ކޮވިޑް-19 އާ ގުޅިގެން އައިސްފައިވާ އިގްތިސާދީ ދަތިތަކުން އަރައިގަތުމަށް ބޮޑެތި ވިޔަފާރިތަކަށް މިހާތަނަށް 522.2 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފި އެވެ.
ފިނޭންސް މިނިސްޓްރީން ނެރުނު ތަފާސްހިސާބުތަކުން ދައްކާގޮތުން، އިގްތިސާދީ ރިލީފް ޕެކޭޖުގެ ދަށުން ރިކަވަރީ ލޯން ސްކީމުގައި ބައިވެރިިވި 367 ފަރާތަކަށް ވަނީ5222 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައެވެ.
ބީއެމްއެލް މެދުވެރިކޮށް ދޫކުރާ ލޯނަށް އެދި 562 ވިޔަފާރިއަކުން ލޯނަށް ހުށައަޅާފައިވާއިރު، މިހާތަނަށް 397 ވިޔަފާރިއަކަށް ލޯނު ދޫކުރަން އެޕްރޫވް ކުރައްވާފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފައި ވެއެވެ. އަދި މި ޕްރޮސެސްގެ ތެރެއިން، ޕްރޮސެސް ކުރުމުގެ މަރުހަލާގައި 17 ފޯމެއް ވާއިރު، 17 ފޯމެއް ވަނީ ރިޖެކްޓު ވެސް ކޮށްފައިކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.
އެ ސްކީމަށް އެދި ހުށަހެޅެނީ ރަޖިސްޓްރީކޮށްފައިވާ ރިސޯޓުތައް އަދި ވިޔަފާރިތަކުގެ ތެރެއިން 2019 ވަނަ އަހަރު 10 މިލިއަން ރުފިޔާއަށްވުރެ އިތުރަށް އާމްދަނީ ލިބިފައިވާ ވިޔަފާރިތަކަށެވެ.
ބީއެމްއެލުން ލޯނުތައް ދޫކުރަނީ ރަހުނަކާ ނުލާ ހައެއް އިންސައްތަ އިންޓްރެސްޓް ރޭޓުގައި ގިނަވެގެން ހަ މަސް ދުވަހުގެ ގްރޭސް ޕީރިއަޑަކާ އެކު އެވެ. އަދި ގްރޭސް ޕީރިއަޑް މުއްދަތުގެ ތެރޭގައި އިންޓްރެސްޓް އަދި ޕްރިންސިޕަލް ވެސް އަނބުރާ ދައްކާކަށް ނުޖެހެ އެވެ.
މިއީ ތިން އަހަރުގެ ތެރޭގައި އަނބުރާ ދައްކަން ޖެހޭ ލޯނެކެވެ.