ކަޅުވިލާ: މުހައްމަދު ޤާސިމް

(ހޯމަ ދުވަހުގެ ބަޔާ ގުޅޭ)

ރަޙުމެއް ހަމްދަރުދީއެއް ވެސް ނެތް ޖަނަވާރުތަކެއް ފަދަ ބައެއްގެ ވަކިތަކުގައި ހައްޔަރުވެގެންނެވެ. ކެތްނުކުރެވޭ ފަދަ އަނިޔާތަކާ ކުރިމަތިލަމުންނެވެ. ހިތްދަތިކަމުގެ ފުން ކަނޑެއްގައި ފަތަފަތާ އޮއްވާ އަހަރެންގެ ޒުވާންކަމުން ބަޔެއް ގެއްލި، ހަޔާތުގެ އެތައް ދުވަހެއް މި ވަނީ ބޭކާރުވެފައެވެ. އެ އަނިޔާވެރި ގައިދުޚާނާއިން ސަލާމަތްވިތާ މިއަދަށް މިވީ ދިހަ ދުވަހެވެ. އަނެއްކާވެސް ހައްޔަރުވީއެވެ.

މި ފަހަރު އަދުލާއި އިންސާފު އޮންނާނެކަމަށް ގަބޫލުކުރަމެވެ. ރަޙުމާއި ޙަމްދަރުދީ ލިބޭނެ ކަމަށް އުއްމީދުކުރަމެވެ. އެކަމަކު މިހެން މި ވީ ކީއްވެގެން ބާވައެވެ؟ ބަލިކަށި މުސްކުޅިއެކަމަށް ހެދިގެން އުޅެފައި، މިފަދަ ބޮޑު ކެއްސެއް އޭނާ މަށަށް މި ދިނީ ކީއްވެގެން ބާވައެވެ؟ އެއީ މުސްކުޅިއެއް ނޫނެވެ. ބަލި މީހެއް ވެސް ނޫނެވެ. ފުލުހުންގެ އިސް އޮފިސަރެކެވެ. އެކަމަކު އަހަރެންގެ ކުށަކީ ކޮބައި ހެއްޔެވެ؟

ކޮންމެ ގޮތެއްވިޔަސް އަހަރެން މި އޮތީ ހައްޔަރުކޮށްފައެވެ. ވަގުތުތައް ދިގުލަމުން ދެއެވެ. ގަޑިންގަޑިއަށް ކާންލިބުން ފިޔަވައި، އިތުރު އެއްވެސްކަމެއް ނެތެވެ. މި ގޮތުގައި ހަތަރު ދުވަސް ފާއިތުވެ ހިނގައްޖެއެވެ. ފަސްވަނައަށްވީ ދުވަހު، މެންދުރެއްހާއިރު ފުލުހުންގެ ދެ މީހަކު އައިސް، އަހަރެންގެ ދެ އަތުގައި ބިޑިއަޅުވައިގެން ގެންގޮސް، ކޮޓަރިއަކަށް ވެއްދުމަށްފަހު އެ ދެމީހުން ހިނގައްޖެއެވެ.

އެ ތަނުގެ އެއް ފަރާތުގައި ހުރި ލަކުޑި މޭޒެއްދޮށުގައި ފުރިހަމަ ޔުނީފޯމްގައި ފުލުސް އޮފިސަރަކު އިނެވެ. އަހަރެންގެ މޫނަށް ރުޅިވެރިކަމާއެކު ބަލައިލަމުން، ކުރިމަތީގައި ހުރި ގޮނޑިއަށް އިޝާރާތް ކޮށްލިއެވެ. އަހަރެން މަޑުމަޑުން ގޮސް، އެ ގޮނޑީގައި އިށީނީމެވެ. ހަތަރެސްފައި ތުރުތުރު އަޅައެވެ. އޭނާ ކަޅިޖަހާނުލައި އަހަރެންގެ މޫނަށް ބަލަން އިނެވެ. އޭނާގެ އެ ތޫނު ނަޒަރުން އަހަރެންގެ މުޅި ހަށިގަނޑު ކަފާ ކުދިކުދި ކުރަމުންދާ ކަހަލައެވެ.

