ކަޅުވިލާ: މުހައްމަދު ޤާސިމް

(ބުދަ ދުވަހުގެ ބަޔާ ގުޅޭ)

އޭނާގެ ހިތުގެ އެއްބައިކަމުގައި ހަދައިގެން މަންމައާއި، ބައްޕައާއި ކޮއްކޮގެ ފުރާނަ ދުއްވާލުމަށްފަހު، ހޯދަން އުޅުނު އަންހެންކުއްޖާއަކީ ހޮޓާހޮޓަލުގެ ސްޓޭޖުތަކާއި، ނާސިގެތަކުގެ ކޮޓަރިތައް ފަޅުފިލުވުމުގައި ރޭތައް ކުރުކުރަމުންދާ ރަންޑިއެއްކަން އެނގުމުން އޭނާގެ ހިތް ފުޑުފުޑުވެއްޖެއެވެ. ނޫނެކެވެ. ހިތެއްނޫނެވެ. އެ ހިތުގައިވާ ހަމްދަރުދީއާއި އޯގާވެރިކަމާއި، އަސަރުކުރުމުގެ ކުޑަމިންވަރެއް ނަމަވެސް އޮތް ނަމަ އެބަޔެކެވެ.

އެ ދުވަހުގެ ފަހުން އޭނާއަކީ އަސަރުކުރުމެއް، ރަހުމެއް ހަމްދަރުދީއެއް ނެތް އަނިޔާވެރިއަކަށް ބަދަލުވެއްޖެއެވެ. ޚާއްސަކޮށް ޒުވާން އަންހެންކުދީންނަށެވެ. އާއްމުކޮށް ހުރިހައި ބަޔަކަށެވެ.

އެންމެ ފުރަތަމަ ކަމަކަށް އޭނާ ހެދީ، ބައްޕަގެ ނަމުގައި ހުރި ހުރިހައި ކާރުޚާނާތަކާއި، ބިންތައް، އަދި އެ ބޮޑުގެ ބޮޑު އަގުގައި ވިއްކާލުމެވެ. އެހައިހިސާބުން އޭނާގެ އަތްމައްޗަށް ފައިސާ އެރީކީ ވަކިވަރަކަށް ނޫނެވެ. ދެން އޮސްޓްރޭލިޔާގެ ބިޔަ ޖަންގަލީގެ އެތައް ތަނެއްގައި ދުއްވާ ބެލުމަށްފަހު، އޭނާ އެންމެ ހިތްހަމަޖެހުނު ހިސާބުގައި އެ ކިއްލާ އިމާރާތްކުރީ ހަމަ އެންމެ ކަމަކަށެވެ. ޒުވާން އަންހެންކުދިންގެ ޢިއްފަތް ފޭރުމާއި، މެރުމަށެވެ. އާއެކެވެ. އެންމެ އަންހެންކުއްޖަކު ކުރި ކުށެއްގެ ބަދަލު އެތައް ކުދިންނެއްގެ ކިބައިން ހިފުމަށެވެ.

މި ކިއްލާ އިމާރާތްކުރެވުނީ ވެސް ވަރަށް ސިއްރު ގޮތަކަށެވެ. އެކި ފަހަރު އެކި ގުރޫޕު ލައްވައެވެ. ކޮންމެ ގުރޫޕެއްގެ މަސައްކަތް ނިމުމުން ވެސް އެ މީހުންގެ އުޖޫރަޔަކަށް އޮންނަނީ މަރެވެ.

ގާތްގަނޑަކަށް ދޮޅުއަހަރެއްހައި ދުވަހުގެ ތެރޭގައި މި ކިއްލާ ވަރަށް މޮޅަށް ތައްޔާރުކޮށް ނިންމައިފިއެވެ. ހަތަރު ބަޔަކަށް ހެދިފައިވާ މި ޢިމާރާތުގައި ބިމުންމައްޗަށް ފެންނާން ހުންނަނީ ތަނުގެ ބޮޑުކަމަށް ބަލާއިރު ވަރަށް ކުޑަ ތަންކޮޅެކެވެ. ބޮޑު ބައި ހުރީ ބިމުގެ އަޑީގައެވެ.

