ފޮޓޯ: ދަ ޕްރެސް

ރައީސް ޔާމީންގެ އެކައުންޓުތައް ހިފަހައްޓަން އެދުނު މައްސަލާގައި ފަނޑިޔާރުންގެ ގިނަ ސުވާލުތަކެއް ދައުލަތަށް

ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ ބޭންކް އެކައުންޓުތައް ފްރީޒްކުރުމަށް އެދި އަމުރެއް ނެރެން އެދިފައިވާތީ ސްޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ދައުލަތާ ގިނަ ސުވާލުތަކެއް ކުރިމަތިކުރުވައިފިއެވެ.

މި މައްސަލަ ބައްލަވާ ތިން ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ބަލަހައްޓަވާ ފަނޑިޔާރު ހުސްނުއް ސުއޫދު ވަނީ ތުހުމަތު ކުރެވެނީ އެއް މިލިއަން ޑޮލަރުގެ މައްސަލައަކަށް ކަމަށް ވާއިރު، މުޅި މިލްކިއްޔާތު އެއްކޮށް ފްރީޒް ކުރުމުގެ އަމުރަކަށް އެދެވިދާނެތޯ ސުވާލު ކުރައްވާފައެވެ. ޖަވާބުގައި ދައުލަތުން ވަނީ މަނީ ލޯންޑްރިންގެ ގާނޫނުގައި ލޯންޑަކުރާ މުދަލާއި ފައިސާ އާއި އެއިން ހޯދާ މަންފާ ވެސް ދައުލަތަށް ނެގޭނެ ކަމަށް އެ ގާނޫނުގައި ބަޔާން ކުރާތީ އެގޮތަށް އެދެވިދާނެ ކަމަށް ވިދާޅުވެފައެވެ.

ރައީސް ޔާމީންގެ އެކައުންޓް ފްރީޒްކުރިއިރު، އެ އަދަދު އެސަޓައިން ކުރެއްވިންތޯ އާއި އަމުރަށް އެދިވަޑައިގަތުމުގެ ކުރިން ހެއްދެވި ހޯމްވޯކާ ބެހޭގޮތުން ފަނޑިޔާރު ސުވާލު ކުރެއްވުމުން މައްސަލަ ތަހުގީގުކުރި ފުލުހަކު ބުނީ، ރައީސް ޔާމީގެ ހުރިހާ އެކައުންޓްތަކެއް ފްރީޒްކުރަން އެދުނީ އެއް މިލިއަން ޑޮލަރާ ގުޅިގެން ގިނަ މުއާމަލާތްތަކެއް ހިނގާފައިވާތީއާއި، ޔާމީނަށް މުސާރަ އާއި ނުބައްދަލު އާމްދަނީތަކެއް ލިބިވަޑައިގަތް ކަމަށް ފާހަގަވާތީ ކަމަށެވެ.

ދައުލަތަށް ލިބެންޖެހޭ ފައިސާ އަކީ ކޮބައިކަން ދެނެގަނެވިފައި އޮއްވައި އެއަށް ވުރެ ބޮޑު އަދަދެއް ފްރީޒްކުރަން އެދުނީ ކީއްވެގެންތޯ ފަނޑިޔާރު ސުއޫދު ސުވާލު ކުރެއްވިއެވެ. ފަނޑިޔާރު އެހެން ސުވާލު ކުރެއްވީ ޔާމީނަށް މުސާރަ އާއި ނުބައްދަލު އާމްދަނީތަކެއް ލިބިވަޑައިގަތް ކަމަށް ފާހަގަވެފައިވާ ކަމަށް ފުލުހުން ބުނެފައިވާއިރު، އެކަން ލިޔެކިއުމުން އެނގެން ނެތުމުންނެވެ. ފަނޑިޔާރު ތަކުރާރުކޮށް ސުވަާލު ކުރެއްވުމުން ވެސް އެކަމަށް އެކަށީގެންވަ ޖަވާބެއް ލިބިފައެއް ނުވެއެވެ. އެހެންކަމުން ފަނޑިޔާރު ވަނީ، އެ މައްސަލާގައި ތުހުމަތު ކުރެވޭ އަދަދަކީ ކޮބައިތޯ އާއި އެގޮތަށް ގަބޫލު ކުރެވުނު ސަބަބަކީި ކޮބައިކަން ދެން އޮންނަ އަޑުއެހުމެއްގައި ދައުލަތާއި ފުލުހުން ސާފުކޮށް ދިނުމަށް އަންގަވާފައެވެ.

