މޫޑީ ބައިވެރިއަކާ އެކީ އުޅޭނީ ކިހިނެއް؟

“މޫޑީ” އޭ ކިޔަނީ މީހާގެ މިޒާޖަށް ބަދަލު އައިސް، ކަމަކާ ހިތްހަމަނުޖެހި ނުވަތަ ދެރަވެފައި ހުންނަ ހުރުމަށެވެ. އަދި “މޫޑް ސްވިންގް” ވުމަކީ ކުއްލި ކުއްލިއަކަށް މީހާގެ މޫޑަށް އަންނަ ބަދަލެވެ. މި ކަންކަމީ އާންމުކޮށް އަންހެން ކުދިންގެ ކިބައިން ފެންނަ ކަމެކެވެ. ނަމަވެސް މިއީ ފިރިހެނުންނަށް ވެސް ދިމާވާ ކަމެކެވެ. އާންމުކޮށް، މޫޑީ ވަނީ ކޮންމެވެސް ސަބަބަކާހެދިއެވެ.

މިފަހަރު މި ކިޔައިދެނީ، ތިބާގެ ބައިވެރިޔާ މޫޑީ ވެފައި ހުންނަ ނަމަ ކަން ކުރަންވީ ގޮތެވެ.

1. ބައިވެރިޔާ މޫޑީ ވެފައި ހުރުމުގެ ޒިންމާ ތިބާ ނަގާކަށް ނުޖެހޭނެއެވެ. ނަމަވެސް އެއީ ތިބާގެ ސަބަބުން ދިމާވި ކަމެއް ނަމަ، އެކަމަކަށް މާފަށް އެދި އޭނާ ހިތްހަމަޖައްސައިދޭން ވާނެއެވެ.

2. ކޮންމެ މީހަކަށްވެސް އުފާވެރި ދުވަސްތަކާއި ހިތްހަމަނުޖެހޭ ދުވަސްތައް އަންނާނެއެވެ. އެހެންކަމުން އެކަން ދަނެގެން، ބައިވެރިޔާއަށް ވަގުތު ދޭށެވެ.

3. އޭނާ ހިތްހަމަނުޖެހިފައި އެހުރީ ކޮންކަމަކާތޯ އަހައި އޮޅުންފިލުވަން ވާނެއެވެ. އަދި އެއީ ތިބާއާ ގުޅުންހުރި ކަމަކަށް ނުވިޔަސް، އޭނާ ދައްކާ ވާހަކަ އަޑުއަހާލައި ލަފާދިނުމުން ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް ލިބޭނެއެވެ.

4. އޭނާ ކިޔައިދޭން ބޭނުންނުވާ ނަމަ، ގަދަކަމުން ހޯދަން ނޫޅޭށެވެ. ކޮންމެ ގުޅުމެއްގައި ވެސް ވަކި މިންތަކެއް އޮންނާނެއެވެ. ނަމަވެސް ކަމެއް ބޭނުންވެއްޖެ ނަމަ ތިބާ ހުންނާނެ ކަމުގެ ޔަގީންކަން ދޭށެވެ.

5. ބައިވެރިޔާގެ މޫޑުގެ ސަބަބުން ތިބާއަށް އަސަރުކުރާނަމަ، އެކަން އޭނާއަށް އަންގަން ވާނެއެވެ. ނަމަވެސް އަންގަން ވާ އެންމެ ރަނގަޅު ވަގުތަކީ އޭނާ ހަމަޖެހުމުންނެވެ. އޭރުން ދެވަނަ ފަހަރަށް އެކަހަލަ ކަމެއް ދިމާވުމުން ކަންތައް ކުރަންވީ ގޮތް އޭނާއަށް އެނގޭނެއެވެ. އަދި އެކަމުގެ ސަބަބުން ގުޅުމަށް ބުރޫ އެރިޔަ ނުދިނުމަށް އެކޮޅުން ވެސް މަސައްކަތް ކުރާނެއެވެ.

6. ބައިވެރިޔާ ހުރި ދެރަވެފައި ކަމަށްވާނަމަ، އޭނާ އުފާވާ ކަހަލަ ކަމެއް ކޮށްގެން ހިތްހަމަޖައްސައިދޭށެވެ. ނަމަވެސް އޭނާ ހުރީ ރުޅިއައިސްފައި ކަމަށް ވާނަމަ، ރުޅިގަނޑު މައިތިރި ކުރުމަށް ވަގުތު ދޭން ވާނެއެވެ. ބައެއް މީހުންނަކީ ރުޅި އައުމުން އެކަނި ވެލަން ބޭނުންވާ މީހުންނެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!