ބިމުއަޑީގެ ބައި ނުވަތަ ބިންގަރާސް ހުރީ ތިން ބަޔަށް ބައިކުރެވިފައެވެ. އެ ތަނުން އެއްބައި ޚާއްސަކުރެވިފައި ވަނީ މިސްޓަރ ރޮބްސަނަށެވެ. މި ބަޔަށް ވަނުމުގެ ހުއްދަ ލިބިފައި ވަނީ، ރޮބްސަންގެ ޚާއްޞަ ސެކެޓްރީއަށާއި، ކެއުމުގެ ކަންތައް ބެލެހެއްޓުމަށް ހަމަޖެހިފައިވާ މުވައްޒަފަށެވެ. ބިންގަރާހުގެ އަނެއް ދެ ބައިން އެއް ބަޔަކީ ތަނުގެ އިސް މުވައްޒަފުންނަށް ޚާއްސަކުރެވިފައިވާ ބަޔެވެ. ތަނުގެ މުހިއްމު ހުރިހައި ކަމެއް އޮންނަނީ މި ބައިގައެވެ. ތިންވަނަ ބަޔަކީ ތަނަށް ގެނެވޭ އަންހެންކުދިންނާއި ތަނުގެ މުވައްޒަފުންގެ ތެރެއިން އަމުރާ ޚިލާފުވާ މީހުންނަށް އަދަބުދިނުމަށް ކަނޑައެޅިފައިވާ ބަޔެވެ. މޮޔައިންގެ ޖަލާއި، މި ފަދަ ހުރިހައި ތަނެއް ހުރީ މި ބައިގައެވެ. ބިމުން މައްޗަށް ހުރި ބައިގައި މާ ބޮޑުކަމެއް ނެތެވެ. ހަމައެކަނި ސެކިއުރިޓީއެވެ. ދެން އާދައިގެ މުވައްޒަފުންގެ ކަންތައް ހަމަޖެއްސުމަށް ތައްޔާރު ކުރެވިފައިވާ ކޮޓަރިތަކެވެ.

ބިރުވެރި ބިންގަރާސް ތައްޔާރުކޮށް ނިމުމުން، ތަނަށް މުވައްޒަފުން ހޯދީ، މުޅި އޮސްޓްރޭލިޔާގައި އަތްފުނާއަޅައިގެން ފަގީރު ނިކަމެތި ހާލުގައި އުޅޭ މީސްމީހުންނެވެ. އެ މީހުންނަށް ރަނގަޅަށް ކާން ލިބިފައި، އުނުއަންނައުނު ލިބޭގޮތްވުމުން، އުފަލުން ވަރެއްނެތެވެ. މުސާރަ ނުދިނަސް ވަރިހަމަ ކަހަލައެވެ. ރޮބްސަންގެ ކޮންމެ އަމުރަކަށް ކިޔަމަންތެރިކަމާއެކު ބޯލެނބުމަށް އެ މީހުން ތިބެނީ ތައްޔާރަށެވެ.

އޭނާގެ މުވައްޒަފުން ތިބެނީ އެކި ގުރޫޕުތަކަށް ބަހައި، ވަރަށް ރަނގަޅަށް އިންތިޒާމް ކޮށްފައެވެ. އެއް ބަޔަކީ ރޮބްސަންގެ ޝިކާރައަށް އަންހެންކުދިން ހޯދައިގެން ގެނައުމަށް ހަމަޖައްސާފައި ތިބި މީހުންނެވެ. އެ ގުރޫޕުގެ ނަން ލިސްޓް ކިޔާލުމާއެކު އަހަންނަށް ރޮވުނެވެ. އެ ލިސްޓްގައި ޖޯންގެ ނަން އޮތުމުންނެވެ. އެންމެ އަދަދު ގިނަ ލިސްޓަކީ މިއެވެ. އަނެއް ގުރޫޕަކީ ބޭނުންނެތިގެން ދޫކޮށްލެވޭ އަންހެންކުދިން މެރުމުގެ ކަންތަކާ ހަވާލުވެފައިވާ ގްރޫޕެވެ. މީގެއިތުރުން އެކިތަންތަން ބެލެހެއްޓުމަށް، އެކިއެކި ގްރޫޕްތައްހަދައި ހަވާލުކުރެވިފައިވާއިރު، ރޮބްސަންގެ ޚާއްސަ ސެކިއުރިޓީ ފޯހަކާއި، ލިޔެކިޔުންތައް ބަލަހައްޓާނޭ ގުރޫޕަކާއި މޮޔައިންގެ ޖަލު ބަލަހައްޓާނޭ ގުރޫޕަކާއި، ބޭރުތެރެއިން އެކިއެކި ޚަބަރުތައް ގެނެސްދޭނޭ ގުރޫޕަކާއި ތަންތަނުން އެއްޗެހި ވަގަށްނެގުމާއި ސްމަގުލުކުރުން ފަދަ ކަންކަމަށް ވެސް ޚާއްޞަ ގުރޫޕެއް އޮވެއެވެ. މިހެންގޮސް ދިހަވަރަކަށް ގުރޫޕަށް ބައިކުރެވިފައި ވެއެވެ. ބައެއް ގްރޫޕްތަކުގައި އަންހެނުން ވެސް ހިމެނެއެވެ.

