ކަންގަނާ އަކީ ކުރިން ޑްރަގް އެޑިކްޓެއް ކަމަށް އޭނާ އެއްބަސްވާ ވީޑިއޯއެއް އަނެއްކާ ވައިރަލްވެއްޖެ

ބޮލީވުޑާ މަސްތުވާތަކެއްޗާ ވަރަށް ބޮޑަށް ގުޅުންހުރި ކަމަށް ބަތަލާ ކަންގަނާ ރަނައަތު މީގެ ދުވަސްކޮޅެއް ކުރިން ތުހުމަތުކޮށްފައި ވަނިކޮށް، ޚުދު އޭނާއަކީ ވެސް ކުރިން މަސްތުވާތަކެއްޗަށް ދެވިހިފާފައި ހުރި މީހެއްކަން އެއްބަސްވެ އަމިއްލައަށް ހިއްސާކޮށްފައިވާ ވީޑިއޯއެއް އަނެއްކާ ވައިރަލްވެއްޖެއެވެ.

މި އަހަރުގެ މާޗް މަހު ތެރޭގައި އަމިއްލަ ޓުވިޓާ އެކައުންޓުން ހިއްސާކުރި ވީޑިއޯގައި އޭނާ ކިޔައިދެނީ، ފުރަތަމަ އެކްޓިންގ އަށް ނުކުތް ދުވަސްކޮޅު މަސްތުވާތަކެތީގެ ވަބާގައި ޖެހުނު ވާހަކައެވެ. އަދި އެއީ “ނުރަނގަޅު ބައެއް” ގެ އަތްދަށުވުމުން ދިމާވި ކަމެއް ކަމަށް އެ ވީޑިއޯގައި ކަންގަނާ ބުނެފައިވެއެވެ. ހަމައެހެންމެ، އެ ހުރިހާ ކަމެއް ހިނގިއިރު އޭނާއަކީ ފުރާވަރުގެ ކުއްޖެއް ކަމަށް ވެސް ބުންޏެވެ.

މި ދުވަސްވަރާ ދިމާކޮށް އެ ވީޑިއޯ އަލުން ވައިރަލްވެފައި މިވަނީ، ބޮލީވުޑްގެ އޭ-ލިސްޓު ގިނަ ތަރިންނަކީ ޑްރަގް އެޑިކްޓުން ކަމަށް ކަންގަނާ ބުނުމުންނެވެ. އަދި ރަންވީރް ސިންގާއި، ވިކީ ކޯޝަލް އަދި ރަންބީރް ކަޕޫރު މެންފަދަ މަޝްހޫރު ތަރިންތަކެއްގެ ނަން ކިޔައި، އެ އެންމެން މަސްތުވާތަކެއްޗަށް ޓެސްޓު ކުރަންޖެހޭ ކަމަށް ވެސް ކަންގަނާ ގޮވާލައިފައި ވެއެވެ. ނަމަވެސް އޭގެ ދުވަސްކޮޅެއް ފަހުން ކަންގަނާގެ ކުރީގެ ލޯބިވެރިއަކު ވަނީ މަސްތުވާތަކެތީގެ ތުހުމަތު ކަންގަނާގެ މައްޗަށް ވެސް ކޮށްފައެވެ. އެގޮތުން އެކްޓަރު އަދްޔާޔަން ސުމަން ކިޔައިދީފައިވާ ގޮތުގައި، ކަންގަނާ ވަނީ މަސްތުވާތަކެތި ބޭނުންކުރުމަށް އޭނާއަށް މަޖުބޫރުވެސް ކޮށްފައެވެ.

ނަމަވެސް އެ ތުހުމަތުތަކަށް ރައްދުދެމުން މީގެ 5 ދުވަސް ކުރިން ކަންގަނާ ކުރި ޓްވީޓެއްގައި ބުނީ، އޭނާއާ މަސްތުވާތަކެއްޗާ އެއްވެސް ގުޅުމެއް ހުރިކަން ސާބިތު ކޮށްދީފި ނަމަ މުމްބާއީ ދޫކޮށްދާން ވެސް ތައްޔާރަށް ހުރި ކަމަށެވެ. އަދި ޓެސްޓު ހަދަން ތައްޔާރަށް ހުރިކަމަށް ވެސް ކަންގަނާ ބުނެފައިވެއެވެ.

މީގެ 5 މަސް ކުރީގެ ވީޑިއޯއެއް އަލުން ޓުވިޓާގައި ވައިރަލް ކުރަމުން، ގިނަ ބަޔަކު އަންނަނީ ކަންގަނާއަށް ފާޑުކިޔަމުންނެވެ. އޭގެތެރެއިން އެއްބަޔަކު ވަނީ ކަންގަނާ އަކީ “ދެ މޫނުގެ ވެރިއެއް” ކަމަށް ބުނެފައެވެ. އަދި ކަންގަނާއަކީ “ހުދު ފޮތިކޮޅަކަށް” ވެގެން މިއަދު އުޅުނަސް، އޭނާގެ މާޒީ ވެސް މާ ރީތި ނޫން ކަން ހަނދާންކޮށްދީފައި ވެއެވެ.

ފާހަގަކޮށްލަންޖެހޭ ކަމަކީ، ޖޫން މަހު ދަންޖެހިގެން މަރުވި އެކްޓަރު ސުޝާންތު ސިންގް ރާޖްޕުތުގެ މަރުގެ ތަހުގީގުގެ ތެރެއިން ފެންމަތިވި މަސްތުވާތަކެތީގެ މައްސަލައެއްގައި އޭނާގެ ލޯބިވެރިޔާ އެކްޓްރެސް ރިއާ ޗަކްރަބަތީ ދާދިފަހުން ހައްޔަރުކޮށްފައިވާ ކަމެވެ. އަދި ރިއާ ވަނީ މަސްތުވާތަކެއްޗާ ގުޅުންހުރި އެހެން ތަރިންތަކެއްގެ ނަން ވެސް ތަހުގީގަށް ކިޔައިދީފައި ކަމަށް މީޑިއާތަކުން ބުނެއެވެ. އޭގެތެރެއިން މީޑިއާއާ ހަމައަށް މިހާތަނަށް ތިލަވެފައި ވަނީ ތިން ނަމެކެވެ. އެއީ ޒުވާން ބަތަލާ ސާރާ އަލީ ޚާނާއި، ރަކޫލް ޕްރީތު ސިންގުގެ އިތުރުން ފެޝަން ޑިޒައިނަރު ސިމޯން ކަމްބަތާ އެވެ.

ޚަބަރު ނަގާފައިވަނީ