“ކޮން ނަމެއް ކިޔަނީ؟” ފުލުސް އޮފިސަރުގެ އަޑު ގުގުމައިލިއެވެ. އަހަރެން ދިޔައީ ސިއްސައިގެންނެވެ.

“ރީޝާ” ފުރަތަމަ އަޑެއް ނުނިކުތެވެ. ނަން ބުނެވުނީ ތިން ހަތަރު ފަހަރު އުޅެގެންނެވެ.

“ކޮން ގައުމެއް؟”

“އިންޑިޔާ” ދިވެހިރާއްޖެއޭ ބުނާކަށް އަހަރެން ބޭނުމެއް ނުވިއެވެ.

އަހަރެންގެ އުމުރު އޮޅުންފިލުވުމަށްފަހު، އޭނާ ދެން ކޮށްލި ސުވާލުން އަހަރެން ގަނޑުކޮށްލައިފިއެވެ.

“ކަލޭގެ ޕާސްޕޯޓް ކޮބައި؟” އަހަރެން ދޭނީ ކޮންޖަވާބެއް ހެއްޔެވެ؟ އިސްދަށަށް ޖަހާލުން ފިޔަވައި، ކުރެވުނު އެއްކަމެއް ވެސް ނެތެވެ. އޮފިސަރު ފުންމައިގެން ތެދުވެއްޖެއެވެ. ކުޅަނދުރެއްހެން ވެގެންނެވެ. އޭނާގެ އަތުގައިއޮތް ގާތްގަނޑަކަށް ދެފޫޓެއްހައި ދިގު ދަނޑިބުރިން އަހަރެންގެ ކޮނޑުމަތީގައި ޖަހައިފިއެވެ. މާ ބާރަށް ނޫން ނަމަވެސް ފުދޭވަރެއްގެ ބާރު އެތިފަހަރެކެެވެ. ވަރަށް ތަދުވިއެވެ. “ކީއްވެ؟ އަނގައިން ނުބުނީ؟”

އަހަންނަށް ރޮވިއްޖެ އެވެ.

“ކަލޭ ތިޔައީ މި ގައުމަށް ވަގަށް އައިސް އުޅޭ މީހެއްކަން އަހަރުމެންނަށް މާކުރިން ވެސް އެނގޭ” އޮފިސަރުގެ ބާރުއަޑުން މުޅި ކޮޓަރިއަށް ގުޑުން އަރައިގެން ދިޔައެވެ.

“ދޮގު ނުހަދާ ކަލޭ މި ގައުމަށް އައި ގޮތާއި ބޭނުން ކިޔައިދީ!” އޮފިސަރު ގޮނޑީގައި އިށީނދެއްޖެއެވެ.

އަހަރެން ކަރުނަ ފުހެލުމަށްފަހު، އޮފިސަރުގެ މޫނަށް ބަލައިލީމެވެ. އެއަށްފަހު އަހަރެންގެ މާޒީގެ ހިތި ސަފުހާތައް ތަފުސީލުކޮށް އޭނާއަށް ކިޔައިދީފީމެވެ. ނުބުނެ ބޭއްވީ ހަމަ އެންމެ ކަމެކެވެ. އަހަރެންގެ އުފަން ގައުމުގެ ނަމެވެ. އަހަރެން އެ ހުރިހާ ވާހަކައެއް ކިޔައިދީ ނިންމާލުމާއެކު، އޭނާ ފެށީ ހޭށެވެ. މަލާމާތުގެ ނުބައި ފާޑަކަށެވެ.

“ކަލެއަކީ އެހެންވިއްޔާ ހާދަ ކުޅަދާނަ އަންހެނެކޭ ދޯ! އެކަމަކު ބުނަން؟ ކުޑަކުދިން ގާތު ދައްކާ ކަހަލަ ވާހަކަ ދައްކައިގެން އަހަރެމެންގެ ސިކުނޑިއާ ކުޅެވޭނޭކަމަށް ހީނުކުރައްޗޭ! ތެދު ބަހުން ވާހަކަ ނުދައްކައިފި ނަމަ، ކަލޭގެ އަދަބު ވަރަށް ބޮޑުވާނެ. ދޮގުހަދައިގެން ސަލާމަތްވެވިދާނޭކަމަށް ފަހަރެއްގައި ވެސް ހީނުކުރާތި!”