އެ ފޮތުގައި އެ މީހުންގެ އެކިއެކި އަނިޔާތަކުގެ ޝިކާރައަށްވެ، މި ދުނިޔެއާ ވަކިވެ ގޮސްފައިވާ ނިކަމެތި އަންހެންކުދިންގެ ނަންތައް ވެސް ލިޔެފައި އޮތެވެ. އެ ކުދިންނަށް މަރުގެ އަދަބުދެވުނު ސަބަބާއި، ގޮތް ވެސް ލިޔެފައިއޮތެވެ. އޭތެރޭގައި މިސް ޝެލީގެނަން ވެސް އޮތެވެ.

އެނަން އޮއްވާ ފެނުމުން އަހަރެން ވަރަށް ދެރަވިއެވެ. އޭނާ މަރާލެވިފައި ވަނީ އެ ތަނުގައި އޮންނަ ހޫނުފެން އެއްޗަށް ގަންބާލައިގެންނެވެ. އެއީ އޭނާގެ ހިތުގައި ފޮރުވައިގެން އުޅުނު ސިއްރު އެނގުމުންނެވެ. އެލިސްޓްގެ އެންމެ ފަހަތުގައި އޮތީ އަހަރެންގެ ނަމެވެ. އަހަރެން މަރުވިކަމަށް ލިޔެފައި އޮތީ، ޖަންގަލީގެ ތެރޭގައި ހިނގި އެކްސިޑެންޓެއްގައި ޖިޕް ދަށު ވެގެންނެވެ.

ކޮންމެއަކަސް އެ އަނިޔާވެރި ކިއްލާގެ އަނިޔާވެރިކަމުން އަބަދުގެ އަބަދަށް ދުނިޔެއަށް އަރާމު ހޯދައިދިނުމުގެ އުފަލާއި ފަޚުރު ހާސިލްކުރެވުނު މީހަކަށް ވަނީ މިނިކަމެތި ރީޝާއެވެ. ރޮބްސަންގެ އަނިޔާވެރި ވަކިތަކުގެ ދަށުގައި އެތައްސަތޭކަ އަންހެންކުދިންނެއްގެ އަބުރާއި ޢިއްޒަތާއި ފުރާނަ ވަޔަށް ބުރުވަމުން  މިހައި ދުވަސްވާންދެން އެ ގެންދިޔައީ، ހަމަ އެންމެ އަންހެންކުއްޖަކު ކުރިކުށެއްގެ ބަދަލުހިފުމުގެ ގޮތުންނެވެ. ކޮންކަހަލަ އިންސާފެއް ހެއްޔެވެ؟

ފުލުހުންގެ އަތްދަށުގައި

އަނެއްކާވެސް އަހަރެންގެ އަނދިރި ޙަޔާތުން ސަފުހާއެއް އެއްލާށެވެ. އަހަރެންގެ މިއަދުގެ އެހީތެރިޔާ، ނުވަތަ ބައްޕަގެ މަގާމުގައި ހުރި މުސްކުޅި ބޭބެގެ އިޚުލާޞްތެރި އެހީތެރިކަމުގެ ސަބަބުން ހަފުތާއެއްހައި ދުވަސް ވެއަތުވެ ދިޔައިރު، އަހަރެންގެ ހަށިގަނޑަށް ވަނީ އެކަށީގެންވާ ޝިފާއެއް ލިބިފައެވެ.

