ކޮވިޑް19ގެ ސަބަބުން އާމްދަނީ އަށާއި ވަޒީފާ އަށް އަސަރުކޮށްފައިވާ މީހުންނަށް ސަރުކާރުންދޭ އިންކަމް ސަޕޯޓު އެލަވެންސުގެ ގޮތުގައި 59.1 މިލިއަން ރުފިޔާ ދޫކޮށްފި އެވެ.
ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި އިންކަމް ސަޕޯޓް އެލަވެންސް މިހާތަނަށް 6،388 މީހަކަށް ވަނީ ދީފަ އެވެ. އަދި އެ މީހުންނަށް ޖުމްލަ 14،105 ބުރެއްގައި ފައިސާ ދޫކޮށްފައި ވެއެވެ. މިހާތަނަށް ސްކީމުން ދޫކުރި ފައިސާގެ އަދަދު 59.1 މިލިއަން ރުފިޔާއަށް އަރަ އެވެ.
އިންކަމް ސަޕޯޓް އެލަވަންސްގެ ގޮތުގައި ދެނީ ވަޒީފާ ގެއްލުނު ކޮންމެ މީހަކަށް 5،000 ރުފިޔާ އަދި މުސާރަ އެންމެ މަދުވެގެން 5،000 ރުފިޔާ ނުލިބޭ ފަރާތްތަކަށް އެއަދަދަށް ހަމަވާ ވަރުގެ އަދަދެކެވެ. އެ ފައިސާ ދޫކުރަނީ އެންސްޕާ މެދުވެރިކޮށެވެ.
އެލަވަންސަށް އެދި ހުށަހެޅޭނީ އޮންލައިން ޕޯޓަލް މެދުވެރިކޮށެވެ.
ކޮވިޑް-19 އާ ގުޅިގެން ވިޔަފާރިތަކާއި ފަރުދުންނަށް ލިބިފައިވާ ގެއްލުންތަކަށް ލުޔެއް ހޯދައި ދިނުމަށްޓަކައި ސަރުކާރުން ވަނީ 2.5 ބިލިއަން ރުފިޔާގެ “އިކޮނޮމިކް ރިލީފް ޕެކޭޖެ” އް ނެރެފަ އެވެ. އެ ޕެކޭޖުގެ ދަށުން އިންކަމް އެލަވަންސަށް އެދި ހުށަހެޅޭނީ ޖޮބް ސެންޓަރު މެދުވެރި ކޮށެވެ. އޮންލައިންކޮށް ހުށަހެޅުމަށް ކުރިން އުޒުރުވެރިވެފައިވާ ފަރާތްތަކުން، އީފާސް ގައި ރަޖިސްޓާ ވުމަށް ފަހު، އޮންލައިން ފޯމް ފުރިހަމަކޮށް މިނިސްޓްރީ އަށް ހުށަހަޅަން ޖެހެ އެވެ.