ކުށް ހީ

(ފަނަރަވަނަ ބައި)

އަހަރެން ޒިޔާންއަށް ހެދި ދޮގެއްވިއްޔާ ހަދާފައި އޮންނާނީ އޭނާގެ މުސްތަޤުބަލަށްޓަކައެވެ. ސިދާދާފަދަ ނުބައި މަކަރުވެރިއެއްގެ ދަލުގައި ޒިޔާން ޖެހެން ބޭނުންނުވާތީއެވެ. ޒިޔާންއަށް އެކަން ވިސްނައިދޭނީ ކިހިނެއް ހެއްޔެވެ. އެ ސިދާދާއަކީ އަހަރެންގެ ނީނާކަން ޒިޔާންއަށް އެގިއްޖެނަމަ އޭނާއަށް މިވަގުތު ލިބޭނީ އިތުރު ހިތާމައެކެވެ. ރީޝާ އާއި ޒިޔާންގެ ކައިވެނި ކުރެވުމާ ހަމައަށް އަހަރެންނަށް ޖެހޭނީ އެކަން ސިއްރުކުރާށެވެ. އެ ދެމީހުންނަށް އެކީގައި އުފާވެރި ދިރިއުޅުމެއް އުޅޭތަން ފެނުމުން އަހަރެންގެ ހިތަށްވެސް ހަމަޖެހުން ލިބޭނެއެވެ.

” ޖަވާބު ލިބިއްޖެ.. އަހަރެންގެ ހިތެއް ދުވަހަކުވެސް ނިޔާއަކަށް ހެވެއް ނުވާނެ.” ޒިޔާންގެ އެޖުމްލަތަށް އަހަރެންގެ ހިޔާލުތަށް ފުޑުފުޑުކޮއްލިއެވެ.

“ތިހެން ނުބުނޭ ..އަހަރެން އެކަން ކުރީ ޒިޔާންއަށް ރަގަނޅަކަށް.މިއަދު އަހަރެން އުފާކުރަން ޒިޔާންއަށް ރަގަނޅު އާއިލާއެއްގެ ރަގަނޅު ކުއްޖަކާ ކައިވެނިކުރަން ލިބުނީތީ..” އަހަރެން ޒިޔާންގެ އެއްވެސް އުފަލަކަށް ހުރަސް ނާޅާނެކަން ވިސްނާދެމުން ވާހަކަ ދެއްކީމެވެ.

އަހަރެންގެ ވާހަކަ އަޑު އަހަން ބޭނުންނުވެ ހުރެ ބޯހޫރާލާފައި ޒިޔާން އެތަނުން ދިއުމަށް ހިގައިގަތެވެ. އަހަރެން އޭނަ ހުއްޓުވުމަކަށް އެއްވެސް މަސައްކަތެއް ނުކުރަމެވެ. ހުއްޓުވައިގެން އިތުރަށް ދައްކާނީ ކޮން ވާހަކައެއް ހެއްޔެވެ. ޒިޔާން ހުރީ އަހަރެންގެ ވާހަކަތަށް ޤަބޫލުކުރަން ކީއްކުރަން އަޑުއަހަންވެސް ބެނުންނުވެފައެވެ. ފިރިހެނުން ވާ ވައްދާލަން އަންހެނުންމޮޅު ވާހަކަ އަޑުއަހަމެވެ. އެކަމަކު އަހަރެންގެ ހަޔާތުގައި އައި ދެ އަންހެނުންނަކީ ވެސް އެކަމަށް ހުށިޔާރު މޮޅު ދެމިހުނެވެ. އަހަރެން ހައިރާންވަނީ ރީޝާ ގެ ވާހަކަތަކުން ޒިޔާންއަށް އެހާ ބޮޑު ބަދަލެއް ގެނުވީތީއެވެ. ރީޝާ އެވާހަކަ ދެއްކުމުން އޭގެ ތެދު ދޮގު ބަލާލުމަށް އަހަރެންގާތު އެންމެ ފަހަރަކު އަހާލަންވެސް ޒިޔާން ހިތަށް ނޭރީތީއެވެ.