އަހަރެންގެ ހަށިގަނޑަށް ފުރިހަމަ ޞިއްހަތު ލިބެމުން ދިޔަ ނަމަވެސް، ހިތުގެ ރިހުމަކަށް ޝިފާއެއް ލިބޭގޮތެއް ނުވެއެވެ. އަހަރެންގެ ހިތުގައި އަބަދާއި އަބަދު ކޮށަމުން ދަނީ މަންމައާއި  ބައްޕަގެ ހަނދާންތަކެވެ. ގާތް ރަހުމަތްތެރިންނާއި، އަމިއްލަ ފަސްގަނޑުގެ ހަނދާންތަކެވެ. ވާނީވެސް އެހެންތާއެވެ. އަހަންނަކީ ކޮން ފަދަ އަނިޔާވެރި ހަޔާތެއް ވެއަތުކުރަން ޖެހިފައިވާ މީހެއް ހެއްޔެވެ. އަނިޔާއަކަށްފަހު، އަނިޔާއެއް، ހިތްދަތިކަމަކަށްފަހު ހިތްދަތިކަމެއް ކުރިމަތިވަމުން އައިސް އަހަރެންގެ އުމުރުން 25 އަހަރު ފުރުނީ، މި ކުޑަކުޑަ ޖިފުޓިގަނޑުގެ ތެރޭގައި ވެއަތުކުރާތާ 10 ވަނައަށްވީ ދުވަހުއެވެ. އަދި މި ދުވަސް ވެގެން ދިޔައީ، އަހަރެންގެ މި އަނދިރި ހަޔާތުގައި މިއަދާހަމައަށް ހިނގައި ދިޔަ ހުރިހައި ކަމެއް ލިޔެ ނިންމާލެވުނު ދުވަހަށެވެ. އެ މުސްކުޅި ބޭބެގެ އެހީތެރިކަމުން ލިބުނު ފޮތަކާއި، ގަލަމެއްގެ އެހީގައެވެ.

އެހެން ދުވަސްދުވަހާ ޚިލާފަށް މިއަދު އަހަރެންގެ ވަފާތެރި މުސްކުޅި އެހީތެރިޔާގެ މޫނުމަތިން ފެނުނީ މާ އެހެން ކަހަލަ ގޮތެކެވެ. އަހަންނާމެދަކު މާ ބޮޑު ސަމާލުކަމެއް ނުދެއެވެ. ހެނދުނު ނިދާތެދުވެގެން، ވަރަށް އަވަސް އަވަހަށް ތައްޔާރުވެލައިގެން ބާރުބާރަށް ހިނގާފައި ނިކުމެގެން ދިޔައިރު، އަހަންނަށް އެންމެ ބޮޑު ހައިރާންކަމެއް ލިބުނީ، އެހެން ދުވަސްދުވަހު އެ މުސްކުޅި ހަށިގަނޑުގައި ހުންނަ ބަލިކަށިކަމާއި، ނިކަމެތިކަމުގެ އަސަރު ފެންނާން ނެތުމުން އެކަންޏެއްނޫނެވެ. ކޮންމެ ދުވަހަކު ބޭރަށް ދަމުން އުފަލާއެކު އަހަންނާ ކޮށްލާ ސަލާން ވެސް ކޮށްނުލުމުންނެވެ. އަދި ހިނގާބިނގާވެ އުޅުމުގައި އެހީތެރިވާ އަސާ ވެސް ބޭނުންކުރީ ހަމަ ނަމަކަށެވެ.

އަހަރެންގެ ހިތަށް އުފާވެރިކަމާއި، ނުތަނަވަސްކަމާއި، ހާސްކަމުގެ އަސަރު ވެރިވިއެވެ. ހެޔޮއެދޭ ބަފައެއް ފަދަ މީހެއްގެ ސިއްހީ ހާލަތު ރަނގަޅުވަމުން އަންނާތީ އުފާކުރީމެވެ. ނަމަވެސް އަހަންނާމެދު އެހައި ފަރުވާ ކުޑަކޮށްލުމުން ހިތް ނުތަނަވަސްވާ ގޮތްވިއެވެ. އަނެއްކާ މި ކުޑަކުޑަ ޖިފުޓިގަނޑުން އަހަންނަށް ލިބެމުން އައި އޯގާވެރިކަމާއި ހަމްދަރުދީ ގެއްލޭން އުޅެނީ ބާވައޭ ވެސް ހިތަށްއެރިއެވެ. ހަމައެއާއެކު، މި ތަނުން ފިލައިގެން ދިއުމަށް ހަވަނަ ހިއްސު އަންގަންފަށައިފިއެވެ.