އަހަރެންގެ ކިބައިން އޮފިސަރު ބޭނުންވާ ފަދަ ޖަވާބެއް ނުލިބުމުން އޭނާގެ ރުޅިގަނޑު އައްޑިހައަށް އަރައިފިއެވެ.

“ތިޔަ ގޮތުގައި ހިފަހައްޓާން ކަލޭ މަސައްކަތްކޮށްފި ނަމަ އަދަބު ވަރަށް ބޮޑުވާނެ” އޭ ބުނުމާއެކު ފުންމައިގެން ތެދުވެ، އަހަރެންގެ ކަންކަށިމައްޗަށް ދަނޑިބުރީގެ ދީލަތި ފިރުމުމުގެ އިޚްލާޞްތެރި އަދާއަކުން އިނާމެއް ރައްދުކޮށްލަދީފިއެވެ. ވީ ތަދެއްގެ ބޮޑުކަމުން، މޫނުމައްޗަށް އަނދިރިވިއެވެ. ބާރަށް ރޮއިގަނެވުނެވެ. ދެންވީ ގޮތެއް ނޭނގުނެވެ. ތަންދޮރު ވަކިވާވަރު ވީއިރު، އޮތީ ހަތަރެސްފައިގައި ޗޭނުބިޑި އަޅުވާފައި، ކުރިން އޮތް ކުޑަ ގޮޅީގެ، އެއްކަނަކަށް ޖަހާފައެވެ. އޭރު މުޅިގައިގައި ރިހެއެވެ. ކީއްވެގެން ކަމެއް ނޭނގެއެވެ. މޫނުގެ އެއްފަޅި ވަނީ ދުޅަވެ އަރާފައެވެ. އަޅައި ވޭނެއްގެ ބޮޑުކަމުން، އަހަންނަށް ރޮވިއްޖެއެވެ.

ކުޑަ އިރުކޮޅަކުން އެއްކަލަ ބިޔަ އޮފިސަރު އަތުވެއްޖެއެވެ. ސުވާލަކީ ހަމަ ކުރީގެ ސުވާލެވެ. އަހަރެންގެ “ހަގީގަތް” ކިޔައިދޭންވީއެވެ. އިތުރަށް ކިޔައިދޭނެ އެއްޗެއް ނެތްކަމަށް ބުނުމާއެކު، އަނެއްކާވެސް އަނިޔާއެވެ. ހަތަރެސްފައިގައި އަޅުވާފައިވާ ބިޑި ނައްޓުވާލުމަށްފަހު ގޮނޑިއެއްގައި ބައިންދާފައި ގޮނޑިއާއެކު ހަތަރެސްފައި ބަނދެފިއެވެ. އެއަށްފަހު އެ ގޮނޑިއާއެކު އިދިފުށަށް ވައްޓައިލީއެވެ. މި ކަން ކުރީ، އޮފިސަރުގެ އަމުރަށް އެހެން ދެ މީހެކެވެ.

އެ ދެ މީހަކު ދެ އެއްތެޔޮގަނޑު ހިފައިގެން އައިސް އަހަރެންގެ ދެފައިގެ ދަށްފުށުގައި ތަޅަން ފަށައިފިއެވެ. ޖަހައިލާކޮންމެ ފަހަރަކު، ހޭކަނޑައިގެން ދާވަރުވެއެވެ. ގިނަ އިރުތަކެއް ނުވެ ދެ ފައި ފަޅައިގެންގޮސް، ލޭ އޮހޭން ފަށައިފިއެވެ. އެ ކަން އެނގުނީ، ތަޅަމުން ގެންދިޔަ ދެ އެއްތެޔޮގަނޑު ރަތް ކުލައަށް ބަދަލުވާން ފެށުމުންނެވެ. މި ދުވަސް ނުދައްކަވާ މަރުވި ނަމަ ކޮން ފަދަ ހެއްޔެވެ؟