ފޯނު ވައިބްރޭޓްވާހެން ހީވެ ޖީބުގައި އަތްޖައްސާލީމެވެ. ނަމާދަށް އަރަމުން ސައިލެންޓް ކުރިގޮތަށް އަދިވެސް އޮތީ ރިންގަށް ނުލެވިއެވެ. ފޯނު ނަގާ ފޯނަށް ޖަވާބުދިނީމެވެ. ރިސޯރޓަށް ދެވޭނެ ގޮތް ހަމަޖެހުނީއެވެ. ގުޅީ ރިސޯރޓުގެ ލޯންޗުގައި އުޅޭ ކުރޫއެކެވެ. އަހަރެން ރޭގައި ދާންބެނުންވާ ވާހަކަ އޭނަގާތު ބުނެފައި އޮތީތީ އެއާރޕޯޓަށް ދަމުން އަހަރެން ނަގަން ރަށާ ކައިރިކުރަނީއެވެ. 10 ވަރަކަށް މިނެޓް ތެރޭ ތައްޔާރުވެލައިގެން ނިކުންނަށް ބުނުމުން އަވަސްވެ ގަތީ ގެއަށް ވަދެ ދަބަސް ހިފައިގެން ބަދަރަށް ދިއުމަށެވެ. މިވަގުތު އެންމެ ރަގަނޅުވާނީ މިރަށުން އަހަރެން ދިޔައްޔާއެވެ. ޒިޔާން އާއި ރީޝާގެ ކައިވެނި މާދަމާ ރޭ ކުރެވޭއިރު އަހަރެންގެ ސަބަބުން އެދެމީހުނަށް އެއްވެސް ނުތަނަވަސްކަމެއް ކުރިމަތިވާކަން އަހަރެން ނޭދެމެވެ. ފަހަރުގައި ކައިވެންޏަށްފަހު ހުރިހާ ކަމެއް ހަމައަކަށްއެޅި ޒިޔާންގެ ރުޅި މަޑުވެދާނެއެވެ.

އެދެމީހުންގެ ހަޔާތް ބާއްޖަވެރިވެތޯ ދުއާކުރަމުން ރަށުން ފުރައިގެންދިޔައީ ހިތަށް ހަމަޖެހުމެއް ލިބޭނެ ކަމަށެވެ. އެކަމަކު ހުރިހާކަމެއް ތަފާތެވެ. ގަޔާވެގެން މަސައްކަތެއް ނުކުރެވެއެވެ. ފަރުވާކުޑަވާކަން އަމިއްލައަށްވެސް ފާހަގަކުރެވެއެވެ. ކެއިން ބުއިމާ ދުރުވެ އެކަނިވެރިކަން އެންމެ ގާތް އެކުވެރިޔާގެ ގޮތުގައި އިޙުތިޔާރު ކުރެވުނެވެ. ކިތަންމެ ވިސްނަން ބޭނުން ނުވިޔަސް މިއަދު ކުރެވޭހާވެސް ކަމަކީ އަމިއްލަ ނަފަސުކުއްވެރިކޮށް ލިބިފައިވާ ދިރިއުޅުގެ ނިކަމެތިކަމަށްޓަކައި ތަޤުދީރުވެސް ކުއްވެރިކުރުމެވެ.

 އިސާހިތަކު މީހާގެ އުޅުމަށް ނުބައި އެތަށް ބަދަލުތަކެއް އަންނަންފަށައިފިއެވެ. ރަޙުމަތެރިއެއްގެ އެހީތެރިކަމަށް އެދި އެދި ހުއްޓާ އެހުށައެޅުން ލިބުނެވެ. އެކަމަކު އެމީހުންނާއެކު މުޅިންވެސް ހިތްހަމަޖެހުން ހޯދެނީ މުންކަރާތްތަކާއި ނުބައި އަމަލުތަކުންނެވެ. ހަމަހޭވެރިކަންވެސް ބައެއް ފަހަރަށް ނުހުރެއެވެ. އެކަމަކު ހަމަ ވިސްނުންލިބޭ ކޮންމެ ފަހަރަކު މިއީ ގޯހެކޭ އިހުސާސްވެ ދެން ނުކުރުމަށް އަޒުމު ކަނޑައަޅަމެވެ. އެކަމަކުވެސް ކުޑަދުވަސްކޮޅެއްގެ ތެރޭގައި ދުރަށް ނުދެވެ ވަރަށް އެއަމަލުތަކަށް ދެވި ހިފައިފިއެވެ.

ރޭގަނޑު އެއްކޮށް ކަހަލަ ގޮތަކަށް ޕާރޓީ ކުރުމާއި މަޖަލުގައި އަމަލުވެގެން އުޅެވެއެވެ. ދުވާލު މަސައްކަތަށް ނުދެވި ވަރުބަލިކަމާއެކު ނިދުން ނޫންކަމެއް ނުކުރެވެއެވެ. ދުނިޔެއިން ލިބެންހުރި ހުރިހާ އުފަލެއް އަހަރެންނާއެކު ވާހެން ހީވެއެވެ. އުފަލާ މަޖަލާ ސަކަރާތެވެ. ދިރިއުޅުމުގައި މަދުވި އިޝްޤީ ލޯބީގެ އަސަރުވެސް އެކި ރަހަރހައިގައި ލިބެމުންދިޔައެވެ. އެހެން ނަމަވެސް ހިތަށް ހަމަޖެހުމެއް ކުޑަކޮށްވެސް ނުލިބެއެވެ. ހުރިހާ ވިސްނުމަކާ ދުރުކޮއްލާ ފަދަ މި ވަބާގައި ރަގަނޅަށް އަހަރެން ޖެހިއްޖެއެވެ.

