ޓައިގާގެ ކުރިއަށް އޮތް ފިލްމަކަށް އޭނާ ކިޔަނީ ރިކޯޑު އަގެއް!

ބޮލީވުޑްގެ ޒުވާން އެކްޓަރު ޓައިގާ ޝްރޮފަކީ އާންމުކޮށް އެކްޝަން ފިލްމުތައް ކުޅޭ ތަރިއެކެވެ. ނަމަވެސް މި އަހަރު ކުރީކޮޅު އެޅުވި “ބާގީ 3” އަށްފަހު ލޮކްޑައުންގެ ސަބަބުން އިތުރު ޕްރޮޖެކްޓުތައް މަޑުޖެހިފައި އޮތުމަށްފަހު، އަނެއްކާ ވަނީ ފަށައިފައެވެ.

އެގޮތުން ޓައިގާ ލައިގެން ސާޖިދް ނަދިއަދްވާލާ ހަދަން އުޅޭ “ހީރޯޕަންތީ 2” ގެ އިތުރުން ދެން ޓައިގާއަށް ލިބިފައިވާ ޕްރޮޖެކްޓަކީ ވިކާސް ބާލް ޑައިރެކްޓުކޮށް ޖެކީ ބަގްނާނީގެ ޕޫޖާ އެންޓަޓެއިންމަންޓުގެ ދަށުން ހަދަން އުޅޭ ސްޕޯޓްސް ޑްރާމާއެއް ކަމަށް ރިޕޯޓުތައް ބުނެއެވެ. އަދި މި ފިލްމަށް ޓައިގާ ކިޔާފައިވާ އަގަކީ އޭނާގެ ކެރިއަރުގައި ރިކޯޑު އަދަދެއް ކަމަށް ވެސް ބުނެއެވެ. އެއީ އިންޑިއަން ރުޕީސްގެ 30 ކުރޯޑު (19 މިލިއަން ޑޮލަރު) އެވެ. އަދި މި އަދަދު ޓައިގާއަށް ދޭނީ ދެ ބަޔަކަށް ބަހާލައިގެން ކަމަށް ބުނެއެވެ.

ނަމަވެސް ކިތަންމެ އަގުބޮޑަސް، ޖެކީ ބޭނުންވަނީ ފިލްމުގެ ހީރޯއަށް ޓައިގާ ހަދަން ކަމަށް ވެއެވެ. އެއީ އެ ފިލްމަކީ ބޮކްސިންގ އާއި މާޝަލް އާޓްސް އެކުލެވޭ ފިލްމަކަށްވެފައި، ޓައިގާއަކީ އެ ހުނަރުތައް ލިބިފައިވާ މީހަކަށް ވާތީއެވެ. މި ފިލްމުގައި ޓައިގާ ކުޅޭނީ ބޮކްސިންގ ތަޅާ މީހެއްގެ ރޯލެވެ. ފިލްމު ރަސްމީކޮށް އިއުލާނުކުރުން ކުރިއަށް ތާވަލް ކޮށްފައި އޮތަސް، ޓައިގާ ވަނީ މިހާރު އެ ފިލްމަށް ސޮއިވެސް ކޮށްފައި ކަމަށް ރިޕޯޓުތައް ބުނެއެވެ.

ޓައިގާ، 30، ކުޅެފައިވާ ފާހަގަކޮށްލެވޭ ފިލްމުތަކުގެ ތެރޭގައި “ބާގީ” ގެ އެކަކާއި ދޭއް، އަދި “ހީރޯޕަންތީ” ހިމެނެއެވެ. ޓައިގާ އަކީ ކުރީގެ އެކްޓަރު ޖެކީ ޝްރޮފްގެ ދަރިއެކެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!