މި ރަޙުމެއްނެތް އަނިޔާވެރި މަންޒަރު ދެކެން އޮފިސަރު ވެސް ހަމަ ދާދިގާތުގައި ހުއްޓެވެ. އޭނާ ހުއްޓާލަން ނާންގާތީ، އެ މީހުންގެ ތެޅުމަކަށް ބަދަލެއް ނާދެއެވެ. އަހަންނަށް ކުރެވުނީ ހަމަ އެންމެ ކަމެކެވެ. ރުއިމެވެ. ގިސްލެވިއްޖެއެވެ. އަރުބެދިއްޖެއެވެ. އެހައި ހިސާބުން އޮފިސަރުގެ އެންގުމަށް ތެޅުން ހުއްޓާލައިފިއެވެ. އެއިރު، އަހަންނަށް އަނިޔާދިން ދެ މީހުންގެ ލޮލުން ވެސް ވަނީ ކަރުނަ ހިލިފައެވެ. ތެޅުން ހުއްޓާލައިފައި، އެ ދެމީހުން ނިކުމެގެން ދިޔައީ ދެ ލޯ ފޮހެމުންނެވެ.

އަނެއްކާވެސް އެއްކަލަ ސުވާލު ކުރިމަތިވެއްޖެއެވެ. އަހަރެން އެ ހާލުގައި އޮއްވައެވެ. މަރާލިޔަސް ދޮގު ނުހެދުމަށް އަހަރެން އަޒުމުކަނޑައެޅީމެވެ. އަހަރެންގެ އަތުގެ އިނގިލިތަކުގެ މައްޗަށް އޮފިސަރުގެ ބަރު ބޫޓުން އަރައި އޮބާލުމާއެކު، އިނގިލިތައް ފިސްފިސްވެގެން ދިޔަހެން ހީވިއެވެ. ވީތަދުން ހަޅޭއްލަވައި ގަނެވުމާއެކު، އަނގަމައްޗަށް އެތިފަހަރެއް އަރުވާލައިފިއެވެ. ހޯސްލާފައި އަނގައިން ލޭތައް ފައިބައިގަތެވެ. އެ ނިކަމެތި ހާލަށް އަހަރެން ދޫކޮށްފައި، އޭނާ ނިކުމެގެން އެ ދިޔައީ ގޮޅިތަޅުލާފައެވެ.

މިއަދު އަހަންނަށް ލިބެމުން މިދަނީ އަހަރެންގެ ހަށިގަނޑާއި، ލެއިން ގުރުބާންވެގެން އެ ތަނެއްގެ އަނިޔާވެރިކަމާއި، ބިރުވެރިކަމުން ދުނިޔެއަށް ސަލާމަތްކަން ހޯދައިދިން އަނިޔާވެރި ކިއްލާގައި ހިންގާ، އިންސާފެއް ނެތް ޝައިތާނީ އަމަލުތަކުގެ ބައިވެރިއެއްކަމަށް ކުރެވޭ ތުހުމަތެއްގައި ލިބެމުންދާ އަނިޔާއެވެ. ކަން ހިނގައިދިޔަ ގޮތާއި އަހަރެން ކުރި ހިތްވަރުގެ ވާހަކަ ފުލުހުންގެ ކުރިމަތީގައި ވެގެންދިޔައީ، ގަބޫލުކުރަން ދަތި، އަދި އެއަށްވުރެ ހެއްވާ ވާހަކައަކަށެވެ. އެ މީހުން ބޭނުންވަނީ، އަހަންނަކީ ރޮބްސަންގެ އެ ނާއިންސާފު އަމަލުތަކުގެ ބައިވެރިއެއްކަމަށް އަހަރެން ލައްވާ ބުނުވާށެވެ. އެކަމަކު އަހަރެން ކެތްކުރާނަމެވެ. ފުރާނައިން އަތްދޮވެލަން ޖެހުނަސް އެ ފަދަ ނުބައި އިލްޒާމެއް ބޮލަކު ނާޅާނަމެވެ. އެތައް ބައިވަރު ފުރާނައެއް އަހަންނަށް ލިބިފައި، ފަހަރަކު ފުރާނައެއް ވަކިވަމުން ގޮސް، ހުރިހައި ފުރާނަ ހުސްވި ނަމަވެސް އަހަރެންގެ ދުލުން މި ނޫން ބަހެއް ބޭރެއް ނުކުރާނަމެވެ. ފެންގަނޑެއްގެ ކައިރިއަށް ގެންދެވިދާނެއެވެ. އެކަމަކު ގަދަކަމުން ފެން ބޯންދޭނީ ކިހިނެއް ހެއްޔެވެ؟ އަނިޔާ ކުރެވިދާނެއެވެ. އެކަމަކު ދުލުން ބޭރުކުރަންޖެހޭ ބަހެއް، ގަދަކަމުން ބޭރެއް ނުކުރެވޭނެއެވެ.

