން ދާނެ ކަމުގެ ޔަގީންކަން އެފަރާތްތަކަށް އިތުރު ކޮށްދެވޭނެ ކަމަށެވެ.

މި އެޓްލަސްއަކީ އޭޝިއަން ޑިވަލޮޕްމަންޓް ބޭންކް (އޭ.ޑީ.ބީ) ގެ ފަންނީ އެހީ އާއިއެކު، ‘ކްލައިމެޓް ރިސްކް ސްކްރީނިންގ ފޯރ މެއިންސްޓްރީމިންގ ކްލައިމެޓް ޗޭންޖް އެޑެޕްޓޭޝަން އިންޓު ޑިވެލޮޕްމަންޓް އެކްޓިވިޓީސް އެންޑް ޕޮލިސީސް’ ޕްރޮޖެކްޓްގެ ދަށުން ދިރާސާކުރެވި ތައްޔާރުކުރެވިފައިވާ އެޓްލަސް އެކެވެ.

މި އެޓަލަސްގައި މައިގަނޑު ގޮތެއްގައި ހިމެނޭނީ، ތަރައްޤީގެ އެކިއެކި މަޝްރޫއުތައް ބައްޓަންކުރުމުގައި، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުންނާއި އަދި ގުދުރަތީ އެކިއެކި ކާރިސާތަކުގެ ސަބަބުން ލިބިދާނެ ގެއްލުންތައް ކުޑަކުރުމުގެ ގޮތުން، މަޝްރޫއުތައް ފަރުމާކުރުމުގައި އެހީތެރިވެދޭނެ މައުލޫމާތުތަކެވެ.

މިއެޓްލަސް ތައްޔާރު ކުރެވިފައިވަނީ ޖިއޮގްރަފިކް އިންފޮމޭޝަން ސިސްޓަމް (ޖީ.އައި.އެސް) ޕްލެޓްފޯމެއްގެ މައްޗަށެވެ. އަދި މި މައުލޫމާތު އާއްމުކޮށް ލިބޭނެގޮތަށް އޮންލައިން ކުރުމަށްދަނީ މަސައްކަތް ކުރެވެމުންނެވެ. އަދި އެޓަލަސްގެ މައުލޫމާތު މިނިސްޓްރީގެ ވެބްސައިޓް މެދުވެރިކޮށް މިހާރުވެސް ލިބެން ހުންނާނެއެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!