އެޗްޕީއޭގެ އެންގުމާ ހިލާފުވާނަމަ ފިޔަވަޅު އަޅާނަން: ފުލުހުން

އެޗްޕީއޭގެ އެންގުމާ ހިލާފަށް އެއްނުވުމަށާއި، އެފަދަ އެއްވުންތައް ބާއްވާ ފަރާތްތަކަށް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ފުލުހުން ދީފިއެވެ.

ފުލުހުން މިހެން ވިދާޅުވީ އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީގެ ޒުވާނުން މިއަދު ހަވީރު ވެސް ސައިކަލް ބުރެއް ބާއްވާނެކަން އިއުލާން ކުރައްވާފައި ވަނިކޮށް ދެންމެ ކުރި ޓްވީޓެއްގައެވެ.

ފުލުހުން ބުނީ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައި މި ދަނޑިވަޅުގައި އާންމު ތަންތަނުގައި އެއްފަހަރާ ގިނަ މީހުން އެއްނުވުމަށް ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު އަންގަވާފައިވާ އެންގެވުމާ ހިލާފަށް ބައެއް ފަރާތްތަކުން އެއްވުން ބޭއްވުމަށް ރާވަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

އަދި އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ މި ހާލަތުގައި އެޗްޕީއޭގެ އެންގުންތަކާ ހިލާފަށް އެއްނުވުމަށާއި، ރައްޔިތުންގެ ރައްކާތެރިކަން ކުރިއަށް ނެރެ، ހުރިހާ ފަރާތްތަކަކުން ވެސް އެޗްޕީއޭގެ އިރުޝާދުތަކާ އެއްގޮތަށް އަމަލުތައް ބެހެއްޓުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

“އެޗްޕީއޭގެ އެންގެވުމާ ހިލާފަށް އެއްވުންތައް ބާއްވާ ފަރާތްތަކާއި، އެއްވުންތަކުގައި ބައިވެރިވާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅާނެ” ފުލުހުން ބުންޏެވެ.

އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީ ވަނީ މިދިޔަ މަހުގެ 28 ވަނަ ދުވަހު ވެސް މާލޭގައި ސައިކަލް ބުރެއް ބާއްވާފައެވެ. އެސައިކަލް ބުރާއި ގުޅިގެން ކުރީގެ ރައީސް ޑރ.މުހައްމަދު ވަހީދު ހަސަން މަނިކާއި ޕީއެންސީގެ ނައިބު ރައީސް އަބްދުލްރަހީމް އަބްދުﷲ (އަދުރޭ) އާއި އެހެން ބައެއް އިސް ބޭފުޅުން ޖޫރިމަނާ ވެސް ކުރިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!