ނ. އަތޮޅު މަނަދޫން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ މީހާ އާއި ޑައިރެކްޓް ކޮންޓެކްޓް ވެފައިވާ 11 މީހަކު މިހާރު ކަރަންޓީނު ކޮށްފައިވާ ކަމަށް އެރަށުން ބުނެފި އެވެ.
ހޯމް ކަރަންޓިނުގައި ހުރި މީހަކު ދޫކޮށްލުމަށް ހެދި ޓެސްޓުން އޭނާ ވަނީ ޕޮޒިޓިވް ވެފަ އެވެ. އެހެން ނަމަވެސް އެމީހާ ވަނީ ހޯމް ކަރަންޓީނާއި ހިލާފްވެ ހުކުރު ނަމާދަށާއި އަދިވެސް ރަށުގެ ގިނަ ތަންތަނަށް ގޮސްފަ އެވެ.
ހޮސްޕިޓަލްގެ މެނޭޖަރު އިސްމާއިލް ޝަފީގު ވިދާޅުވީ ޕޮޒިޓިވްވި މީހާގެ ކޮންޓެކްޓް ޓްރޭސިން ހަދައި ރޭ ނިންމާލިއިރު 11 މީހެއްގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ އެ ލިސްޓު ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އަށް ފޮނުވާފައިވާ ކަމަސާއި ޑައިރެކްޓް ކޮންޓެކްޓްވި މީހުންގެ މައުލޫމާތު އިތުރަށް ބަލައި އަދަދު ފައިނަލްކުރާނީ އެތަނުން ކަމަށެވެ.
ޕޮޒިޓިވްވި ފިރިހެން މީހާ އަދި ޑައިރެކްޓް ކޮންޓެކްޓްވި މީހުންގެ ފަރާތުން ވެސް ބަލީގެ އެއްވެސް އަލާމާތެއް ނުފެނެ އެވެ. ޑައިރެކްޓް ކޮންޓެކްޓްވި މީހުންގެ ތެރޭގައި ހައި ރިސްކް ކެޓަގަރީގެ މީހަކު ނެތެވެ.