ބްރޯޑްކޮމް އިން ރައީސްއާ މަޝްވަރާ ކޮށްފި

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނަށް ލިބިފައިވާ ބަޖެޓުން ބްރޯޑްކާސްޓިންގ ދާއިރާގެ ތަރައްޤީއަށާއި އަދި ކޮމިޝަން އިދާރީ ގޮތުން ހިންގުމަށް ހުރި ދަތިކަމާއި، ކޮމިޝަންގެ ޤާނޫނީ ޒިންމާ އަދާ ކުރުމަށްޓަކައި ބްރޯޑްކާސްޓް ކުރުމުގެ ޤާނޫނު އިޞްލާޙް ކުރުމުގެ މުހިންމުކަމާ ގުޅޭގޮތުން، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާ ކޮމިޝަން މެމްބަރުން ބައްދަލުކުރައްވައި މަޝްވަރާ ކުރައްވައިފިއެވެ.

ރައީސް އޮފީހުގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަންގެ ރައީސް މަރިޔަމް ވަހީދާ ވިދާޅުވީ ކޮމިޝަނަށް ކޮންމެ އަހަރަކު ފާސް ކުރާ ބަޖެޓަކީ މުސާރަ ދިނުމަށާއި އޮފީސް ހިންގުމަށް ދެވޭ ކުޑަ ބަޖެޓެއްކަމުން ދާއިރާގެ ތަރައްޤީއަށާއި ކޮމިޝަންގެ ހިންގުން ހަރުދަނާ ކުރުމަށް އެކުލަވާލާފައިވާ ކޮމިޝަންގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި ކަނޑައަޅާފައިވާ ޕޮލިސީތަކާއި ސްޓެރެޓެޖީތައް ހިންގުމަށް ޚަރަދު ކުރާނެ ބަޖެޓެއް އެއްވެސް އަހަރަކު ނުލިބޭ ކަމަަށެވެ.

އަދި ކޮމިޝަންގެ މުވައްޒަފުންނަށް ވަޒީފާ އާއި މުސާރައިގެ ކުރިއެރުން ދިނުމަށާއި އަދި ކޮމިޝަން ހިންގަމުންދާ އޮފީސް އިމާރާތަށް ބޭނުންވާ މަރާމާތުގެ ކަންކަން ކުރުމަށް ވެސް މިހާރު ލިބިފައިވާ ބަޖެޓުން ނުފުދޭ ކަމަށް ވިދާޅުވެ، ސަރުކާރުގެ ފަރާތުން މިކަންކަމަށް އަވަސް ޙައްލެއް ހޯއްދަވައި ދެއްވުމަށް މިބައްދަލުވުމުގައި ކޮމިޝަންގެ މެމްބަރުން، ރައީސް އަރިހުން ވަނީ އެދިވަޑައިގެންފައެވެ.

މިކަންކަމާ ގުޅިގެން ފިނޭންސް މިނިސްޓްރީއާ އެކުވެސް މަޝްވަރާ ކޮށްފައިވާ ކަމަށް ވިދާޅުވެ، ބްރޯޑްކާސްޓިންގ ދާއިރާގައި މަސައްކަތް ކުރާ ނޫސްވެރިން ތަމްރީން ކުރުމަކީ ކޮމިޝަންގެ މިދައުރުގައި އެންމެ އިސްކަމެއް ދީގެން ކުރަމުންދާ އެއް މަސައްކަތް ކަމަށާއި، ދާއިރާގެ ތަރައްޤީއަށް ބޭނުންވާ ތަމްރީންތައް ހިންގުމަށްޓަކައި މި ދާއިރާ ތަރައްޤީ ކުރުމަށް އެހީތެރިކަން ފޯރުކޮށްދޭ ބައިނަލްއަޤްވާމީ އެކި ފަރާތްތަކުގެ އެހީތެރިކަމަށާއި ފަންޑިން ހޯދުމަށް މަސައްކަތް ކުރައްވާ ކަމަށް ވެސް ކޮމިޝަންގެ ރައީސް ވިދާޅުވިއެވެ.