އެކަމަކު މި ތަނުން ނިކުމެގެން ގޮސް ވަންނާނީ ވަކިން ކޮންތަނަކަށް ހެއްޔެވެ. އިށީންނާނޭ ގަލެއް ނުބަލައި އުދުއްސައި ގަނެގެން ނުވާނެއެވެ. އެހެންނޫނަސް އެއީ ނުހަނު އިޚްލާސްތެރި ހަމްދަރުދުގާރެކެވެ. އޭނާގެ ކިބަޔަކުން އަހަންނަކަށް ނުރައްކަލެއް ނާންނާނެއެވެ. މިއީ ހިތުޝައްކެވެ. މިއަދު އެ ބޭބެ މާ އަވަހަށް ތަނަކަށް ދާންޖެހިގެން އަވަސްއަރުވާލާފައި ދިޔައީއެވެ. އޭނާ އެނބުރި އަންނާނީ އަހަންނަށް ކާނާ ހިފައިގެންނެވެ. ވީއިރު، އެ ފަދަ ހެޔޮލަފާ މީހެއްގެ އަދި އެއަށްވުރެ އިޚްލާސްތެރި އެހީތެރިކަމަކަށް ފުރަގަސްދީ ދުވާންވީ ވަކިން ކޮންމޮޅެއް އޮވެގެން ހެއްޔެވެ؟ މި ރޮނގުން ވިސްނާލައިފައި އަހަރެން ހިތްހަމަޖައްސާލައިފީމެވެ.

އެ ދުވަހުގެ މެންދުރުވުމާ ދާދި ކައިރިވެފައި ވަނިކޮށް، ކުއްލިއަކަށް އިމަޖެންސީގައި އައިސް، އެ ފަންޖިފުޓިގަނޑުގެ ކައިރިއަށް މަޑުކޮށްލީ، ފުލުހުންގެ ޖިޕެކެވެ. އަހަންނަށް ލިބުނު ކުއްލި ސިހުމާއެކު، ހައިރާންކަމުގެ ނަޒަރަކުން އެ ޖިޕާ ދިމާއަށް ބަލައިލެވުނެވެ. އެއަށްވުރެ ބޮޑު ހައިރާންކަމެއް ލިބުނީ މިހައި ދުވަހު އިޚްލާސްތެރިކަމާއެކު އަހަންނަށް ޚިދުމަތް ކޮށްދިން މުސްކުޅި ބޭބެ، ސިފައިންގެ އިނިސްޕެކްޓަރެއްގެ ފުރިހަމަ ޔުނީފޯމުގައި، އެ ޖިޕުން ފައިބާތަން ފެނިފައެވެ. އޭނާގެ ފަހަތުން، އިތުރު ތިން ފުލުހުން ފޭބިއެވެ.

އަހަންނަށް އިނދެވުނީ، އިންތަނުން ހިރިލަން ވެސް ނޭނގިފައެވެ. އެސްފިޔަ ޖަހައިލާން ވެސް ހަނދާން ނެތިފައެވެ. ތެޅިތެޅި އޮތް ހިތަކާއެކު އެދިމާއަށް ބަލަހައްޓައިގެން އިންދާ ފުލުސް އިނިސްޕެކްޓަރ އޭނާގެ ފުރިހަމަ ޝަޚުޞިއްޔަތާއެކު ބިންގަނޑަށް ލޮޅުން އަރުވައިލާ ފަދަ ބަރު ފިޔަވަޅުތަކެއްގައި އައިސް، އަހަރެންގެ ގާތަށް ހުއްޓިއްޖެއެވެ.

ހިނިތުންވެލަން އަހަރެން މަސައްކަތް ކުރީމެވެ. އެކަމަކު އެކަމެއް ނުވިއެވެ. ތެދުވަން އުޅެ އެކަމެެއް ވެސް ނުވިއެވެ. ކުއްލިއަކަށް އަހަންނާދިމާއަށް ދިއްކޮށްލިތަން ފެނުނީ، އަހަންނަކަށް މާ އާއެއްޗެއް ނޫނެވެ. ބިޑިއަކީ އަހަރެންގެ އަތަކަށް އާއެއްޗެއް ނޫނެވެ. އެހެންނަމަވެސް އެވަގުތު ދެ ލޯ ފުރާ ކަރުނަ އަތުވެއްޖެއެވެ. ރޮވިއްޖެއެވެ.

