ޕާޓީގެ އިސް ލީޑަރު އޮޅުވާލި ކަމަށް ބުނެ އެމްޑީޕީގެ ޗެއަރޕަރސަން ހަސަން ލަތީފް މަޤާމުން ވަކިކޮއްދިނުމަށް އެދިއްޖެ

އެމްޑީޕީގެ އިސް ލީޑަރު އޮޅުވާލައި ގައްދާރުވެފައިވާ ކަމަށް ބުނެ އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުގައި ހުންނެވި ހަސަން ލަތީފު މަގާމުން ވަކިކޮށްދޭން އެދި އެ ޕާޓިގެ ފިޔަވަޅުއަޅާ ކޮމިޓީގެ ނައިބު މުގައްރިރު ފުރަހަނި ޝުވެއިބު އަލީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ސިޓީއެއް ފޮނުވައިފި އެވެ.

ސިޓީގައި ބުނެފައިވަނީ، ސަރުކާރާ ރައީސުލް ޖުމްހޫރިއްޔާއާއިމެދު ދޮގު ވާހަކަތަށް ފަތުރަމުންދާ ވަގުތެއްގައި ޕާޓީގެ އަސާސީ ޤަވާއިދުގެ 75 ވަނަ މާއްދާގައި މުތުލަޤަށް ބަޔާންކުރާ ޕާޓީގެ އިސްލީޑަރު ނަފީކޮށް ދޮގުން އެހެން މާއްދާއަކަށް ރިޔާއަތްކޮށް ޕާޓީގެ އިސްލީޑަރުގެ ނަފްސު އޮޅުވާލެއްވުމުން ޗެއަރޕަރސަން ހަސަން ލަތީފް މިހާރުން މިހާރަށް މަޤާމުން ދުރުކޮށް ދެއްވުމަށް އެދި ދަންނަވާ ކަމަށެވެ.

ފުރަހަނި ޝުޢައިބު މިހެން ވިދާޅުވެފައި މިވަނީ، އެމްޑީޕީގެ އެންމެ އިސް މަޤާމަކީ ޕާޓީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ކަމަށް ޗެއަރޕަރސަން ހަސަން ލަތީފު ވިދާޅުވުމުން އެކަމާ ގުޅޭގޮތުން ގިނަ ބަޔަކު ސުވާލު އުފައްދަމުންދާ ދަނޑިވަޅެއްގައެވެ.

“… ޕާޓީގެ އަސާސީ ގަވައިދުގެ 75 ވަނަ މާއްދާގައި މުތުލަގަށް ބަޔާންކުރާ ޕާޓީގެ އިސްލީޑަރު ނަފީކޮށް ދޮގުން އެހެން މާއްދާއަކަށް ރިޔާއަތްކޮށް ޕާޓީގެ އިސްލީޑަރުގެ ނަފްސު އޮޅުވާލެއްވުމުން ޗެއާޕާސަން ހަސަން ލަތީފު މިހާރުން މިހާރަށް މަގާމުން ދުރުކޮށް ދެއްވުމަށް ފިޔަވަޅު އަޅާ ކޮމިޓީގެ ނައިބު މުގައްރިރުގެ ހައިސިއްޔަތުން އިހުލާސްތެރިކަމާޢެކު މަނިކުފާނަށް ދަންނަވަމެވެ،” ޝުވެއިބުގެ ސިޓީގައި ވިދާޅުވި އެވެ.

އެ ސިޓީގައި އޭނާ އިތުރަށް ވިދާޅުވީ، މިފަދަ ގައްދާރު އަމަލުތަކުން އެމްޑީޕީގެ ކޮންގުރެސް އިން ފާސްކޮށްފައިވާ އަސާސީ ގަވާއިދުގައި ބުނެފައިވާ މާއްދާތަކަށް ފުރިހަމައަށް ތަބާވެގެން މެނުވީ 2023 ގައި އެމްޑީޕީއަށް ކުރިމަގު ލިބޭނެ ކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!