އެކަމާ ގުޅިގެން ރައީސް ޔާމީން ވިދާޅުވީ މުސާރަ އާއި ނުބައްދަލު އާމްދަނީއެއް ލިބިވަޑައިގަތްކަމުގެ ތުހުމަތުގައި ފުލުހުން އެމަނިކުފާނާ ސުވާލު ކުރައްވާފައި ނުވާ ކަމަށެވެ. އަދި އަތުގައި ފައިސާ ބެހެއްޓުމަކީ ކުށެއް ކަމަށް ގާނޫނެއްގައި ނޯންނާނެ ކަަމށް އެމަނިކުފާނު ވިދާޅުވިއެވެ.

ފަނޑިޔާރު ސުއޫދު ވަނީ އެކައުންޓް ފްރީޒް ކުރުމުގެ އަމުރަށް އެދުނުއިރު އެކަން ކުރަނީ ކޮން ގާނޫނެއްގައި ބަޔާންކުރާ ކޮން އިޖްރައާތެއްގެ ދަށުންކަން ބަޔާން ނުކުރީ ކީއްވެގެންތޯ ސުވާލު ކުރައްވާފައެވެ. ފަނޑިޔަރު އެހެން ސުވާލު ކުރެއްވީ، އެކައުންޓް ފްރީޒް ކުރުމުގެ އަމުރަކީ ކޮން އިޖްރައާތެއްގެ ދަށުން ނެރުނު އަމުރެއްކަން އެނގެން ނެތް ކަމުން، އެއީ ރަނގަޅަށް ކޮށްފައި އޮތް ކަމެއްތޯ ވެސް ސުވާލު އުފައްދަވަމުންނެވެ. ޖަވާބުގައި ދައުލަތުން ބުނީ އެފަދަ އަމުރުތައް ނެރެނީ ޖިނާއީ އިޖްރައާތުގެ ގާނޫނުގެ ދަށުން ކަމަށެވެ.

މީގެ އިތުރުން ޔާމީން ވިދާޅުވީ އެކައުންޓް ފްރީޒް ކުރުމުގެ އަމުރު ހޯދުމުގައި ބޭނުންކުރި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ސަސްޕިޝަސް ޓްރާންސްއެކްޝަން ރިޕޯޓް (އެސްޓީއާރު) ގައި ހުރި މައުލޫމާތުތައް ނުލިބުމަކީ ކަންބޮޑުވެ ވަޑައިގަންނަވާ ކަމެއް ކަމަށެވެ. އެއާއެކު، އެ މައްސަލަ އުފެދުނީ އެސްޓީއާރުގެ ސަބަބުން ކަން ނުދެކޭ ކަމަށް ދައުލަތުން ފާހަގަ ކުރުމުން ވެސް ފަނޑިޔާރުންގެ ބެންޗުން ވަނީ އެސްޓީއާރުގެ ތަފްސީލުތައް ޔާމީންގެ ވަކީލުންނަށް ދިނުމަށް ދައުލަތަށް އަންގާފައެވެ.

ރައީސް ޔާމީންގެ ބޭންކް އެކައުންޓްތައް ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން ފްރީޒްކޮށްފައި ވަނިކޮށް ހައި ކޯޓުން ވަނީ 2019ވަނަ އަހަރުގެ މާޗް މަހު އެ އަމުރު ބާތިލްކޮށް، އެކައުންޓްތައް ދޫކޮށްލައިފައެވެ. ހައިކޯޓުން އެ އަމުރު ބާތިލު ކުރީ ޖިނާއީ އިޖްރައާތުގެ ގާނޫނުގައި ބަޔާންކުރާ އިޖްރާއަތް ފުރިހަމަ ނުކޮށް އެ އަމުރު ނެރެފައިވާތީ ކަމަށް ބުނެއެވެ. އެ މައްސަލަ ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމާ ގުޅިގެން މިހާރު ކުރިއަށް ދަނީ އެ ޝަރީއަތްތަކެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!