ރޮބްސަންގެ އަނިޔާވެރި އަމަލުތަކުގެ ޚަބަރު ފުލުހުންނަށް ލިބުނީ، މީގެ ދެ މަހެއްހައި ދުވަސް ކުރިންނެވެ. ޚަބަރު ލިބުމާއެކު، ޖަންގަލީގެ އެތަން މިތަނުގައި ސިއްރު ފުލުހުން ފޯރިމަރަމުން ގެންދިޔައެވެ. އޭގެތެރެއިން އެކަކީ، އަހަންނާ ބައްދަލުވި ފުލުސް އިނިސްޕެކްޓަ މިސްޓަރ ރިޗަރޑެވެ. އޭނާއަށް އަހަރެން ދެއްކި ވާހަކަ ގަބޫލު ނުކުރެވުނީއެވެ. ނަތީޖާއެއްގެ ގޮތުން އެ މީހުންގެ ބައިވެރިއެއްގެ “ލަޤަބު” ލިބި މި އަނިޔާއާ ކުރިމަތިލާން ޖެހުނީއެވެ.

ކޮންމެއަކަސް މާޟީވެގެންދާ ކޮންމެ ދުވަހަކީ، އެތައް އަނިޔާތަކަކާއި އަދަބުތަކަކަށް ކެތްނުކުރެވޭ ހާލުގައި ވެސް ކެތްކުރަން މަޖުބޫރުކުރުވަމުން ވަކިވެގެންދާ ދުވަހަކަށް ވެއްޖެއެވެ. ރޮއި ހޭރެމުން، ފަށްފަށުން އާދޭސްކުރަމުން އަހަރެން ދައްކާ ތެދު ވާހަކަތަކަށް ފުލުހުން ދެމުން ދިޔައީ ބީރުކަންފަތެކެވެ.

ފުލުހުންގެ ފަރާތުން ލިބެމުން ދިޔަ ކެތްކުރަން ދަތި އަނިޔާތަކުގެ ސަބަބުން، އަހަރެންގެ ހަށިގަނޑަށް ލިބެމުން ދިޔައީ، ވަރަށްވެސް ބޮޑެތި ގެއްލުންތަކެކެވެ. ހަށިގަނޑު ނިކަމެތިވުމުގެ އިތުރުން، އެކިއެކި ގުނަވަންތަކަށް ވެސް ބޮޑެތި ގެއްލުންތައް ލިބޭން ފަށައިފިއެވެ. އެހެންނަމަވެސް އަހަރެންގެ ބަހުގައި އަހަރެން ހިފެހެއްޓީ، ވަރަށް ހަރުދަނާ ގޮތެއްގައެވެ. އެއަށް ބަދަލެއް ނުގެނައުމަކީ އަހަރެންގެ އެންމެ ބޮޑު އެއް އަޒުމެވެ. ހިތާމައަކީ ލޮލުނާރު ކެނޑެންދެން، ކުރި މަސައްކަތުން، އުފަލެއް ނުލިބުނުތާނގައި، އިތުރު އަނިޔާތަކެއް ލިބެމުން ދިޔުމެވެ.

ޖަލުގެ ގަދަފަދަ އަނިޔާތަކުގެ ޝިކާރައަކަށްވެގެން އޮންނަތާ މަސް ދުވަސް ވީފަހުން، އެއް ދުވަހަކު އޯޑަރު އައީ، އަހަރެން މި ދައްކާ ވާހަކަތަކުގެ ފުރިހަމަ ހެއްކެއް ދައްކައިފި ނަމަ މިނިވަން ވެދާނޭކަމަށެވެ. އެކަމާ އަހަރެން އެއްބަސްވީމެވެ. ކިތަންމެ ފުރިހަމަ ހެތްކެއް ވެސް އަހަންނަށް ދެއްކިދާނެއެވެ. ނަމަވެސް ހިތާމައަކީ މިހާރު އަހަންނަށް ހިނގާ ބިނގާވެ ނޫޅެވޭކަމެވެ. ޖިޕާ ހަމައަށް ވެސް ދެވުނީ ގޮނޑިއެއްގައި އިނދެގެންނެވެ.

