ކޮވިޑް-19 ފެތުރެން ފެށުމާއެކު ދަތުރުތައް މެދުކަނޑާލުމަށް ފަހު، ރަޝިއާގެ ގައުމީ އެއާލައިން، އެއިރޯފްލޮޓްގެ ދަތުރުތައް ރާއްޖެއަށް އަލުން ފަށައިފި އެވެ.
ރަޝިއާގެ ވެރިރަށް މޮސްކޯ އާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އާ ދެމެދު ކުރާ ފަތުރުތައް އިއްޔެ އަލުން ފެށިއިރު، ހަފްތާއަކު ދެ ދުވަހު އެ އެއާލައިނުން ދެން ރާއްޖެ އަންނާނެ އެވެ.
އެއިރޯފްލޮޓް ރާއްޖެ އަންނާނީ ބުރާސްފަތު ދުވަހާއި އާދީއްތަ ދުވަހު އެވެ. އަދި އެ ފްލައިޓް ރާއްޖެއިން ފުރާނީ ހުކުރު ދުވަހާއި އާދީއްތަ ދުވަހު އެވެ.
ރަޝިއާއިން މި ފްލައިޓް ފެށުމަކީ ރާއްޖޭގެ ޓޫރިޒަމް ސިނާއަތަށް ލިބިގެން ދިޔަ އުންމީދެއްގެ ގޮތުގައި ސިނާއަތުގައި މަސައްކަތް ކުރާ ފަރާތްތަކުން ދެކެ އެވެ.
ކޮވިޑް-19 އާ ގުޅިގެން ރާއްޖެ ލޮކްޑައުންކޮށް، ބޯޑަރު ބަންދުކުރުމަށް ފަހު، މިދިޔަ ޖުލައި 15 ގައި ބޯޑަރު ހުޅުވުމާއެކު ފްލައިޓުތައް ދަނީ މަޑުމަޑުން ރާއްޖެއަށް ދަތުރު ކުރަން ފަށަމުންނެވެ.