އަހަރެންގެ އަތުގައި ބިޑި އަޅުވައިފިއެވެ. ތިން ފުލުހުން އަހަރެންގެ ފަހަތުގައި ތިބިއިރު، އެކަކުވެސް އަނގައަކުން ނުބުނެއެވެ. އަހަރެން ތަޖުރިބާކުރި، އަނދިރިހަޔާތާ ގުޅޭގޮތުން، އަހަރެން ލިޔުނު ފޮތާއެކު، ގެންގޮސް ޖިޕަށް އަރުވައިފިއެވެ. އެއާއެކު އަހަންނަށް ބާރަށް ރޮއިގަނެވުނެވެ. އެހެނަސް މިއިން ކަމަކަށް ސަމާލުކަމެއް ދިނުމެއްނެތި، ޖިޕް ދުއްވާލައިފިއެވެ. އޭގެ ހަލުވި ދުވެލީގައެވެ.

އަހަރެން އިނީ ވާނުވާ ނޭނގިފައެވެ. މިއީ އަނެއްކާ ފެންނަ ހުވަފެނެއް ބާވައެވެ؟ ފުލުހުން އަހަރެން ހައްޔަރުކުރަންވީ ކީއްވެގެން ހެއްޔެވެ؟ އަހަރެން އެ ބޭބެއަކަށް އެއްވެސް ކަމެއް އޮޅުވައެއް ނުލަމެވެ. ހުރިހައި ވާހަކައެއް ތެދުބަހުން ކިޔައިދިނީމެވެ. އޭނާ އަހަންނަށް ހަމްދަރުދީވިއެވެ. އަޅައިލިއެވެ. އެކަމަކު އެންމެފަހުން……..

ކުކުޅަށް ވެސް ކަންދީ މަސްފަލަ ކުރެއެވެ. އެންމެފަހުން ކަތިލައިލަނީއެވެ. މަސްކޮޅު ކާލައިފައި ކަށިކޮޅު އުކާލަނީއެވެ. އަހަންނަށް ވެސް މި ހެދީ އެހެން ކަންނޭނގެއެވެ. އެކަމަކު މި ފަދަ ގޮތެއް ހަދާއިރު ސަބަބެއް ވެސް އޮންނާންވާނެއެވެ. އަހަރެން ކުށެއް ނުކުރަމެވެ.

ގާތްގަނޑަކަށް ދޮޅުގަޑިއިރުގެ ދިގު ދަތުރަކަށްފަހު، ފުލުހުންގެ މަރުކަޒަށް ޖިޕު މަޑުކޮށްލައިފިއެވެ. އެއްވެސް ސުވާލެއް ކުރުމެއް ނެތެވެ. ޖިޕުން ބޭލިގޮތަށް، ގެންގޮސް ވެއްދީ ކުޑަ ގޮޅިއަކަށެވެ. އަހަރެންގެ ރުއިމާއި އާދޭސްތަކަށް ބީރުކަންފަތެއް ދެމުންނެވެ. ދެ ލޮލުން ފައިބަމުން ދިޔަ ވޭނީ ކަރުނަތަކާ ދިމާއަށް ކަނުލޮލަކުން ބަލަމުންނެވެ.

އެ ކުޑަކުޑަ ގޮޅިއަށް އަހަރެން ވެއްދުމަށްފަހު، ތަޅުލާފައި އެ މީހުން ހިނގައްޖެއެވެ. އަހަރެންގެ ހިތުގައި ސަލާމަތުން އޮތް ތަންކޮޅު ވެސް ފުނޑުފުނޑުވެގެން ދިޔަހަކަލައެވެ. މީގެ ކުރިން އަހަންނަށް އުޅެން ޖެހުނީ، ހަމައެއް ލަމައެއް، އިންސާފެއް، އަމުދުން ރަޙުމެއް ހަމްދަރުދީއެއް ވެސް ނެތް ޖަނަވާރުތަކެއް ފަދަ ބައެއްގެ ވަކިތަކުގައި ހައްޔަރުވެގެންނެވެ. ކެތްނުކުރެވޭ ފަދަ އަނިޔާތަކާ ކުރިމަތިލަމުންނެވެ. ހިތްދަތިކަމުގެ ފުން ކަނޑެއްގައި ފަތަފަތާ އޮއްވާ އަހަރެންގެ ޒުވާންކަމުން ބަޔެއް ގެއްލި، ހަޔާތުގެ އެތައް ދުވަހެއް މި ވަނީ ބޭކާރުވެފައެވެ. އެ އަނިޔާވެރި ގައިދުޚާނާއިން ސަލާމަތްވިތާ މިއަދަށް މިވީ ދިހަ ދުވަހެވެ. އަނެއްކާވެސް ހައްޔަރުވީއެވެ.

(ނުނިމޭ)

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!