އެއްދުވަހެއްގެ މެންދުރެވެ. އަހަރެންނަށް ހޭވެރިކަން ވީއިރު އޮތީ ހޮސްޕިޓަލުގައެވެ. ކައިރީގައި ދަންނަ އެކަކުވެސް ނެތެވެ. ފުލުހުންގެ ޔުނީފޯރމްގައި ތިބި ދެމީހަކު ތިއްބެވެ. އަހަރެންގެ ލޮލުން ކަރުނަ ފާއްދާލިއެވެ. އޮވެވުނު ހާލަތާއި މުސްތަޤުބަލުވެސް ލޮލުގެ ކުރިމަތީގައި ކުރެހިގެންދިއެވެ. ކޮންމެ ސަބަބަކާހެދިވިޔަސް ގޯހެއް ހަދައިފިނަމަ އޭގެ ހިތިރަހަ ލާނެކަން ޔަޤީނެވެ. އަހަރެން ފާއިތުވި އަހަރެއްހާދުވަހު ކުރަމުންދިޔަ ނުބައި އަމަލުތަކަށް އޭގެ އަދަބު ލިބޭނެދުވަސްޖެހުނީއެވެ. އަހަރެންނާ އެކު ރިސޯރޓުގައި އުޅުނު އެންމެންކަހަލަ ގޮތަކަށް ހައްޔަރު ކުރެވިއްޖެއެވެ.

އަހަރެން ކިތަންމެ ދެރަވިޔަސް މިއީވެސް ކުރިމަތިވި ދުވަހެއްކަމަށްބަލާ ޖަލުގެ ތޭރިތަކުގެ ތެރޭގައި ދުވަސްތަށް ގުނަންފެށީމެވެ. އެހެން ނަމަވެސް މިއީ ވޭނެއްކަން އަދި ލިބޭ ވަރަށް ބޮޑު އެކަނި ވެރިކަމެއްކަން އިހުސާސްވާންފެށީ ދެ ދުވަހެއް ފަހުންނެވެ. އެހެން ނަމަވެސް މިއީ އިސްލާހުވުމަށް ލިބުނު ފުރުސަތެއް ކަމަށްބަލާ އެކަމުން ސަލާމަތްވުމަށް ގަދަ އަޅާ މަސައްކަތް ފެށީމެވެ. ޖަލުގައި ހޭދަކުރަން ޖެހުނު ފުރަތަމަ ދުވަސްތަށް ވެގެންދިޔައީ ތަދާއި ވޭނުން ފުރިގެންވާ ދުވަސްތަކަކަށެވެ. ހަށިގަނޑަށް ބޭނުންވާ ބޭހެއް ނުލިބިގެން ވޭން އަޅާހެން މުޅި މީހާގެ ހަށިގަޑުގެ އެތެރޭގެ ގުނަވަންތަށް ހީވަނީ ކުދިކުދި ވާހެނެވެ. ރޭގަނޑު ނުނިދި ތެޅި ފޮޅިފޮޅި މީހާ މަރުވެދާނެއޭ ހީވެއެވެ. އެވަގަތު އެންމެ ބޮޑަށް އިޙުސާސްވަމުން ދިޔައީ މަންމަގެ ނަސޭހަތްތަކުގައި ނުހިފުނީތީ އެކަމުގެ ހިތާމައެވެ. އަބަދުވެސް މަންމަ ދޭ ނަސޭހަތެއް ކަންފަތުގައި ގުގުމަން ފެށިއެވެ. ކޮންމެ ކަމެއްގައި މަގު އޮޅުނަސް ނޫނީ ވޭނެއް ތަހައްމަލުކުރަން ޖެހުނަސް ހެއްދެވިފަރާތް ހަނދުމަކުރުމަށް މަންމަބުނާ ކަން ހަނދާންވީ އެހިސާބުންނެވެ. އަހަރެން އެހުރިހާ ކަމަކަށް ކެއްކޮށް ދީނީ ކަންކަމުގައި މަޝްއޫލުވުމަށް މަސައްކަތްކުރީމެވެ. ނަމާދާއި ޤުރުއާނުން ހިތްވަރު  ހޯދައިގެން އެގޮތުގައި ސާބިތު ވެ ހުންނަން ކިތަންމެ އުދަނގޫވިޔަސް ﷲގެ ހަޞުރަތުން ވާގިއަށްއެދި ދުއާކޮއްލަ ކޮއްލާ ހުރީމެވެ. އިރާދަކުރެއްވިއްޔާ މާގިނަ ދުވަސްތަކެއްނުވެ އަހަރެންގެ ދުޢާ އިޖާބަކޮށްދެއްވިއެވެ. އަހަރެންގެ ހަށިގަނޑާއި ހިތަށް ހަމަޖެހުން ލިބުނެވެ. ކޮންމެ ތަނެއްގައި ދިރިއުޅެން ޖެހިފައި އޮތަސް މަޑު މަޑުން ދިރިއުޅުމަށް އުފާވެރިކަން ވެރިކުރުވިއެވެ. ޖަލުގައި 6 ވަރަކަށް މަސް ހޭދަކުރުމަށްފަހު އަހަރެން އެކަމުން ސަލާމަތްވުމަށް އެދުނު އެދުމުގެ މަތިން ރިހެބް އަށް ބަދަލުކުރެވުނެވެ.