ރިސޯޓުތަކާއި ގެސްޓްހައުސްތަކުގައި ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތް ދެވޭނީ ކޮމިޝަނުން ލައިސަންސް ހޯދައިގެން ކަމާއި، ނަމަވެސް ގިނަ ރިސޯޓުތަކެއްގައި މި ޚިދުމަތް ލައިސަންސެއް ނެތި ދެމުންދާ ކަމުގެ ކަންބޮޑުވުން، މިބައްދަލުވުމުގައި ކޮމިޝަން މެމްބަރުން ފާޅުކުރެއްވިއެވެ. އަދި ބޭރުގެ ޓީވީ ޗެނަލްތަކުގެ ރައިޓްސް ނެތި ބައެއް ރިސޯޓުތަކުން ރީބްރޯޑްކާސްޓް ކުރަމުންދާ ކަމުގެ ޝަކުވާ ކޮމިޝަނަށް ލިބިފައިވާ ކަމަށާއި މިއީ ބައިނަލްއަޤްވާމީ ކޮޕީރައިޓްސްގެ މައްސަލައެއް ކަމުގައި ވެސް މެމްބަރުން ވިދާޅުވިއެވެ. މީގެއިތުރުން، ލައިސަންސް ނެތި ރީބްރޯޑްކާސްޓް ކުރުމުގެ ސަބަބުން ލައިސަންސް ފީގެ ގޮތުގައި ދައުލަތަށް ލިބެން ޖެހޭ އާމްދަނީ ނުލިބޭ ކަމަށާއި ގަވާއިދާ ޚިލާފަށް ރީބްރޯޑްކާސްޓް ކުރުމުގެ މައްސަލަތައް ބެލުމަށް ބަޖެޓުގެ އެހީތެރިކަމުގެ އިތުރުން ސަރުކާރުގެ ކަމާގުޅޭ އިދާރާތަކުގެ އެއްބާރުލުން ވަރަށް ބޮޑަށް ބޭނުންވާ ކަމަށް ވެސް، ކޮމިޝަން މެމްބަރުން ވަނީ ރައީސް އަށް ދަންނަވާފައެވެ.

އެކަށީގެންވާ ބަޖެޓެއް ލިބިފައިނެތުމުން، ހިންގުމަށް ގޮންޖެހުންތަކެއް ހުރުމާއެކު ވެސް، ލިބިފައިވާ ވަސީލަތްތައް ބޭނުން ކޮށްގެން ދާއިރާގެ ތަރައްޤީއަށް ކޮމިޝަނުން ކުރަމުންދާ ބައެއް މަސައްކަތްތަކުގެ ތަފްސީލު، ކޮމިޝަންގެ މެމްބަރުން ރައީސް އަށް ވަނީ ދެއްވާފައެވެ.

މިގޮތުން، ބްރޯޑްކާސްޓްކުރުމުގެ ޤާނޫނުން ދިވެހިރާއްޖޭގައި ތަޢާރަފު ކުރުމަށް ލާޒިމް ކުރާ، ކޮމިއުނިޓީ ބްރޯޑްކާސްޓިންގގެ ޚިދުމަތް، ތަޢާރަފުކު ރުމުގެ ގޮތުން ރާއްޖޭގެ އެކި ސަރަޙައްދުތަކަށް އަމާޒުކޮށްގެން ވަގުތީ ގޮތުން މި ޚިދުމަތް ދިނުމުގެ އަޖުމަ ބެލުމުގެ މަޝްރޫޢުގެ މަޢުލޫމާތާއި، ދިވެހި މީޑިއާގައި އިސްލާމީ ޝަޚުޞިއްޔަތާއި ބްރޯޑްކާސްޓްކުރުމުގެ ސުލޫކީ މިންގަނޑާއި އުސޫލުތައް ދަމަހައްޓައި ދިވެހި ނޫސްވެރީންނަކީ ޤާބިލު ބައެއް ކަމުގައި ހެދުމުގެ މަޤްޞަދުގައި ކޮމިޝަނާއި އިސްލާމިކް ޔުނިވަރސިޓީ ގުޅިގެން ކުރުމަށް ރާވާފައިވާ މަސައްކަތްތަކުގެ ތަފްސީލު މި ބައްދަލުވުމުގައި ކޮމިޝަންގެ މެމްބަރުން ދެއްވިއެވެ.

މި ބައްދަލުވުމުގައި ކޮމިޝަނުގެ ފަރާތުން ޙިއްސާކުރި ކަންބޮޑުވުންތަކަށް ދާއިމީ ޙައްލެއް ގެނެސް ދެއްވާނެކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވާފައެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!