އޮސްޓްރޭލިޔާގެ ބިޔަ ޖަންގަލީގެ ފުޅާ މަގުތަކާއި، ހަނިއުނދަގޫ އަޑިގުޑަން މަގުތަކުގައި، ފުލުހުންގެ ޖިޕުގައި ކުރަމުންދިޔަ ދިގު ދަތުރުތަކުގެ އާރުކާޓީއަކަށް މި އިނީ، މި ނިކަމެތި ރީޝާ ނޫން ދެވަނަ މީހެއް ނޫނެވެ. މިއީ އަހަރެން ކަހަލަ ނިކަމެއްޗަކަށް ލިބުނު ކުޑަ ޝަރަފެއްހެއްޔެވެ؟

އަހަރެން ދައްކާ މަގުތަކުން،  ފުލުހުންގެ ޖިޕް ކުރިއަށް ދެއެވެ. ބައެއް ފަހަރު ހަލުވި ދުވެލީގައެވެ. ބައެއް ފަހަރު ދަތި އުނދަގުލާއެކުގައެވެ. ތެދުތެދަށް ބުނާ ނަމަ އަހަންނަށް މަގު ކިޔައިދޭން އެނގުނީ ވަކިހިސާބަކަށެވެ. މުޅީން އޮޅިއްޖެއެވެ. ނަމަވެސް އަހަރެންގެ ގާތުގައި ތިބި ޝަޚުޞިއްޔަތު ފުޅާ ފުލުހުންނަކަށް ވީކަމެއް ނާންގަމެވެ. ލަފާކުރެވޭ މަގުތައް ދައްކަމުން، ކުރިއަށް ދިޔައީއެވެ.

މިގޮތަށް ވެސް އެތައް މަގަކުން ދަތުރުކުރެވިއްޖެއެވެ. ފަރުބަދަތަކާއި، ވާދީތައް ކައިރިން ވެސް އެތައް ދަތުރެއް ކުރެވިއްޖެއެވެ. ނަމަވެސް ފާހަގަކުރެވޭ ކަހަލަ އެއްވެސް ނިޝާނެއް ނުފެނުނެވެ. ބައެއް ފަހަރަށް އެއް މަގެއްގައި ތިން ހަތަރުބުރު ޖެހޭކަން ވެސް ފާހަގަކުރެވެން ފަށައިފިއެވެ. މިކަން ފުލުހުންނަށް ވެސް އެނގޭނޭކަން ކަށަވަރެވެ. ނަމަވެސް އެ މީހުން އަދިވެސް އަހަންނަށް ފުރުސަތު ދީފައި ހަނުތިބީއެވެ.

ތިން ގަޑިއެއްހައި އިރަށްވުރެ ވެސް ގިނައިރު ދުއްވިއްޖެއެވެ. ދަތުރުގެ މަންޒިލަށް ވާސިލްނުވެވުނުތާނގައި، އެ ތަނުގެ އަސަރެއް ވެސް ނުފެނުނެވެ. އަދި ކީއްހެއްޔެވެ. އަބަދު އެއް މަގުތަކެއްގައި ދުއްވުން ފިޔަވައި އެހެންކަމެއް ނުވިއެވެ.

ނަތީޖާ ވަރަށް ހިތިވާނޭކަމަށް ހީކޮށް ބިރުން އިނދެ އަދިވެސް ހީވާހައި މަގެއް ދައްކަމުން ގެންދިޔައީމެވެ. އޭރު އަހަރެންގެ ހިތް އޮތީ، ބިރުވެރިކަމުގެ ފުން ކަނޑަކަށް ރަނގަޅަށް ފެތި ޣަރަޤުވުމުގެ މަގުމަތީގައެވެ.

(ނުނިމޭ)

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!