ސުޝާންތުގެ ފާމްހައުސް އިން އެންސީބީ އަށް ފެނުނީ މި ތަކެތި

ބޮލީވުޑް އެކްޓަރު ސުޝާންތު ސިންގް ރާޖްޕުތުގެ މަރުގެ ތަހުގީގުގެ ތެރެއިން ކުރި ފަޅައިގެން ނުކުތް މަސްތުވާތަކެތީގެ މައްސަލައިގައި އޭނާ ކުރިން ކުއްޔަށް ނަގައިގެން އުޅުނު ފާމްހައުސް އަކަށް ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ އިން ގޮސްގެން ބެލިބެލުމަށް ފެނިފައިވާ ތަކެތި އިންޑިއާގެ މީޑިއާތަކުން ހާމަކޮށްފިއެވެ.

ޖޫން މަހު ދަންޖެހިގެން މަރުވި އެކްޓަރު ޕަވާނާ ލޭކް ސަރަހައްދުން ކުއްޔަށް ނަގާފައިވާ ފާމްހައުސް އަކީ ވަރަށް ގިނައިން ޕާޓީތައް ބާއްވަމުން ދިޔަ ތަނެއް ކަމަށް ވެއެވެ. އަދި ޕާޓީތަކަށް ގޮސް އުޅެނީ ސުޝާންތުގެ ލޯބިވެރިޔާ ރިއާ ޗަކްރަބަތީ އާއި، ރިއާގެ ކޮއްކޮ ޝޮވިކް އަދި ސުޝާންތުގެ ގޭގެ މެނޭޖަރު ސެމިއުލް މިރަންޑާ އާއި ފްލެޓްމޭޓް ސިދާތު ޕިޓާނީ ފަދަ މީހުން ކަމަށް ބުނެވެއެވެ. މީގެތެރެއިން ސިދާތު ފިޔަވައި ދެންތިބި އެންމެން ތިބީ މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރު ކުރެވިފައެވެ.

މަހަކު 2.5 ލައްކަ އިންޑިއަން ރުޕީސް (3400 ޑޮލަރު) ދީގެން ސުޝާންތު ހިފާފައި ހުރި އެ ގެއިން އެންސީބީއަށް ފެނުނު ތަކެތީގެ ތެރޭގައި އެކި ވައްތަރުގެ ބޭހާއި، އަޅިކެނޑި އަދި ގުޑުގުޑާ ފަދަ ތަކެތި ހިމެނޭ ކަމަށް މީޑިއާތަކުން ރިޕޯޓުކުރެއެވެ. އަދި އޭގެން އެނގިގެންދަނީ އެ ގެއަކީ ޕާޓީ ކުރުމަށް ހާއްސަކޮށްފައިވާ ގެއެއް ކަމަށްވެސް ބުނެއެވެ.

ސުޝާންތުގެ ފާމްހައުސްގައި ބޭއްވި ޕާޓީތަކުގައި ބޮލީވުޑްގެ ގިނަ ތަރިންތަކެއް ވެސް ބައިވެރިވެފައިވާ ކަމުގެ އަޑުތައް އަރާފައިވެއެވެ. އަދި ސުޝާންތު ޑިޕްރެޝަން އާ އެންމެ ގަދަޔަށް ހަނގުރާމަކުރަމުން ދިޔަ ދުވަސްވަރުގައި ވެސް އެ ފާމްހައުސްގައި ޕާޓީތައް އޮތް ކަމަށް ބައެއް މީޑިއާތަކުން ބުނެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!