ރިހެބް އަށް ބަދލުކުރެވުނު ދުވަހު އަހަރެންނަށް ލިބުނު އެންމެ ބޮޑު ހިތްހަމަޖެހުމަކީ ޒިޔާންއާއި ރީޝާ އާއި ބައްދަލުކޮއްލަން ލިބުމެވެ. އަހަރެންނަށްޓަކައި އެމީހުން އަދިވެސް ތިބިކަން އިޙުސާސްވުމުން ހިތަށް ލިބުނީ ބުނަންވެސް ނޭނގޭކަހަލަ ހިތްހަމަޖެހުމެކެވެ.މިކަމާއި އަހަރެން ކުރިމަތިލާން ޖެހުނު ހިސާބުން ފެށިގެންވެސް އަހަރެން ސަލާމަތްކުރުމަށް އެކި ގޮތްގޮތުން ޒިޔާން އާއި އޭނާގެ އާއިލާ މަސައްކަތްކުރަމުންދާކަން އެގުމުން އަހަރެންނަކީ އެކަނިވެރިއެއް ނޫންކަން އިހުސާސްވެ ހިއްވަރުލިބުނެވެ.

އެދުވަހު އެދެމީހުންނާއި ވާހަކަ ދައްކާލުމަށް ލިބުނީ ކިތަންމެ ކުޑަ ވަގުތުކޮޅެއް ނަމަވެސް  ހިތުގައި އުފެދި ޤަބޫލުކުރެވެމުންދިޔަ އެތަށް ކުންހީ ތަކެއްގެ ހަޤީޤަތް އެގިގެންދިޔައެވެ. ޒިޔާންގެ ކައިވެނި ވެގެންދިޔައީ އަހަރެންގެ ނީނާ އާއެވެ. އެކަން އެގުމުން އަހަރެން ހިތަށް ކޮންމެވެސް ވަރެއްގެ ހިތާމައެއް ވެރިވިޔަސް ރީޝާ އަދިވެސް ހުރީ އަހަރެންނަންޓަކައިކަން އިޙުސާސްވުމުން ލިބުނު އުފާ މާބޮޑެވެ. އެމީހުންގެ ފަރާތުން އެކަން ސާފުވީ ނަމަވެސް އެއީ އަހަރެންގެ ނީނާކަން އެމީހުނަށް އެނގޭ ހެނެއް ހިއެއްނުވެއެވެ. އަނެއްކާ ނީނާއަށްވެސް ޒިޔާން އަކީ އަހަރެންގެ ރަޙުމަތްތެރިއެއްކަން ނޭނގެނީބާވައެވެ. އަހަރެންދެކެ އައިސްހުރި ރުޅީގައި ޒިޔާން ނީނާގާތު އަހަރެންގެ ވާހަކަވެސް ނުދައްކަނީބާވައެވެ.

ކޮންމެ ގޮތެއްވިޔަސް އަލުން އަބުރާ އެދެމީހުންގެ ރަޙުމަތްތެރިކަން އަހަރެންނަށް މަރުޙަބާ ކިޔަތީ އަހަރެން އުފާވިއެވެ. އެއީ ރަގަނޅު ދިރިއުޅުމެއް އުޅުމަށް ލިބުނު ހިއްވަރެއް ކަމުގައި ދުށީމެވެ.

(ނުނިމޭ)

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!